Roadha Mihaaru
"ޒީރޯ" ގެ ސްކްރީންޕްލޭ އަށް ސުމެއް

ޝާހްރުކް ހާންގެ "ޒީރޯ" ގެ ސްކްރީންޕްލޭ އަށް ސުމެއް

21 ޑިސެމްބަރ 2018

މިއަދު ރިލީޒްކުރި، ޝާހްރުކް ހާންގެ ފިލްމު "ޒީރޯ" ސްްކްރީންޕްލޭ ފީކަޅާކަމުން، ފިލްމަށް ކުރި އުންމީދު ފެނަށްވެފައިވާ ކަމަށް ގިނަ ކްރިޓިކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަދު ރިލީޒްކުރި، ޝާހްރުކް ހާންގެ ފިލްމު "ޒީރޯ" ސްްކްރީންޕްލޭ ފީކަޅާކަމުން، ފިލްމަށް ކުރި އުންމީދު ފެނަށްވެފައިވާ ކަމަށް ގިނަ ކްރިޓިކުން ބުނެފި އެވެ.

މި ފިލްމަކީ "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމާއި "ރާންޖަނާ" ކަހަލަ މޮޅު އަދި ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުތައް ގެނެސް ދިން އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް، އަދި އަހަރުގެ އެންމެ އުންމީދީ ފިލްމުގެ ގޮތުގައި ބެލެވުނު "ޒީރޯ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ހިމާންޝޫ ޝަރުމާ އެވެ.

މީގައި ކިޔައިދެނީ އިސްކޮޅުން ކުރު މީހެއްގެ ލޯބީގެ ވާހަކަ އެވެ. ޝާހްރުކް ހާން ޑްވާފެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ ސްކްރީންޕްލޭގައި މާ ހާއްސަ އަދި ޝައުގުވެރި ކަމެއް ނެތް ކަމަށް ގިނަ ބަޔަކު އިތުބާރު ކުރާ ކްރިޓިކުންގެ ތެރޭގައި ހިމެނޭ ތަރަން އަދާޝް އާއި ކޯމަލް ނަހަޓާ ބުންޏެވެ.

ތަރަން ބުނި ގޮތުގައި އާނަންދުގެ ފިލްމަކާ ބަލައިފައި "ޒީރޯ" އަކީ ސުމެއްގެ ފިލްމެކެވެ. އަދި އޭނާ ފިލްމަށް އެންމެ ދޮޅު ތަރީގެ ރޭޓިންއެއް ދިނުމަށް ފަހު ފިލްމު ސިފަކޮށްފައި ވަނީ "އެޕިކް ޑިސަޕޮއިންޓްމަންޓް" އެއްގެ ގޮތުގަ އެވެ. ތަރަން ބުނި ގޮތުގައި އާނަންދުގެ ޑައިރެކްޝަނުގައި ވެސް މި ފަހަރު ދޯހަޅި ކަންތައްތައް ގިނަ އެވެ.

އޭނާ ބުނީ ފިލްމުގެ ވާހަކަ ފީކަޅާ ނަމަވެސް، މީގެ އޭ ލިސްޓް ކާސްޓް ވަނީ އެ މީހުންގެ ހުނަރުން ފިލްމު އެއްޗަކަށް ހަދައި ދޭން ވަރަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން ޝާހްރުކް ޑްވާފެއްގެ ރޯލް ވަރަށް މޮޅަށް ކުޅެފައިވާ އިރު، އަނުޝްކާގެ އެކްޓިން އޭގެ އެންމެ މަތީ ފެންވަރުގައި ދައްކައިލަ ދީފައިވާ ކަމަށް ބުންޏެވެ. އޭނާ "ޒީރޯ" ގައި ކުޅެފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ނުކުޅެދޭ މީހެއްގެ ރޯލެވެ. ތަރަން ބުނި ގޮތުގައި މި ފިލްމުގެ ސަޕްރައިޒަކީ ކެޓްރީނާ ކެއިފް އެވެ.

އޭނާ ބުނި ގޮތުގައި ރަލަށް ދެވި ހިފާފައިވާ ފިލްމީ ތަރި ބަބީތާ ކުމާރީގެ ރޯލް ކެޓްރީނާ ވަނީ ވަރަށް މޮޅަށް ދައްކުވައި ދީފަ އެވެ. އަބަދު ވެސް އެކްޓް ކުރަން ނޭނގޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ކެޓްރީނާ އަށް މި ފަހަރު ގިނަ ކްރިޓިކުން ތައުރީފުކޮށް ބުނެފައި ވަނީ އޭނާއަށް އެކްޓް ކުރެވޭކަން "ޒީރޯ" އިން ސާބިތުކޮށް ދީފި ކަމަށެވެ.

"ޒީރޯ" ގެ ގިނަ ރިވިއުތަކަށް ބަލާ އިރު، ގިނަ ކްރިޓިކުން އެންމެ ކަމުދިޔަ ކަމަކަށްވީ މި ފިލްމުގެ ވީއެފްއެކްސް އެވެ. އަދި މިއީ އިންޓަނެޝަނަލް ފެންވަރުގެ ވީއެފްއެކްސް ފެނިގެންދާ ފިލްމެއް ކަމަށް ބުންޏެވެ. އެގޮތުން ޑްވާފެއްގެ ގޮތުގައި ޝާހްރުކް ފެންނަލެއް ވަރަށް އަސްލާ އެއްގޮތް ކަމަށް ކްރިޓިކުން އެއްބަސްވެފައިވެ އެވެ. މީގެ އިތުރުން މި ފިލްމުގެ މިއުޒިކާއި ސިނަމޮޓޯގްރީ ޗާލު ކަމަށް ގިނަ ކްރިޓިކުން އިއްތިފާގުވެ އެވެ. މި ފިލްމަ ބަލައިލަން ބެލުންތެރިން ސިނަމާތަކަށް ދާނެ އެއް ސަބަބެއް ކަމަށް ކްރިޓިކުން ފާހަގަ ކުރީ މި އަހަރުގެ ކުރީކޮޅު މަރުވި ބަތަލާ ސްރީދޭވީގެ މިނިޓެއްހާ ދިގުމިނުގެ ހާއްސަ ފެނިލުމެއް ހިމެނުމެވެ.

ޖުމްލަކޮށް މުޅި ފިލްމަށް އިޝާރާތްކޮށް ކޯމަލް ބުނީ "ޒީރޯ" އުންމީދު ކުރި ވަރުގެ ފިލްމަކަށް "ޒީރޯ" ނުވި ކަމަށާއި މިއީ ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާނެ ފިލްމަކަށް ނުބެލެވޭ ކަމަށެވެ.

"ޒީރޯ" ކްރިޓިކުން މާޔޫސްކޮށްލި އިރު، މި ފިލްމަކީ ހިޓަކަށްވުން ޝާހްރުކަށް ވަރަށް މުހިއްމު ފިލްމެވެ. ސަބަބަކީ އޭނާގެ އެންމެ ފަހުގެ ތިން ފިލްމު ވެސް އެކަށީގެންވާ ވަރަށް ނުހިނގުމެވެ. އެއީ މިދިޔަ އަހަރު ރިލީޒް ކުރި "ޖަބް ހެރީ މެޓް ސޭޖަލް" އާއި 2016 ގެ "ފޭން" ގެ އިތުރުން 2015 ގެ "ދިލްވާލޭ" އެވެ.

ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އާނަންދުގެ ކަލާ ޔެލޯ ޕްރޮޑަކްޝަން ގުޅިގެން ގެނެސް ދިން "ޒީރޯ" އަކީ 200 ކްރޯޑް ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. މިހާރު ސުވާލަކީ ފިލްމަށް ކުރި ހަރަދު ފޫބެއްދޭނެތޯ އެވެ؟

ބޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ މީހުން ތިބީ މިއަށް ވާ ގޮތެއް ބަލާށެވެ.