Roadha Mihaaru
"ޒީރޯ" ފެއިލްވުމަކުން މާޔޫސެއް ނުވޭ: އާނަންދު

"ޒީރޯ" ފެއިލްވުމަކުން މާޔޫސެއް ނުވޭ: އާނަންދު އެލް ރާއީ

23 ޖެނުއަރީ 2019

ބޮޑެތި އުންމީދުތަކަކާ އެކު މިދިޔަ މަހު ރިލީޒްކުރި ފިލްމު "ޒީރޯ" ފެއިލް ވިޔަސް މާޔޫސް ނުވާ ކަމަށާއި އެ ފިލްމު ހެދުނީތީ ވަރަށް އުފާވާ ކަމަށް ޑައިރެކްޓަރު އާނަންދް އެލް ރާއީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮޑެތި އުންމީދުތަކަކާ އެކު މިދިޔަ މަހު ރިލީޒްކުރި ފިލްމު "ޒީރޯ" ފެއިލް ވިޔަސް މާޔޫސް ނުވާ ކަމަށާއި އެ ފިލްމު ހެދުނީތީ ވަރަށް އުފާވާ ކަމަށް ޑައިރެކްޓަރު އާނަންދް އެލް ރާއީ ބުނެފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި، ހުނަރުވެރި ޑައިރެކްޓަރު ބުނީ ޑްވާފެއްގެ ވާހަކަ ކިޔައިދޭ "ޒީރޯ" އަކީ އޭނާ ބެލުންތެރިން ގެނެސްދޭން ހިތުއިލައިގެން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުނު ފިލްމެއް ކަމަށެވެ.

އެގޮތުން "ރާންޖަނާ" އާއި "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމު ގެނެސް ދިން އިރު ވެސް، "ޒީރޯ" އަކީ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔަ ފިލްމެއް ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް އުފާކުރަން އެ ފިލްމު އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސް ދެވުނީތީ. އެއީ ކާމިޔާބީއެއްގެ ގޮތުގައި އަހަރެން ދެކެނީ،" އާނަންދު ބުންޏެވެ. "މަސައްކަތުގައި އަބަދު ވެސް އޮންނާނީ ކާމިޔާބީ އާއި ނާކާމިޔާބީ. އެހެންވީމާ ނާކާމީޔާބިއަކާ ކުރިމަތިލާން ޖެހުމަކީ އެއްކޮށް ހިތްމަރުވެ، މާޔޫސް ވާން ޖެހޭ ސަބަބެއް ނޫން."

އޭނާ ބުނި ގޮތުގައި ޑައިރެކްޓަރެއްގެ ގޮތުގައި އަބަދު ވެސް ބޭނުން ވަނީ އެކްސްޕެރިމަންޓްކޮށް، ރިސްކާ ވެސް ކުރިމަތިލާށެވެ.

"ޒީރޯއަކީ އަހަރެންގެ ހިތާ ވަރަށް ގާތް ފިލްމެއް. އެކަމަކު މި ފަހަރު މި ދިމާވި ގޮތަކީ ފްލައިޓަށް އަރައިގެން ގޮސް ނުބައިކޮށް ލޭންޑް ކުރެވުނީ" އާނަންދު ބުންޏެވެ. "އެހެންވީމާ މިއީ ވެސް ފިލާވަޅެއްގެ ގޮތުގައި ދެކި، އެއިން އިބުރަތެއް ހާސިލުކޮށްގެން ކުރިއަށް ދިއުމުގެ ހިތްވަރު އަހަރެންގެ އެބަހުރި."

ޖުމްލަ 200 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ޒީރޯ" އަކީ ކުރި ހަރަދު ވެސް އަނބުރާ ނުލިބުނު ފިލްމެކެވެ. އިންޑިއާ އާއި އިންޑިއާގެ ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ފިލްމަށް ލިބުނީ ޖުމްލަ 172.64 ކްރޯޑް ރުޕީސް އެވެ.

"ޒީރޯ" ގެ ތަރިންނަކީ ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކެއިފެވެ.