Roadha Mihaaru
ގާސިމްގެ މައްސަލާގައި މެމްބަރުންގެ ހޫނު ރައްދު މަސީހަށް

ގާސިމް ހާޒިރުކޮށް ނުދިން މައްސަލާގައި މެމްބަރުންގެ ހޫނު ހަމަލާތަކެއް މަސީހަށް

12 އެޕްރީލް 2017

ފުލުހުންގެ ބަންދުގައި ހުންނެވި ދުވަސްތަކުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް ހާޒިރުކޮށް ނުދިން މައްސަލާގައި އިދިކޮޅު މެމްބަރުންގެ ބޮޑެތި ފާޑު ކިޔުންތަކެއް މަޖިލިހުގެ ރައީސް އަބްދުﷲ މަސީހަށް މިރޭ އަމާޒުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުލުހުންގެ ބަންދުގައި ހުންނެވި ދުވަސްތަކުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް ހާޒިރުކޮށް ނުދިން މައްސަލާގައި އިދިކޮޅު މެމްބަރުންގެ ބޮޑެތި ފާޑު ކިޔުންތަކެއް މަޖިލިހުގެ ރައީސް އަބްދުﷲ މަސީހަށް މިރޭ އަމާޒުކޮށްފި އެވެ.

ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ ކޯޓުގެ އަމުރަކަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މިދިޔަ ބުރާސްފަތިދުވަހު ފުލުހުން ހައްޔަރުކޮށް، ބަންދަށް ހަ ދުވަސް ޖެހި އެވެ. އެކަމަކު އެ އަމުރު ގާސިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އަމުރުކުރީ ގާސިމް ދޫކޮށްލުމަށެވެ. ސަބަބަކީ އޭނާ ހައްޔަރުކުރީ ރައްޔިތުންގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެވެ. އެހެންވެ ގާސިމް ވަނީ މިއަދު މެންދުރު ދޫކޮށްލައިފަ އެވެ.

ގާސިމް ވަނީ މަޖިލިހުގެ މިރޭގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ކުނުޒްގައި ބޭއްވި ޖަލްސާގައި ގާސިމް އޭނާގެ ސަޕޯޓަރުންނަށް އަތުން އިޝާރާތް ކޮށްލައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު ފަރާތްތަކުން މިރޭ ކުނުޒްގައި ބޭއްވި ޖަލްސާގައި ގާސިމް އޭނާގެ ސަޕޯޓަރުންނަށް އަތުން އިޝާރާތް ކޮށްލައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިރޭ 9:00 ގައި ބޭއްވި މަޖިލިހުގެ ކުއްލި ޖަލްސާގައި ގާސިމް ވިދާޅުވީ މަޖިލިހަށް ހާޒިރުވުމުގެ ފުރުސަތު އޭނާ އަށް ނުދިނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް އޭނާ ހައްޔަރުކުރިކަން އެނގިވަޑައިގެން ފިޔަވަޅު ނާޅުއްވައި ހުންނެވުމަކީ މަޖިލިހުގެ ރިޔާސަތުގެ އިތުބާރު ގެއްލިގެންދާ ސަބަބެއް ކަމަށް ގާސިމް ވިދާޅުވި އެވެ. މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ހުށަހަޅަން ޖެހެނީ އެހެންވެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ އޭނާ ގާނޫނާ ހިލާފަށް ހައްޔަރުކުރިއިރު، މިފަދަ ކަންކަން މަޖިލީހުގެ އެހެން މެމްބަރުންނަށް ތަކުރާރުވިޔަ ނުދިނުމަށް އެދިވަޑައިގެންފަ އެވެ.

ގާސިމްގެ ވާހަކަތަކާ ގުޅިގެން މަސީހު ވިދާޅުވީ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ވެސް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިމާރާތް ކުރުމުގެ ބިލު ފާސް ކުރަން މިރޭ ބޭއްވި މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ގާސިމް ޖަލުގައި ފަސް ދުވަހު އިންނަވަން ޖެހިވަޑައިގަތީ މަޖިލިހުގެ ރައީސް މަސީހުގެ "އަނިޔާވެރިކަމުގެ" ސަބަބުން ކަމަށެވެ.

ގާސިމް ހައްޔަރު ކުރި މައްސަލައިގައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލިހުން ބަލައިނުގަތް ކަން ޣަފޫރު ފާހަގަކުރެއްވި އެވެ. އަދި މަސީހު ގަވާއިދާ ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީ ރައްޔިތުންގެ ކިބައިން މަޖިލިހުގެ ރައީސް މާފަށް އެދިވަޑައިގަތުމަށް އޭނާ ގޮވާލެއްވި އެވެ.

ގާސިމް ފުލުހުންގެ ލޯންޗެއްގައި ދޫނިދޫއަށް ގެންދަނީ. ގާސިމް ދޫކޮށްލުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގާސިމް ފުލުހުންގެ ލޯންޗެއްގައި ދޫނިދޫއަށް ގެންދަނީ. ގާސިމް ދޫކޮށްލުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ތި ގޮނޑީގައި އިންނަވާ ބޭފުޅަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން، ރައްޔިތުން އައްޔަންކޮށްފައި އިންނަވާ ބޭފުޅެއް. އެކަމަކު ފެންނަނީ ސިޔާސީ ބޭނުމުގައި ރައްޔިތުންނަށް އަނިޔާވެރިވާ މަންޒަރު،" ޣަފޫރު ވިދާޅުވި އެވެ.

މަޖިލިހުގެ މެމްބަރެއްގެ ހައިސިއްޔަތުން އިންސާފު ލިބިވަޑައިގަންނަވަން ޖެހޭނެ ކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ ގާނޫނާ ހިލާފަށް މެމްބަރަކު ހައްޔަރުކުރިއިރު، އެކަމަށް "ބީރު ކަންފަތެއް" ދެއްވީ މަޖިލިހުގެ ރައީސް ކަމަށެވެ. މަސީހް ކުރައްވާ "ހަޑިމުޑުދާރު އަމަލުތަކުގެ ސަބަބުން" ލަދުގަންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަސީހަކީ ސަރުކާރަށް އެއްބާރުލުން ދެއްވުމުގައި "ހައްދުފަހަނަޅައިފައިވާ" ބޭފުޅެއް ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

"މެމްބަރުން ތިއްބެވީ ބިރުވެރިކަމެއްގައި. ކޯޓަށް ދާން ނުޖެހޭ އެންމެ މެމްބަރެއް ވެސް ނެތް. އަޅުގަނޑުމެންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވީ މަޖިލިހުގެ ޖަލްސާތަކަށް ގާސިމް ގެންނަވަން ފުލުހުންނަށް އަންގަން ޖެހޭނީ މަޖިލިހުގެ އިދާރާ އިން ކަމަށެވެ. ނަމަވެސް އެ ގޮތަށް ފުލުހުންނަށް އަންގާފައި ނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ހުސެއިން މުހައްމަދު ވިދާޅުވި ގޮތުގައި މީގެ ކުރިން ބައެއް މެމްބަރުން ހައްޔަރުކޮށްފައި ތިއްބައި މަޖިލިހުގެ ޖަލްސާތަކަށް ވެސް ހާޒިރު ކުރި އެވެ. އެހެންވެ، ގާސިމް މަޖިލިހަށް ހާޒިރުނުކޮށްދިނީ ކީއްވެގެންތޯ އާއި އިމްތިޔާޒް ކޮމެޓީ ނުބާއްވައި، ގާސިމް ހައްޔަރު ކުރީ ކީއްވެގެންތޯ އޭނާ ވަނީ ތަކުރާރުކޮށް ސުވާލުކު ރައްވައިފަ އެވެ.

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަސީހު މަސައްކަތް ކުރައްވަނީ މަޖިލިހުގައި ތިއްބެވިހާ މެމްބަރުން ޖަލަށް ގެންގޮސްގެން، މަޖިލިހުގެ ރައީސްގެ ގޮނޑި ދިފާއު ކުރެއްވުމަށް ކަމަށެވެ. މަޖިލިހުގެ ތެރެއިން މަސީހު އަމަލު ކުރައްވަމުން ގެންދަވާ ގޮތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ތާއީދު މަސީހަށް ގެއްލިފައިވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

"ލޯކަލް ކައުންސިލް އިންތިހާބު ފުލުފުލުން ފަސް ކުރަމުން ދަނީ މަނިކުފާނާއި މަނިކުފާނު ޕާޓީ (ޕީޕީއެމް) ގެ ތާއީދު ނެތުމުން. ތިޔަ ގޮނޑީގައި އިންނަވާ ކަމަށް ވާނަމަ، ކުޑަމިނުން އަދާކުރައްވަން ޖެހޭ ޒިންމާތައް އަދާކުރައްވަން އެބަޖެހޭ،" ރޮޒެއިނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިނުގަތުމުން ނިޒާމީ މައްސަލަ ނަންގަވައި ތިމަރަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ މަސީހަކީ "ކުފޫ" ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި މަޖިލިހުގެ ރައީސް ކަމަށް މަސީހު އިންނަވަން ރައްޔިތުން ގަބޫލުނު ނޫން ކަމަށާއި މަޖިލިހުގެ ރައީސްގެ ގޮނޑިއަކީ "ވަގަށް" ނަގާފައިވާ ގޮނޑިއެއް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.