Roadha Mihaaru
އިސްތިއުފާ ދިނީ ޒިންމާ އަދާނުކުރެވޭނެކަން ޔަގީންވުމުން

އެމްއެމްއޭއިން އިސްތިއުފާ ދިނީ ޒިންމާ އަދާނުކުރެވޭނެކަން ޔަގީންވުމުން: އާތިފް

05 ނޮވެމްބަރ 2018

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރާ ސުވާލުކުރުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ވިދާޅުވުމުން އެ ވާހަކަ އަށް އާތިފު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރާ ސުވާލުކުރުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ވިދާޅުވުމުން އެ ވާހަކަ އަށް އާތިފު ރައްދު ދެއްވައިފި އެވެ.

ކަމިޝަނާ އޮފް ޕޮލިސްގެ މަގާމު ވެސް ކުރިން އަދާކުރައްވާފައިވާ ރިޔާޒް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްއާ ސުވާލު ކުރުމުގެ ކުރިން އާތިފްއާ ސުވާލުކުރުން މުހިއްމު ކަމަށެވެ. ރިޔާޒްގެ އެ ވާހަކަ އަށް ރައްދު ދެއްވަމުން އާތިފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ 2015 ވަނަ އަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ ގާނޫނީ ޒިންމާ އަދާ ނުކުރެެއްވޭނެކަން ޔަގީންވުމުން ކަމަށެވެ.

"އޭސީސީން އަޅުގަނޑާ ތަކުރާރުކޮށް ސުވާލުކޮށް ތަފުސީލީ ބަޔާން ވަނީ ނަގާފައި،" އޭނާގެ ޖަވާބުގައި ވެ އެވެ.

ރިޔާޒް ކުރެއްވި ޓްވީޓާއި އާތިފު ދެއްވި ޖަވާބު

ނަމަވެސް 2015 ވަނަ އަހަރު އާތިފް އިސްތިއުފާ ދެއްވުމަށް ފަހު މީޑިއާ އަށް ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރައްވަން ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭރަކު ނުދެއްވައެވެ.

އެ ޓްވީޓާ ބެހޭ ގޮތުން އާތިފު އަށް މިއަދު ދެންނެވުމުން ވެސް އިތުރު މައުލޫމާތެއް ނުދެއްވަ އެވެ. ވިދާޅުވީ "ގާނޫނަކުން ކަނޑައެޅިފައިވާ މަގާމެއްގައި ހުރެގެން ކުރި މުއާމަލާތްތަކުގެ ތަފުސީލު ހާމަކުރުން ރަނގަޅީ ޝަރީއަތުގެ މަޖިލިސްއެއްގައި ނުވަތަ ގާނޫނަކުން ބާރު ލިބޭ ތަހުގީގެއްގައި" ކަމަށެވެ.

"އެހެންވެ ކުރެވުނު މަސައްކަތުގެ އިތުރު ތަފުސީލެއް ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ދެކެން،" އާތިފު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ހިންގަމުންދާ ތަހުގީގަށް އަޒީމާ ހާޒިރުވާން އެންގީ އެކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދައުރާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލަ އަކަށް ކަމަށް އެނގިފައިވެ އެވެ. އޭސީސީގެ ނައިބު ރައީސް މުވައްވިޒު ރަޝީދު މިއަދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވުމުގެ ކުރިން އޮންނަ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާގައި ބައެއް ފަރާތްތަކުގެ ބަޔާންތައް ނަގަން ޖެހޭ ކަމަށް ފާހަގަވުމުން އެ ފަރާތްތަކާ އެ ކޮމިޝަނުން ސުވާލުކޮށް، ބަޔާން ނަގަމުންދާ ކަމަށެވެ. އަޒީމާ ހާޒިރުވާން އެންގިތޯ ސުވާލު ކުރުމުން މުއައްވިޒު އެކަން ދޮގެއް ނުކުރެއްވި އެވެ.

"ބައެއް ފަރާތްތަކުގެ ބަޔާންތައް ނަގަމުން ދަނީ. ކުރިން އަޅުގަނޑުމެން ސުވާލުކޮށްފައި ތިބި ބައެއް ފަރާތްތަކުގެ ބަޔާންތައް ވެސް އެބަ ނަގަން،" މުއައްވިޒު ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި މީގެ ކުރިން ވެސް އޭސީސީން ވަނީ އަޒީމާގެ ބަޔާނެއް ނަގައިފަ އެވެ. އަޒީމާ އޭސީސީ އަށް ހާޒިރުވާން އެންގިއިރު، އޭނާ މިހާރު ދިރިއުޅުއްވަނީ ފިރިކަލުންނާ އެކު އެމެރިކާގަ އެވެ. އަޒީމާގެ ފިރިކަލުން އަލީ ނަސީރަކީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބެވެ.