މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ހުއްޓުވަން އެމްއެމްއޭ އިން އިހުމާލުވެފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެ އެވެ.
15 ފެބުރުއަރީ 2019
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ހުއްޓުވަން އެމްއެމްއޭ އިން އިހުމާލުވެފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ތަހުގީގުކޮށް ދެ އަހަރު ފަހުން އޭސީސީން އިއްޔެ ވަނީ ތަފްސީލް ރިޕޯޓް އާއްމުކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ އެކައުންޓަކުން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުގައި، ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް އެކަން ހުށަހެޅި އެވެ. ޝައްކު އުފެދޭ ޓްރާންސެކްޝަންތަކުގެ ތަފްސީލް ވެސް ފޮނުވި ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ހުށަހެޅި އެސްއޯއެފްގެ މައްސަލަ އެފްއައިޔޫ އިން ބަލައި ރިޕޯޓެއް ވެސް ތައްޔާރުކުރި އެވެ. އޭގައި، ޖުލައި، 2014 އިން ފެށިގެން ރާއްޖޭގެ އެކި ބޭންކްތަކުގައި އެސްއޯއެފުން ހުޅުވި އެކައުންޓްތައް ދިރާސާކުރި އިރު، އެމްއެމްޕީއާރުސީގެ 18 މިލިއަން ޑޮލަރު ވަދެފައިވާ ކަން އެފްއައިޔޫ އަށް އެނގުނު ކަމަށް ރިޕޯޓާ ހަވާލާދީ އޭސީސީން ބުންޏެވެ.
އެފްއައިޔޫގެ އެނަލިސިސް ރިޕޯޓާ ހަވާލާދީ އޭސީސީން ބުނީ އޮގަސްޓު 2014 އިން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން މުޅި ޖުމްލަ 9،100،000 ޑޮލަރު އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރި ކަން އެފްއައިޔޫގެ ތަހުގީގުން އެނގެން އޮތް ކަމަށެވެ.
އެކަމަކު އެސްއޯއެފަކީ އެހާ ބޮޑެތި ޓްރާންސެކްޝަންތައް ހިންގޭވަރުގެ ގާބިލް ކުންފުންޏެއް ކަމެއް، އެ ކުންފުނީގެ ވިޔަފާރި ފައިދާ އާއި އެކައުންޓް ބެލެންސް އިން ނުދައްކަ އެވެ. އެ ޓްރާންސެކްޝަންތަކަކީ އެ ކުންފުންޏާ ނުބައްދަލު ޓްރާންސެކްޝަންތަކެއް ކަން އެފްއައިޔޫ އިން ފާހަގަކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް އެނގިފައިވެ އެވެ.
އެސްއޯއެފްގެ މުއާމަލާތްތައް އާދަޔާޚިލާފު ނަމަވެސް، އެފްއައިޔޫ އިން ނިންމީ، އެ ޔުނިޓުން ބެލި ބެލުމުގައި، މަނީ ލޯންޑެރިންގެ އެއްވެސް އަމަލެއް ނުވަތަ މަނީ ލޯންޑެރިންއާ ގުޅިފައިވާ ކުށެއް ކަމަށް ޝައްކު ކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ. ރިޕޯޓުން ފާހަގަވި ކަންކަން އިތުރަށް ތަހުގީގު ކުރަން ކަމާ ގުޅޭ އިދާރާއަކަށް ފޮނުވަން އެފްއައިޔޫ އިން ބޭނުމެއް ނުވި އެވެ.
މަނީ ލޯންޑެރިންގެ ހެކި ލިބިފައި ނުވާ ކަމަށް އެފްއައިޔޫ އިން ބުނާ ވާހަކަ އޭސީސީން ގަބޫލެއް ނުކުރެ އެވެ. ސަބަބުތައް ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ.
- ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އެސްއޯއެފް އިން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގި ސަބަބު އެފްއައިޔޫ އިން ޔަގީނެއް ނުކުރި.
- ދައުލަތުގެ ކުންފުންޏަކުން (އެމްއެމްޕީއާރުސީން) ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރުމަށް ފަހު، ފައިސާގެ ގޮތުގައި ވިތުޑްރޯކޮށްފައި ވިޔަސް އެކަން ނުބެލުން.
- އެސްއޯއެފް އަށް ޖަމާކުރި ފައިސާ އަކީ އެ ކުންފުނިން ފޯރުކޮށްދިން ޚިދުމަތަކަށް އެމްއެމްޕީއާރުސީން ދޫކުރި ފައިސާ ކަން ފައިނޭންޝަލް ސްޓޭޓްމެންޓްތަކުން ފެންނަން ނެތުން.
- އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން ބޭނުންވި މައުލޫމާތު އެސްއޯއެފް އިން ނުދިން ކަން އެފްއައިޔޫ އަށް އެނގި ތިބެ އަޅާނުލުން.
- އެފްއައިޔޫގެ ޒިންމާ އަކީ މަނީ ލޯންޑެރިން ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް އިތުރަށް ތަހުގީގު ކުރަން ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވުން ކަމަށް ވިއަސް އެ ޒިންމާ އަދާކޮށްފައި ނުވުން.
އެސްއޯއެފް އެކައުންޓުތަކަށް ވަން އެމްއެމްޕީއާރުސީގެ ފައިސާ އަކީ މަނީ ލޯންޑެރިން އަށް ޝައްކު ކުރެވޭ ގޮތަށް ދައުރުވެފައިވާ ފައިސާ ކަމަށް ޝައްކުކުރާނެ ކަމެއް އެފްއައިޔޫ އަށް ނުފެނުނަސް، އޭސީސީން ބުނެފައި ވަނީ، އެއީ މަނީ ލޯންޑަރިން އަށް ޝައްކުކުރެވޭ ގޮތަށް ދޫކުރި ފައިސާ ކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.
ކުރީގެ ގަވަރުނަރު އަޒީމާ: ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ އަޒީމާ، އޭސީސީގެ ތަހުގީގަށް ހާޒިރުވާން ވެސް އެންގި. --ފޮޓޯ/މިހާރު
އޭސީސީގެ ތަހުގީގުގައި އެ ކޮމިޝަނުން ވަނީ، އެފްއައިޔޫގެ ކުރީގެ ހެޑް، އިބްރާހިމް އާތިފް ޝަކޫރުގެ ބަޔާން ނަގައިފަ އެވެ.
އެ ބަޔާނުގައި އާތިފް ވިދާޅުވެފައި ވަނީ، އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަމަށެވެ. ބަޔާނުގައި ނަން ވިދާޅުވެފައި ނުވި ނަމަވެސް އޭރު ގަވަރުނަރަކަށް ހުންނެވީ އައިޝަތު އަޒީމާ އެވެ.
އެކަމަކު އެކަން ތަހުގީގު ކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް އާތިފް ވިދާޅުވި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް.
ތަހުގީގަށް އޭނާ ވިދާޅުވި ގޮތުގައި، އެފްއައިޔޫގައި އޭރު ތިބީ އެންމެ ހަތަރު މުވައްޒަފުން ކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވެފައި ވަނީ އެ ޔުނިޓުން އެ ވަގުތު މަސައްކަތް އަމާޒުކުރާނީ ބޭރު ގައުމުތަކުން ހިންގާ ވަގު ފައިސާގެ ޓްރާންސެކްޝަންތައް ބަލައި ދިރާސާކުރަން ކަމަށެވެ. އެ މައްސަލަތައް ފިޔަވައި އެހެން ކަންކަން އެ ވަގުތު ބެލޭނެ ރިސޯސަސް ނެތް ކަމަށް އަޒީމާ ދާޅުވި ކަމަށް އާތިފާ ހަވާލާ ދެއްވައި އޭސީސީގެ ބަޔާނުގައިވެ އެވެ.
އަޒީމާ އަށް އެފްއައިޔޫގެ ރިޕޯޓް ހުށަހެޅި ކަމަށް އާތިފް ވިދާޅުވި ނަމަވެސް އޭސީސީގެ ތަހުގީގަށް ބަޔާން ދިން އެތަނުގެ އެހެން މުވައްޒަފަކު ބުނެފައި ވަނީ، އެސްއޯއެފްއާ ގުޅޭ ރިޕޯޓް އަޒީމާ އަށް ހުށަހެޅި ކަން ޔަގީން ނޫން ކަމަށެވެ.
އެފްއައިޔޫން މި މައްސަލައިގައި އިހުމާލުވެފައި ވަނީ، އެސްއޯއެފްގެ މުއާމަލާތްތައް އިތުރަށް ތަހުގީގު ނުކޮށް، މަނީ ލޯންޑެރިންގެ އަމަލެއް ކަމަށް ޝައްކު ކުރާނެ ޖާގަ ވެސް ނެތް ކަމަށް ނިންމާފައި ވުމުންނެވެ.
އޭސީސީން ނެރުނު ތަފްސީލް ރިޕޯޓުގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން، އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފަށް ޖަމާކޮށް، އެ ފައިސާ ލޯންޑަ ކޮށްފައިވެ އެވެ. އެ ފައިސާ ލޯންޑަ ކުރަން ޑޮލަރުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ބައިވެރިކުރި އެވެ.
އެސްއޯއެފްއާ އެކު އެތައް މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގި މީހުންގެ ނަން، ވެސް ރިޕޯޓުގައި ވެ އެވެ. އޭސީސީން ބުނެފައިވާ ގޮތުގައި އެސްއޯއެފުން ޑޮލަރު ޖަމާކޮށްފައިވާ ބައެއް އެކައުންޓްތަކަކީ، އެ ޖަމާކުރާ އަދަދަށް ޑޮލަރު ގަތުމުގެ ފައިސާ ހުރި އެކައުންޓްތަކެއް ވެސް ނޫނެވެ.
އެސްއޯއެފް އިން ޑޮލަރު ޖަމާކޮށްފައިވާ ކަމުގެ އިތުރުން، އޭގެ ބަދަލުގައި ރުފިޔާ އެސްއޯއެފް އަށް ލިބުނު ކަން އެނގޭ ފަދަ އެއްވެސް ލިޔެކިޔުމެއް ނެތް މުއާމަލާތްތަކެއް ވެސް ހިމެނެ އެވެ.
އާތިފްގެ ދިފާއީ ހެއްކަކަށް ނިޔާޒްގެ ނަން ހުށަހަޅައިފި
މައްސަލަ ހުށަނޭޅީ އިތުބާރު ނެތުމުން: އާތިފް
އޭސީސީގެ ތަހުގީގުން އަޒީމާގެ މައްސަލައެއް ނުފެނުނު
އެމްއެމްއޭގެ އިހުމާލަށް އާތިފަށް ދައުވާކުރަން ފޮނުވައިފި
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ބައްދަލުވުން ސިއްރު
މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އާތިފަށް އަންގައިފި
ޝައްކު އުފެދޭ މުއާމަލާތްތައް ބަލަން އެންގިން: އަޒީމާ
އިސްތިއުފާ ދިނީ ޒިންމާ އަދާނުކުރެވޭނެކަން ޔަގީންވުމުން
އަޒީމާ އޭސީސީއަށް ހާޒިރުވާން އަންގައިފި
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ