އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން އެތައް މިލިއަން ރުފިޔާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް ޚިޔާނާތްވި މައްސަލައިގައި އޭސީސީން ކުރި ތަހުގީގުން، އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ސަލާމަތްވެއްޖެ އެވެ.
02 ޖުލައި 2019
އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން އެތައް މިލިއަން ރުފިޔާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް ޚިޔާނާތްވި މައްސަލައިގައި އޭސީސީން ކުރި ތަހުގީގުން، އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ސަލާމަތްވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އެމްއެމްއޭގެ އިހުމާލުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތަހުގީގުކޮށްފަ އެވެ. ދައުލަތުގެ ފައިސާ އިން މަނީ ލޯންޑަރިންގެ އަމަލު ހިންގި ކަން އެމްއެމްއޭ އަށް އެނގި ތިބެ ތަހުގީގު ކުރަން ފުލުހުންނަށް ނުފޮނުވި މައްސަލައިގައި އާޒިމާ އަށް ތުހުމަތުކޮށް، އޭސީސީން އޭނާގެ ބަޔާން ވެސް ނެގި އެވެ.
އެކަމަކު އެ މައްސަލައިގެ ރިޕޯޓް މިއަދު އާއްމުކުރި އިރު އަޒީމާ ވަނީ ސަލާމަތްވެފަ އެވެ. އޭސީސީގެ ތަހުގީގުތަކުން އަޒީމާގެ މައްސަލައެއް ފެންނަން ނެތަސް، މި މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަމުން ދެ އެވެ. އެހެންވެ، މި މައްސަލައިގެ ތެރެއިން އަޒީމާ އަށް މުޅިން ސަލާމަތްވެވުނީ ކަމަށް ބެލެވޭކަށް އަދި ނެތެވެ.
އޭސީސީން ބުނެފައި ވަނީ އެސްއޯއެފުން މަނީ ލޯންޑެރިން ހިންގި ކަމަށް އެފްއައިޔޫން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް އަމަލުކުރަން އަޒީމާ އިރުޝާދު ދެއްވި ކަމުގެ އެއްވެސް ކިތާބީ ހެއްކެއް ކޮމިޝަނުގެ ތަހުގީގަށް ނުލިބޭ ކަމަށެވެ. އެއާއެކު، އެ ރިޕޯޓް ފުލުހުންނަށް ފޮނުވަން ނިންމާފައި ނުވަނީ އަޒީމާ ނުފޫޒު ފޯރުވައިގެން ކަމަށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ވެސް ކޮމިޝަނުގެ ތަހުގީގަށް ލިބިފައެއް ނުވެ އެވެ.
އެ މައްސަލައިގައި އޭސީސީގެ ތުހުމަތުތައް ބުރަވީ އެފްއައިޔޫގެ އޭރުގެ އިސްވެރިޔަކަށް ހުންނެވި އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށެވެ. މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްދޭން އޭސީސީން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލަ ދިރާސާކޮށް ޕީޖީން އިރުޝާދު ދިނީ އެ މައްސަލައިގައި މަނީ ލޯންޑެރިންގެ އަމަލު ހިމެނޭތީ އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅުމަށެވެ.
މަނީ ލޯންޑެރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރެއް އޭސީސީއަކަށް ނޯވެ އެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލުންވީ މަނީ ލޯންޑެރިންގެ އަމަލު ހިންގާ ކަން އެފްއައިޔޫ އަށް އެނގޭ އިރު ވެސް އެކަން ހުއްޓުވާފައި ނުވާތީ އެވެ.
އޭސީސީގެ ތަހުގީގުގައި އާތިފް ވިދާޅުވެފައި ވަނީ، އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައިވެ އެވެ.
އެ ތުހުމަތު ދޮގުކުރައްވައި އޭސީސީގެ ތަހުގީގަށް އަޒީމާ ވިދާޅުވެފައި ވަނީ އެސްއޯއެފުން ހިންގި ޝައްކު ކުރެވޭ މުއާމަލާތްތަކަކާ ގުޅިގެން ނޮވެމްބަރު، 27، 2014 ގައި އެފްއައިޔޫ އަށް ފޮނުވި "ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް"ގެ ވާހަކަ، އެމްއެމްއޭ އިން ބޭއްވި ބައްދަލުވުމަކަށް ފަހު އާތިފް ހިއްސާކުރެއްވި ކަމަށެވެ. އެއާއެކު، ޝައްކުކުރެވޭ މުއާމަލާތް ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހޭނެ ކަމަށް އާތިފަށް ދަންނަވާފައި ވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ.
ތަހުގީގަށް އަޒީމާ ވިދާޅުވެފައިވާ ގޮތުގައި، އެފްއައިޔޫ އަކީ އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓަކަށް ވާތީ، އެތަނުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން، މައްސަލަތައް ނިންމާނެ ވަކި ގޮތެއް ވިދާޅުވެ ދެއްވުމަކީ އޭނާގެ ދައުރެއް ނޫނެވެ. އެތަނުން ބަލާ މައްސަލަތަކަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ބައްދަލުވުންތައް އޭނާއާ އެކު ނުބާއްވާ ކަމަށް އަޒީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބައެއް މައްސަލަތައް ބަލާކަން އެފްއައިޔޫ އިން އޭނާ އަށް އަންގަ އެވެ. އެއީ، އެއްގޮތަކަށް ވެސް ކަންތައް ރިޕޯޓް ކުރުމުގެ ގޮތުން ނޫން ކަމަށާއި އެފްއައިޔޫއާ އެކު ގިނަފަހަރަށް ބައްދަލުވުން ބާއްވަނީ ގަވާއިދުތަކާ ގުޅޭ ގޮތުން ކަަމަށް ވެސް ތަހުގީގު ރިޕޯޓުގައިވެ އެވެ.
އޭސީސީގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ފައިސާ އިން މަނީ ލޯންޑެރިންގެ އަމަލު ހިންގަން ފުރުސަތު ލިބުނީ އެފްއައިޔޫގެ އިހުމާލުން ކަން ސާބިތުވާ ވަރުގެ ހެކި ވަނީ ލިބިފަ އެވެ.
- ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އެސްއޯއެފް އިން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގި ސަބަބު އެފްއައިޔޫ އިން ޔަގީނެއް ނުކުރި.
- ދައުލަތުގެ ކުންފުންޏަކުން (އެމްއެމްޕީއާރުސީން) ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރުމަށް ފަހު، ފައިސާގެ ގޮތުގައި ވިތުޑްރޯކޮށްފައި ވިޔަސް އެކަން ނުބެލުން.
- އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން ބޭނުންވި މައުލޫމާތު އެސްއޯއެފް އިން ނުދިންކަން އެފްއައިޔޫ އަށް އެނގި ތިބެ އަޅާނުލުން.
- އެފްއައިޔޫގެ ޒިންމާ އަކީ މަނީ ލޯންޑެރިން ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް އިތުރަށް ތަހުގީގު ކުރަން ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވުން ކަމަށް ވިއަސް އެ ޒިންމާ އަދާކޮށްފައި ނުވުން.
ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އެސްއޯއެފް އިން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގި ސަބަބު ޔަގީން ނުކުރުމާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން ބޭނުންވި މައުލޫމާތު އެސްއޯއެފް އިން ނުދިން ކަން އެފްއައިޔޫ އަށް އެނގި ތިބެ އަޅާނުލުމަކީ މައްސަލައެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް އޭސީސީން ނެރުނު ރިޕޯޓުގައިވެ އެވެ. މަނީ ލޯންޑަރިން ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް އިތުރަށް ތަހުގީގު ކުރަން ކަމާ ބެހޭ މުއައްސަސާތަކަށް އެފްއައިޔޫ އިން ނުފޮނުވުމަކީ އެ ތަނުގެ އިހުމާލެއްގެ ގޮތުގައި އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން، އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފަށް ޖަމާކޮށް، އެ ފައިސާ ލޯންޑަ ކޮށްފައިވެ އެވެ. އެ ފައިސާ ލޯންޑަ ކުރަން ޑޮލަރުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ބައިވެރިކުރި އެވެ. އެސްއޯއެފްއާ އެކު އެތައް މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގި މީހުންގެ ނަން، ވެސް ރިޕޯޓުގައިވެ އެވެ.
މައްސަލަ ހުށަނޭޅީ އިތުބާރު ނެތުމުން: އާތިފް
އެމްއެމްއޭގެ އިހުމާލަށް އާތިފަށް ދައުވާކުރަން ފޮނުވައިފި
އެމްއެމްއޭގެ އިހުމާލު ބޮޑު! އަޅާނުލާ ހަމަ ތިބީ!
އިސްތިއުފާ ދިނީ ޒިންމާ އަދާނުކުރެވޭނެކަން ޔަގީންވުމުން
އާތިފްގެ ދިފާއީ ހެއްކަކަށް ނިޔާޒްގެ ނަން ހުށަހަޅައިފި
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
އެފްއައިޔޫގެ މަސައްކަތަށް ނަސީރު ހުރަހެއް ނާޅާ
ޝައްކު އުފެދޭ މުއާމަލާތްތައް ބަލަން އެންގިން: އަޒީމާ
ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް ނުބުނި!