Roadha Mihaaru

ނަޝީދު ބޭނުންފުޅުވަނީ "އިންޑިއާ އައުޓް" ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ އިއްތިހާދެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން އޮތް ގުޅުން ކަނޑައިލެއްވުމަށް ފަހު، ދެން އެމްޑީޕީ ކުރިއަށް ދާން ގުޅޭނެ އިއްތިހާދެއްގެ ޝަރުތުތައް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.

ނަޝީދު ބޭނުންވާ އިއްތިހާދުގެ ޝަރުތުތައް ހާމަކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން އޮތް ގުޅުން ކަނޑައިލެއްވުމަށް ފަހު، ދެން އެމްޑީޕީ ކުރިއަށް ދާން ގުޅޭނެ އިއްތިހާދެއްގެ ޝަރުތުތައް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.

ބޮމުގެ ހަމަލައިން ލިބުނު ގެއްލުންތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީއާއެކު މަސައްކަތް ކުރާނެ އިންތިހާދެއް ބޭނުންވާ ކަމަށެވެ.

އެ އިއްތިހާދުގައި ހިމެނޭ ޝަރުތުތަކަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، "އިންޑިއާ އައުޓް" ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކް ހަރާމް ނުކުރާ، ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުމެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ގިނަ މީހުން ތިބޭނީ އެ ގޮތަށް. ރާއްޖެ އަފްޣާނިސްތާނުގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރާއެކު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ބައެއް ކަންކަމަށް ފާޑުވިދާޅުވާން ފައްޓަވާފައިވާ ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުމެވެ.

ޒަމާންވީ ގާތް ރަހުމަތްތެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުމުން އެއްކައިރި އަށް ވަޑައިގަތުމަށް ފަހު، ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ އިއްތިހާދެއް އެކުލަވައިލައްވަންކަން މިދިޔަ 24 ގަޑިއިރުގެ އަމަލުތަކުން ސާފުވެ އެވެ.

އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްތަކަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖުތަކެއްގައި ވެސް މައިގަނޑު ގޮތެއްގައި ދެއްކެވި އެއް ވާހަކަފުޅަކީ އެއީ އެވެ.

"ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާ ނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެ މަނިކުފާނުގެ އެ މެސެޖުތައް އާންމުވުމާއެކު، ޕީޕީއެމުން ނުކުމެ ބުނީ ނަޝީދުގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމަށެވެ. އަދި "އަޑި ނޭނގޭ ޑީލްތަކެއް" ނަޝީދާއި އެމްޑީޕީއާ އެކު ނުހަދާނެ ކަމަށް ބުނެ ޕީޕީއެމުން ރޭ ވަނީ ރައްދު ދީފަ އެވެ.