Roadha Mihaaru
އެމްޑީޕީގައި ހަރުކަށި ވިސްނުން އެބައޮތް: ނަޝީދު

އެމްޑީޕީގައި ހަރުކަށި ވިސްނުން އެބައޮތް، ރައީސް ހުރީ ތާށިވެފައި: ނަޝީދު

12 ޖުލައި 2021

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ވެސް ހަރުކަށި ވިސްނުން އެބައުޅޭ ކަމަށާއި އަދި "އެ ފިކުރުގެ ތެރޭގައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާށިވެފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ވެސް ހަރުކަށި ވިސްނުން އެބައުޅޭ ކަމަށާއި އަދި "އެ ފިކުރުގެ ތެރޭގައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާށިވެފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު މިހެން ވިދާޅުވީ، ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލެއްވިކަން ރަސްމީކޮށް އިއުލާން ކުރައްވައި، އެ ޕާޓީގެ އިސްވެރިން ތިއްބަވާ ވަޓްސްއެޕް ގުރޫޕްތަކަށް ފޮނުއްވި މެސެޖުތަކެއްގަ އެވެ.

ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅު ވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅޭ މީހުންގެ ކޯލިޝަނެއް ކަމަށެވެ.

"އެއީ ޕީޕީއެމް ވިޔަސް، މިހާރު މިކަން މާ މުހިންމު،" ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަން ދޭހަވާ މޭރުމަކުން ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެ ވާހަކަތައް ޔާމީންގެ އަރިހުގައި ދެއްކެވުން މުހިންމެވެ.

"އެ ވެރިން [ހަރުކަށި ފިކުރުގެ މީހުން] އެ ތައްޔާރުވަނީ ހަނގުރާމަ އަށް. އަޅުގަނޑުމެން ކޯލިޝަނަށްޓަކައި އެ މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައި ވެސް ހަރުކަށި ވިސްނުން އެބައުޅޭ،" ނަޝީދު ވިދާޅުވި އެވެ.

ބޭރުގެ ބައެއް އެޖެންސީތަކުން ލިބިވަޑައިގެންފައިވާ މައުލޫމާތުތަކާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން އަންނަނީ ރާއްޖޭގައި ހަނގުރާމައެއް ކުރުމަށް ތައްޔާރުވަމުން ކަމަށެވެ. އަދި އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ފައިބައި، އެ ތަނަށް ތާލިބާނުން ދިއުމުން އެކޮޅާއި މިކޮޅު މާ ގުޅޭނެ ކަމަށާއި ، ރާއްޖޭގައި އެ ފިކުރުގެ 1،000 މީހުން އެބަ އުޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފަޅު ރަށްރަށަށް ގޮސް ތަމްރީނު ވާނީ. ކަންނެލި އޮޑިތަކުގައި އާއި ޑިންގީގައި އަދި ލޯންޗުފަހަރުގައި އުޅޭނީ،" ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި ތަމްރީނުވާ ގޮތް ކިޔައި ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އަހަރެމެންގެ ރާއްޖެ އަހަރެމެންގެ ދަރިންނަށް ދޭން ޖެހޭ ކަމަށާއި ބޭނުންފުޅުވަނީ ވެރިކަން ނޫން ކަމަށެވެ.

"ވެރިކަމެއް ބޭނުމެއް ނޫން. އެކަން ވެސް ކުރެވިއްޖެ. ނުކުރެވޭ އެއްކަމެއް ވެސް ނެތް،" ތިން އަހަރު ދުވަހުގެ ވެރިކަމަށް ފަހު އިސްތިއުފާ ދެއްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން ނަޝީދު މިއަދު އިއުލާން ކުރެއްވިއިރު، އެ ދެ ބޭފުޅުން އެކި މައްސަލަތަކުގައި ހިޔާލު ތަފާތުވުން އުޅޭތާ ކިތަންމެ ދުވަހެކެވެ. ހާއްސަކޮށް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ނަޝީދު ވަނީ ފަހަކަށް އައިސް ވާހަކަފުޅު ދައްކަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާުލު ތަފާތުވުންތަކުގެ ނަތީޖާއަކީ މިހާރު އެމްޑީޕީ ދެބައިވެ ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމެވެ. ޕާޓީގެ ތެރޭގައި ދެ ފެކްޝަން އޮތްކަން މިހާރު އެންމެ ފަސޭހައިން ފެންނަ އެއް މާލަމަކީ ރައްޔިތުންގެ މަޖިލީހެވެ.

ރައީސާއި އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސިޔާސީ ގޮތުން ރައީސާ ހިޔާލު ތަފާތު ނަމަވެސް ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި ކަމަށެވެ.

"އަޅުގަނޑުގެ ދަރިންގެ އިބޫދޮންބެއޭ އެއީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ އޮތް އާއިލީ ގާތްކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ "މައްސަލައެއް ޖެހިގެން" ނޫޅުއްވާ ކަމަށާއި "ނުވެސް ޖެހޭނެ" ކަމަށެވެ.

"އެކަމަކު އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާއާ މިހާރު ފިކުރީ ގޮތުން ހިޔާލު ތަފާތު،" ނަޝީދު ވިދާޅުވި އެވެ.