Roadha Mihaaru
އިންޑިއާގެ އަސްކަރީ ބޭނުމަކަށް ރާއްޖެ ނުދެވޭނެ: ދީދީ

އިންޑިއާގެ އަސްކަރީ ބޭނުމަކަށް ރާއްޖެ ނުދެވޭނެ: ދީދީ

08 ނޮވެމްބަރ 2018

އިންޑިއާގެ މަސްލަހަތާ، އައްޑުއާ ގުޅިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ އެ ގައުމަށް އައްޑޫން ނުވަތަ ރާއްޖޭގެ އެހެން ސަރަހައްދަކުން ވެސް އަސްކަރީ ހަރަކާތެއް ހިންގުމަށް ޖާގަ ދިނުން ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހީމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިންޑިއާގެ މަސްލަހަތާ، އައްޑުއާ ގުޅިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ އެ ގައުމަށް އައްޑޫން ނުވަތަ ރާއްޖޭގެ އެހެން ސަރަހައްދަކުން ވެސް އަސްކަރީ ހަރަކާތެއް ހިންގުމަށް ޖާގަ ދިނުން ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހީމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ އައްޑޫގައި އުޅޭ މީހުންގެ މަސްލަހަތު ގުޅިފައިވަނީ ހަމައެކަނި ރާއްޖެއާ ނޫން ކަމަށާއި އިންޑިއާގެ މަސްލަހަތާ މާ ބޮޑަށް ގުޅިފައިވާ ކަމަށެވެ. އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ ނަޝީދު އެ ގޮތަށް ވިދާޅުވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޕީޕީއެމުން ބުނެ އެވެ.

ނަޝީދުގެ އެ ވާހަކަފުޅު އެކި ގޮތްގޮތަށް ތަރުޖަމާ ކުރައްވާ އިރު އެއީ ރާއްޖެ އިންޑިއާ އަށް ބަރޯސާވެގެން ވެރިކަން ކުރުން ކަމަށް އެއް ބަޔަކު ދެކެ އެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އެއީ އަސްކަރީ ކަންކަމުގައި ރާއްޖެ ބޭނުން ކުރުމުގެ ފުރުސަތު އިންޑިއާ އަށް ދިނުމެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ދާއިމީ ކޮމެޓީގައި އިންނަވާ މެމްބަރު ދީދީ "މިހާރު" އަށް ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަލާމަތީ ސިޔާސަތަކީ ވަކި ގައުމަކަށް ބަރޯސާނުވެ، އަދި ރާއްޖެއަކީ ވަކި ގައުމަކަށް "ތުރާލަކަށް" ނުވުން ކަމަށެވެ.

"އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ މި ގައުމުގައި އެ ކަހަލަ [ބޭރު ގައުމުތަކުގެ އަސްކަރީ] ކަމެއް ކުރާނެ ކަމަކަށް. އެ ފުރުސަތު ދޭނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން،" އިންޑިއާގެ ޑިފެންސް ކޮލެޖުން މާސްޓާ އޮފް ފިލޯސަފީ ހާސިލް ކުރައްވާފައިވާ ޑީޑީ ވިދާޅުވި އެވެ.

ރައީސް ނަޝީދު އައްޑޫގައި: އިންޑިއާގެ ސަލާމަތާ އައްޑުއާ އޮތް ގުޅުމުގެ ވާހަކަ ދެއްކެވި-- ފޮޓޯ: އެމްޑީޕީ

ރައީސް ނަޝީދު އައްޑޫގައި: އިންޑިއާގެ ސަލާމަތާ އައްޑުއާ އޮތް ގުޅުމުގެ ވާހަކަ ދެއްކެވި-- ފޮޓޯ: އެމްޑީޕީ

އިބޫގެ ޑިފެންސް ޕޮލިސީގައި ބުނެފައިވަނީ ވެރިކަން ކުރައްވާނީ ރާއްޖޭގެ އެކުވެރި އަދި އަވަށްޓެރި އެންމެހާ ގައުމުތަކުގެ މަސްލަހަތުތަކަށް ރައްކާތެރިވެ އެ މަސްލަހަތުތަކަށް މި ސްޓްރެޓީޖީގެ ސަބަބުން އެއްވެސް ތުރާލެއް ނުވާނެ ގޮތަށް ކަމަށެވެ. އެގޮތުން ވަކި ފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތުގެ ތެރެއިން ދިވެހި ޤައުމުގެ “ފަސްޓްލައިން އޮފް ޑިފެންސް” ގާއިމް ކުރެވޭނެ ކަމަށް އެ ސިޔާސަތުގައި ބުނެފައިވެ އެވެ.

ރާއްޖެ އަށް އިންޑިއާ ސަރުކާރުން ދީފައިވާ ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިންގެ ބަޔަކު މިހާރު ވެސް އެބަ ތިއްބެވެ. މިހާރު އެ މީހުން ތިބެނީ ލ. ކައްދޫގަ އެވެ. ދެ ހެލިކޮޕްޓަރު ބޭނުން ނޫން ކަމަށާއި އެ ދެ ހެލިކޮޕްޓަރު އިންޑިއާ އަށް ގެންދަން ރައީސް ޔާމީންގެ ސަރުކާރުން އެންގުމުން ވެސް އިންޑިއާ އިން މިހާތަނަށް އެކަމަށް އިޖާބައެއް ދީފައެއް ނުވެ އެވެ. އައްޑޫ ހިތަދޫގެ ފުއްޓަރު ފަރާތުން ވަކި ސަރަހައްދެއް، ނަޝީދުގެ ވެރިކަމުގައި އިންޑިއާ އަށް ދޭން ނިންމައި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އިންޑިއާއާ ހަވާލުކުރި ބިމުގައި އިންޑިއާ ސިފައިންގެ އަސްކަރީ ތަމްރީން މަރުކަޒެއް އެޅުމުގެ މަސައްކަތް އިންޑިއާ އިން ކުރަމުން ދާ ކަމަށް ތުހުމަތުތައް ކުރެވެ އެވެ.

ޑީޑީ ވިދާޅުވީ އަންނަ ސަރުކާރުން ތަންފީޒު ކުރާނެ ސިޔާސަތަކީ އެހެން އެއްވެސް ގައުމަކަށް ރާއްޖެ ބަރޯސާ ނުވުމާއި އެއިން ގައުމަކަށް ތުރާލަކަށް ނުވާނެ ސިޔާސަތެއް ކަމަށެވެ.

ރާއްޖެ އޮތް ސްޓްރެޓެޖިކް ސަރަހައްދަކީ ދުނިޔޭގެ ބާރުތަކަށް މުހިންމު ސަރަހައްދެކެވެ. ހާއްސަކޮށް އައްޑޫ އޮތް ސަރަހައްދަކީ އިންޑިއާ ކަނޑުގެ ސަވައިލަންސަށް މުހިންމު ހިސާބެކެވެ.

އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އިންޑިއާ ސިފައިން ރާއްޖޭގައި-- ފޮޓޯ: އެމްއެންޑީއެފް

އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އިންޑިއާ ސިފައިން ރާއްޖޭގައި-- ފޮޓޯ: އެމްއެންޑީއެފް

ދުނިޔޭގެ ބާރުތަކުން ރާއްޖޭގައި އަސްކަރީ މަރުކަޒުތައް ހެދުމަށް މީގެ ކުރިން ވެސް ޝައުގުވެރިކަން ފާޅުކުރ ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީ ވެސް އޮތީ އެ ފުރުސަތު ފަސޭހަ އިން ދެވޭ ގޮތަކަށް ނޫނެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ ނ. ގައި ބުނެފައިވަނީ މަޖިލީހުގެ ހުރިހާ މަމެމްބަރުންގެ ވޯޓު ލިބިގެން ނޫނީ އަސްކަރީ ބޭނުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުދެވޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ އިންޑިއާގެ ވާދަވެރި ޗައިނާ އަށް ވަރަށް ބޮޑަށް ބަރޯސާވެގެން ހިންގި ސަރުކާރަކަށް ވާއިރު ނަޝީދު ވަނީ އިންޑިއާގެ މަސްލަހަތުގައި ވަރަށް ގިނައިން ވާހަކަފުޅު ދައްކަވައިފަ އެވެ. ނަޝީދުގެ ވެރިކަމުގައި ވެސް އެންމެ ގާތް ގުޅުމެއް ބޭއްވީ އިންޑިއާއާ އެކުގަ އެވެ. އެހެންކަމުން ނަޝީދަކީ އިންޑިއާގެ އެހީތެރިކަމުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ޕީޕީއެމުން ބުނެ އެވެ.