Roadha Mihaaru
ތޮލްހަތު ވެސް ދޫކޮށްލައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ވެސް ދޫކޮށްލައިފި

08 ނޮވެމްބަރ 2018

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ސުޕްރީމް ކޯޓުން މިއަދު އޭނާ މިނިވަންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ސުޕްރީމް ކޯޓުން މިއަދު އޭނާ މިނިވަންކޮށްފި އެވެ.

ތޮލްހަތު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމަށް ހައި ކޯޓުން އޮތީ ކުރިން ތާއީދުކޮށްފަ އެވެ.

ތޮލްހަތުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކުރީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފްކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ރިވިއު ކުރަން ތޮލްހަތުގެ ފަރާތުން ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ ތޮލްހަތުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި އެ ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅަން އަމުރުކުރާ ކަމަށެވެ.

ތޮލްހަތުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، އޭނާ މިނިވަން ކުރިއިރު، 2016 އިން ފެށިގެން ތޮލްހަތު ހުންނަވަނީ ގޭ ބަންދުގަ އެވެ.

އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދައުލަތުން ދައުވާކުރި ބޭފުޅުންގެ ތެރެއިން ކުށް ސާބިތުވެ، ޖަލު ހުކުމް އައީ ތޮލްހަތާއި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެކަންޏެވެ. ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ވެސް ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

ތޮލްހަތާއި ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމަށް އިއްވާފައިވާ ޖަލު ހުކުމް ވެސް ފަަސްކުރަން ސުޕްރީމް ކޯޓުން ކުރިިން ވަނީ އަމުރު ނެރެފަ އެވެ.