26 ނޮވެމްބަރ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، މާޗް 13، 2015 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ، އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ބަހައްޓާފައި ހުރި މައްސަލައިގަ އެވެ.
އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެ އަށް، ޖެނުއަރީ 16، 2012ގެ ރޭ އިރާކޮޅު ސިފައިން ވަދެ އޭނާ ގަދަކަމުން ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެންގޮސް ފޮރުވި މައްސަލައިގައި، ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އިއްވި ހުކުމް މުރާޖައާ ކޮށްދޭން އެދި މިދިޔަ މަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޖީ އޮފީހުންނެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަޑުއެހުމަށް ފަހު، އެމަނިކުފާނު ކޯޓުން ނިކުމެ ވަޑައިގަންނަވަނީ: ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ބާތިލް ކޮށްފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
ސުޕްރީމް ކޯޓުން ނަޝީދުގެ ޖަލު ހުކުމް ބާތިލު ކުރި އިރު، އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ. އެ ގޮތުން، ޕީޖީން އެ މައްސަލަ ދެ ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފް މަރުހަލާ އަށް ނުފެތޭ ކަމަށް ބުނެ މައްސަލަ ބަލައެއް ނުގަނެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވީ ސައްހަ އަސާސެއްގެ މައްޗަށް ނޫން ކަމަށާއި މައްސަލަ ސާބިތު ކުރަން ގާނޫނީ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ޝަރުއީ އަދި ގާނޫނީ އުސޫލާ އެއްގޮތަށް ނޫން ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.
ނަޝީދުގެ މައްޗަށް ދައުވާ އުފުލީ ވެސް ބާތިލު އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެންވެ، އޭގެ ދަށުން ހިނގާފައިވާ ކޮންމެ ކަމަކީ ވެސް ބާތިލު ކަމެއް ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި ބުނި ގޮތުގައި، ނަޝީދުގެ މައްޗަށް ޕީޖީން ދައުވާ ކުރި އިރު، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމައެއް ނޫނެވެ. އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ހުރި ކަން އެނގެން އޮތަސް، އެއީ ކިޑްނެޕް ކުރުމުގެ ނުވަތަ ރަހީނު ކުރުމުގެ އަމަލެއް ނޫން ކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމްގައިވެ އެވެ.
އެހެންކަމުން މި މައްސަލަ ކްރިމިނަލް ކޯޓުން ޓެރަރިޒަމްގެ ދައުުވާއެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމަކީ ގާނޫނީ އިޖުރާއާތުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ހުކުމްގައިވެ އެވެ.
މި މައްސަލަ ބަލައިގަތުން އެއީ ގާނޫނާ އެއްގޮތަށް ހިނގާފައިވާ ކަމެއް ނޫން ކަން ފާހަގަކުރައްވައި، ހުކުމްގައި ބުނެފައި ވަނީ މިއީ މައުޟޫއީ ގޮތުން ކްރިމިނަލް ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށެވެ. މި މައްސަލައިގައި އަމަލު ހިންގި ފަރާތަކީ އެމްއެންޑީއެފް ކަމަށްވާ އިރު، އެމްއެންޑީއެފްއަކީ ކްރިމިނަލް ރެސްޕޮންސިބަލިޓީ އުފުލަން ޖެހޭ މުއައްސަސާއެއް ނޫން ކަން ހުކުމްގައި ފާހަގަ ކުރި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްވެވި ހުކުމްގައި ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އަމަލު ކުރީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ. ޖިނާއީ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރު ކުރާ ނަމަ، ފަނޑިޔާރުންގެ ގާނޫނާ އެއް ގޮތަށް މަތީ ކޯޓެއްގެ އަމުރެއް ހޯދަން ޖެހޭނެ ކަމަށާއި ފަނޑިޔާރަކު ހައްޔަރު ކުރެވޭނީ ޕީޖީ ބޭނުންވެއްޖެ ނަމަ ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، އަބްދުﷲ ގާޒީ ހައްޔަރު ކުރީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތަކާ އެއްގޮތަށް ނޫން ކަން ވެސް ތިން ފަނޑިޔާރުން ނިންމެވި މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވިތާ މާ ގިނަ ދުވަހެއް ނުވެ، ބޭހަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން، އެނބުރި ވަޑައިނުގެން އުޅުއްވީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެންނެވެ. އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތީ، ރިޔާސީ އިންތިހާބުން ކުރީގެ ރައީސް ޔާމީން ނާކާމިޔާބު ވުމުން، މި މަހު 1 ގަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަ ކުރި ބައެއް ނުކުތާތަކުގެ ތެރޭގައި ފުލުހުންގެ މަސައްކަތާއި ޒިންމާތަކަށް އަބްދުﷲ ގާޒީ ހުރަސް އަޅަމުންދާތީ ފިޔަވަޅު އަޅައި ދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދުނެވެ. އަދި އަބްދުﷲ ގާޒީގެ މައްސަލަ ބެލުމަށް އޭނާއާ ސުވާލު ކުރުމަށް މަސައްކަތް ކުރުމުން، އެކަން ކާމިޔާބުވެފައި ނުވާ ކަން ސުޕްރީމް ކޯޓުން ފާހަގަ ކުރި އެވެ. އަބްދުﷲ ގާޒީއާ މެދު ޖޭއެސްސީން ފިޔަވަޅު އަޅާފައި ނުވުމުން، ފުލުހުން ހޯދީ ސިފައިންގެ އެހީތެރިކަމެވެ.
އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ލިބޭ ބާރުގެ ދަށުން ކަމަށްވިޔަސް، އެއީ ކިޑްނެޕް ކުރުން ނުވަތަ ރަހީނުކުރުން ފަދަ ކުށެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ނުހެދޭނެ ކަމަށް ހުކުމްގައި ތަކުރާރުކޮށް ވަނީ ފާހަގަކޮށްފަ އެވެ.
ހުކުމްގައި ވަނީ ނަޝީދުގެ މައްސަލައަކީ މުޖުތަމައުގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށްވެފައި، ހުކުމްތައް ރިވިއު ކުރުމަކީ ޕީޖީއަށް ލިބިގެންވާ ބާރެއް ކަން ވެސް ފާހަގަ ކުރި އެވެ. މައްސަލަތައް ރިވިއުކޮށްގެން ބެލުމަކީ އިސްލާމީ ފިގުހު އާއި ގައުމުތަކުގެ ޝަރުއީ ނިޒާމުތަކުން ފެންނަން އޮތް ކަމެއް ކަމަށާއި ހުކުމް ރިވިއު ނުކުރެވޭނަމަ، އެއީ އަދުލުއިންސާފު ގާއިމު ކުރަން އެޅޭ ހުރަހެއް ކަމަށް ހުކުމްގައިވެ އެވެ.
ބައިގަޑިއިރެއް ހާއިރަށް ދެމިގެންދިޔަ ހުކުމް އިއްވަމުން ދިޔަ ވަގުތު ހުދު ކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ޓައިއެއް ތުރު ކުރައްވައިގެން އިންނެވި ނަޝީދު ގެންދެވީ ހުކުމްގައި ހިމެނޭ މުހިންމު ބައިތައް ގަނޑެއްގައި ނޯޓު ކުރައްވަމުންނެވެ. އަދި އެ މަނިކުފާނުގެ އަރިހުގައި ގާނޫނީ ވަކީލް ހިސާން ހުސެއިނާއި ސަފާ ޝަރީފް ތިއްބެވި އިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުން ވެސް އަޑުއެހުމުގައި ގޮސް ތިއްބެވެ.
މީގެއިތުރުން، ކޯޓުގައި އޮތް އަޑުއެހުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަޑައިގެން ތިއްބެވި އެވެ.
ހުކުމް އިއްވަމުން ދިޔަ އިރު، ނަޝީދުގެ މޫނުފުޅުން ހިނިތުންވުން ފެނިގެން ދިޔައިރު، އަޑުއެހުން ނިންމާލެއްވުމާއެކު، ކޯޓު ރޫމް ތެރެއިން އެންމެ ފުރަތަމަ ސަލާމް ކުރެއްވީ ވެސް އެމަނިކުފާނުގެ ހައްގުގައި ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވި ހިސާންއާ އެވެ. ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު، ކޯޓު ކައިރިއަށް އެމަނިކުފާނުގެ ސަޕޯޓަރުން އެއްވި އެވެ.
ނަޝީދު ސަލާމަތްވިޔަސް ބަހުސަށް އަދި ނިމުމެއް ނެތް!
ސިޔާސީ ހަޔާތް ނުނިމޭކަން މާ ބޮޑަށް ސާފުވެއްޖެ: ނަޝީދު
ނަޝީދުގެ ޖަލު ހުކުމާ މެދު މާދަމާ ގޮތެއް ނިންމަނީ
ތޮލްހަތުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ނަޝީދުގެ ހުކުމް ރިވިއުކުރުމުގެ ޝަރީއަތް ހޯމަ ދުވަހު
ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅައިފި
ތޮލްހަތު ވެސް ދޫކޮށްލައިފި
ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރުކޮށްފި
ދީދީއާ ދެކޮޅަށް ކުރި ދައުވާ ބޭރުކޮށްލައިފި
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް