Roadha Mihaaru
ނަޝީދު ސަލާމަތްވިޔަސް ބަހުސަށް އަދި ނިމުމެއް ނެތް!

ނަޝީދު ސަލާމަތްވިޔަސް ބަހުސަށް އަދި ނިމުމެއް ނެތް!

27 ނޮވެމްބަރ 2018

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަދަކަމުން ހައްޔަރުކޮށްގެން ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ދެ ކަމެއް ސާފުވި އެވެ؛ އެއް ކަމަކީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ސައްހަ އަސާސެއްގެ މައްޗަށް ބިނާނުކޮށް ކަމެވެ. ދެވަނަ ކަމަކީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ އިޖުރާއަތާ ހިލާފަށްކަން އެނގެން އޮތުމެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަދަކަމުން ހައްޔަރުކޮށްގެން ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ދެ ކަމެއް ސާފުވި އެވެ؛ އެއް ކަމަކީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ސައްހަ އަސާސެއްގެ މައްޗަށް ބިނާނުކޮށް ކަމެވެ. ދެވަނަ ކަމަކީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ އިޖުރާއަތާ ހިލާފަށްކަން އެނގެން އޮތުމެވެ.

އެމްޑީޕީގެ ތިން އަހަރާއި ހަތަރު މަސް ދުވަހުގެ ވެރިކަމަށް އެންމެ ބޮޑު ލޮޅުމެއް އެރި އެއް ސަބަބަކީ އަބްދުﷲ ގާޒީގެ ހައްޔަރެވެ. އެއީ ނަޝީދަށް އެނގިވަޑައިގެން ހިންގި އަމަލެއްކަން، އެމަނިކުފާނުގެ އެތައް ވާހަކަފުޅަކުން އެނގި ސާބިތުވެ އެވެ. ފުލުހުންނާ ބައްދަލުކުރައްވައި، އެއް ފަހަރު އެމަނިކުފާނު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީއަށް ކްރިމިނަލް ކޯޓާ "100 ފޫޓާ ކައިރިއަށް" ވެސް ދެން ވަޑައިނުގެންނެވޭނެ ކަމަށެވެ. ބޭރުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި "ދެން ވެސް އަބްދުﷲ ގާޒީ ހައްޔަރުކުރާނެ" ކަމަށް ވިދާޅުވި އެވެ. އަދި އަބްދުﷲ ގާޒީ ވަގުތުން މިނިވަންކުރަން، ޕީޖީ އާއި ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުން ނެރުނު އަމުރުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަމަލްކުރައްވާފައެއް ނުވެ އެވެ.

ފެބްރުއަރީ 7 ގެ ހަމަނުޖެހުމަށް މަގުފަހިވީ އަބްދުﷲ ގާޒީ މިނިވަން ކުރަން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ސިލްސިލާ އެއްވުންތަކާއި އެމްޑީޕީގެ ސަޕޯޓަރުންގެ ކުރިމަތިލުމާ އެކުވެގެންނެވެ. ދެން އޭގެ ތެރެއަށް ފުލުހުންނާއި ސިފައިން، އެންމެ ފަހުން ވަދެ، ތަޅާފޮޅައިހެދި އެވެ. ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ހަމަ އެ ދުވަހު އަބްދުﷲ ގާޒީ ވެސް މިނިވަންވި އެވެ.

ގާނޫނާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ގާޒީ ދޫކޮށްލަން ކޯޓުތަކުން ކުރި ހުކުމަށް ނަޝީދު ތަބާވެވަޑައިނުގެން މައްސަލައިގައި ދައުވާނުކޮށް ދޫކޮށްލަން އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭނުމެއް ނުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ކުރެއްވުމާއި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ކްރިމިނަލް ކޯޓުން އެއްބާރުލުން ނުދިނުމާއި މަގާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުން ރާއްޖޭގެ ދާހިލީ ހަމަޖެހުން ގެއްލި އަމާން ވެއްޓެއް ގާއިމްކުރަން ފުލުހުން ނުކުޅެދިފައިވާ ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނަޝީދާ ދެކޮޅަށް ހުޅުމާލެ ކޯޓަށް ފުރަތަމަ އެ މައްސަލަ ހުށަހެޅީ އޭރު އަމަލު ކުރަމުން ދިޔަ ގާނޫނުލްއުގޫބާތުގެ ޗެޕްޓަރު ތިނެއްގެ 81 ވަނަ މާއްދާގެ ދަށުންނެވެ. އެއީ ކުށް ނުކުރާ މީހަކު، ގާނޫނާ ހިލާފުވާ ގޮތަށް، ގަސްދުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ. ހުޅުމާލެ ކޯޓަށް މައްސަލަ ވެއްދިތާ ތިން އަހަރު ވީއިރު ވެސް، ގާނޫނީ އެކި މައްސަލަތަކާ ހެދި ކުރިއަކަށް ނުގެންދެވުނެވެ.

ދެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލިއަކަށް ފެނުނީ ފެބްރުއަރީ 19، 2015 ގައި ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ނެގި ތަނެވެ. އަދި އޭގެ ތިން ދުވަސް ފަހުން ފެބްރުއަރީ 22 ގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައީ މާޗް 13، 2015 ގަ އެވެ.

އެ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކުރީ ޕީޖީ އޮފީހުން އެކަން ހުށައަޅައިގެންނެވެ.

"ގާޒީ ގިރިފުށީގައި ބެހެއްޓުމަކީ ފޮރުވުމެއް ނޫން"

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމްގައި ސާފުވި އެއް ކަމަކީ ޖިނާއީ ދައުވާއެއްގައި އެއްވެސް މީހެއްގެ މައްޗަށް އެމީހަކު ކުރި ކަމަކަށް ތުހުމަތުކުރެވޭ އަމަލަކީ ގާނޫނަކުން ކުށެއްކަމަށް ހަދާފައިވާ އަމަލަކަށް ވާން ޖެހޭނެ ކަމެވެ. ގާނޫނަކުން މަނާކޮށްފައިވާ އަމަލަކަށް ނުވާ ނަމަ، އެމީހެއްގެ މައްޗަށް ދައުވާ އުފުލައި ޖިނާއީ ޝަރީއަތް ހިންގުން ގާނޫނީ ގޮތުން ސައްހަ ނުވާނެ ކަމަށް ވެސް އެ ހުކުމުން އެނގެ އެވެ. އެހެންކަމުން ޕީޖީން އެ މައްސަލަ ފައިލް ކުރުމުގެ އިތުރުން މައުޟޫއީ ގޮތުން އެފަދަ ދައުވާއެއް ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެން ނުވާ ކަމަށް އިޖުރާއީ ގޮތުން ކަނޑައަޅަން ވާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.

ޓެރަރިޒަމްގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މީހަކު މީހުން ކިޑްނެޕް ކުރުން، ނުވަތަ ގަދަކަމުން ފޮރުވުން، ނުވަތަ ރަހީނުންގެ ގޮތުގައި ހިފެހެއްޓުން ނުވަތަ މިއިން ކަމެއް ކުރަން އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ. އަދި ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބޭ ނަމަ، އެ ކުށް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ކަމަށް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ އޮތް އަޑުއެހުމަށް ފަހު، ނަޝީދު އާންމުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ސުޕްރީމް ކޯޓުގައި އިއްޔެ އޮތް އަޑުއެހުމަށް ފަހު، ނަޝީދު އާންމުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އިއްވެވި ހުކުމުގައިވާ ގޮތުން، ސިފައިންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އެމްއެންޑީއެފަށް ލިބިގެންވާ ބާރުގެ ދަށުން އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން މައްސަލަ ބެލީ ސައްހަ އަސާސްތަކެއްގެ މައްޗަށް ކަން ބެލޭނެ ގާނޫނީ އަދި ޝަރުއީ އަސާސެއް ނެތެވެ.

"ސަބަބަކީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް، ގިރިފުށީގައި ބަހައްޓާފައި ހުރުމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ ވެސް ހިމެނޭ ގޮތުން ސިފައިންގެ މުއައްސަސާއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފަރުދީ ގޮތުން އެ ފަރާތަށް ލިބިގެންވާ ގާނޫނީ ބާރާއި މަސްއޫލިއްޔަތުގެ ބޭރުން ކޮށްފައިވާ ކަމެއް ކަން ދަލީލުކޮށްދޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ވިޔަސް ފެންނަން ނެތް،" ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވެސް ބެއްލެވި މައްސަލައިގެ ހުކުމްގައި ބުނެފައިވެ އެވެ.

އެ ހުކުމްގައި ކަނޑައަޅާފައިވާ ގޮތުގައި އަބްދުﷲ ގާޒީ ގިރިފުށީގައި ބެހެއްޓީ ސިފައިން ކަމަށް ވީއިރު، އެއީ ކިޑްނެޕް ކުރުމުގެ ނުވަތަ ރަހީނު ކުރުމުގެ ނުވަތަ ގަދަކަމުން ފޮރުވުމުގެ އަމަލެއް ނޫނެވެ. އަދި ކްރިމިނަލް ކޯޓުން ޓެރަރިޒަމްގެ އެ ދައުވާ ބަލައިގަތުމަކީ ބާތިލް އިޖުރާއާތެއް ކަމަށް ވެސް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމަށް ތާއީދު ކުރައްވަމުން ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ނަޝީދުގެ މައްޗަށް ހިންގީ ވަރަށް ބޮޑަށް ގޯސް އަދި ކަންބޮޑުވާން ޖެހޭ ޝަރީއަތެއް ކަމަށެވެ. އެއީ އެއްވެސް މިންވަރަކަށް ބެލިޔަސް، އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަޝީދުގެ މައްޗަށް ހިންގީ އިންސާފުވެރި ޝަރީއަތެއް ނޫން. އެއީ ދެބަސްވެވޭނެ ކަމެއް ވެސް ނޫން. އެހެންވީމަ އެ ހުކުމް ޖެހޭނެ ބާތިލްވާން. އެއީ ނުރަނގަޅު ގޮތަކަށް އައިސްފައި އޮތް އެއްޗެއްވީމަ. އެ ޝަރީއަތުގެ އެއްވެސް ކަމެއް ދެމެހެއްޓުމަކީ ދިވެހި ދައުލަތުގެ މަސްލަހަތު އޮތް ކަމެއް ނޫން. ދައުލަތުގެ އެންމެ ބޮޑު އެއް ބަޔަކީ ރައްޔިތުން،" މައުމޫން ވިދާޅުވި އެވެ.

އެކަމަކު ގާޒީ ހައްޔަރުކުރީ ގާނޫނީ ޝަރުތުތައް ފުރިހަމަނުކޮށް

ޓެރަރިޒަމްގެ ދައުވާއިން ސަލާމަތްވެވަޑައިގަތަސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ނަޝީދަށް ރެކިވަޑައިނުގަނެވޭނެ ސަބަބެއް ވެސް އެބަ އޮތެވެ. އަބްދުﷲ ގާޒީގެ މައްސަލަ އެ ނޫން ގޮތަކަށް ވެސް ހައްލުކުރެވެން އޮތް ކަމާއި ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ހެއްދެވުނު ގޯހެއް ކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފައިވެ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބައެއް ވަކީލުން "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމްއެންޑީއެފް މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ނަޝީދު ހެއްދެވި ގޯހެކެވެ. އެކަމުގެ ސަބަބުން އަބްދުﷲ ގާޒީގެ އެތައް ހައްގެއް ގެއްލުނުއިރު، އޭނާ އަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ.

"އަބްދުﷲ ގާޒީ 22 ދުވަސް ވަންދެން ގިރިފުށީގައި އާއިލާއާ ދުރުގައި، ވަޒީފާ އަދާނުކޮށް ހުރުމުގެ ޒިންމާ ނަންގަވާނީ ކާކު؟ ސިފައިންނާއި ފުލުހުން ވެސް އަމަލު ކުރާނީ އެމީހުންގެ މައްޗަށް ތިބޭ މީހުން އަމުރު ކުރާ ގޮތަކަށް. ނަޝީދު ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރިކަން އެއްބަސްވެވަޑައިގެންފައި. އެހެންވީމަ ގާނޫނާ ހިލާފަށް ކުރި ކުށަށް ދައުވާ ކުރެވެން ޖެހޭނެ،" ވަކީލަކު ވިދާޅުވި އެވެ.

ނަޝީދު ހައްޔަރުކޮށްގެން ގެންދަނީ.

ނަޝީދު ހައްޔަރުކޮށްގެން ގެންދަނީ.

ސުޕްރީމް ކޯޓުގެ ހުކުމްގައި އެންމެ ބޮޑު އެއް ކަމަކަށް ފާހަގަކުރީ ވެސް އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއާތުތައް ފުރިހަމަކޮށްފައި ނެތުމެވެ.

ފަނޑިޔާރަކު ޖިނާއީ ކުށެއް ކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރަންވާނީ އެ ފަނޑިޔާރަކު މަސައްކަތް ކުރައްވާ ކޯޓަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށެވެ. އެފަދަ އަމުރަކަށް ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕީޖީ އަށް ހުށަހެޅުމުން އެކަށީގެންވާ ކަމެއް ކަމަށް ޕީޖީއަށް ފެނިއްޖެ ނަމަ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކަމަށާއި އެ އަމަލަކީ އެއަށް މަޝްރޫއިއްޔަތަކުން ލިބިގެން ނުވާ ބާތިލް އަމަލެއް ކަމަށެވެ. ނަމަވެސް އެ އަމަލަށް މަޝްރޫއިއްޔަތުކަން ލިބިގެން ނުވުމަކީ ޓެރަރިޒަމްގެ ގާނޫނުގައި ތަޖްރީމް ކޮށްފައިވާ ފަދަ ޓެރަރިޒަމްގެ ކުށެއް ކަމަށް ތަކްޔީފްކޮށް ބަލަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ހުކުމްގައިވެ އެވެ.

މައުމޫން ވެސް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރީ ގާނޫނު ހުއްދަ ކުރާ ބަންދެއްގައި ނޫން ކަމަށެވެ. އެހެންވެ، އެކަން ކުރި މީހުންނާ ދެކޮޅަށް އުފުލޭނެ ދައުވާތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ، މައުމޫން ވިދާޅުވި ގޮތުގައި، ގާނޫނާ ހިލާފަށް ކުރި ކަމަކަށް ވާއިރު، ޒިންމާ ނަގަން ޖެހޭނީ އަމުރު ކުރި މީހާ އެކަންޏެއް ނޫނެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ބައިވެރިވި އެންމެން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމުރު ނެރުނު މީހާ އެކަންޏެއް ނޫން. އަމުރު ތަންފީޒު ކުރި މީހާ، ތަންފީޒު ކުރަން މަގުފަހިކޮށްދިން މީހާ، ހުރިހާ ގޮތަކުން އެހީތެރިވެދިން މީހުންނަކީ ކުށުގެ ބައިވެރިން. އެންމެންގެ މައްޗަށް ދައުވާކޮށްގެން ނޫނީ މިކަހަލަ ކަންތައްތަކެއް ދިވެހި ގައުމުން ނުހުއްޓުވޭނެ،" މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑަށް ދަންނަވަން އެނގޭ އެއްޗަކީ ސިފައިން އަމިއްލައަކަށް އެކަމެއް ނުކުރާނެ ކަން. ފުލުހުން ވެސް އަމިއްލައަކަށް ނޭދޭނެ [އަބްދުﷲ ގާޒީ ހައްޔަރު ކުރަން]. ކޮންމެވެސް ކަންތައްތަކެއް އޭގެ ފަހަތުގައި އެބަހުރި. އެކަމުގެ ތަހުގީގުން ހުރިހާ ކަމެއް ހޯދިފައި ހުންނަން ޖެހޭނީ."