Roadha Mihaaru
ޕީއެސްޖީ އަތުން ބަލިވެ އޮންރީ އަށް ޕްރެޝަރު ބޮޑުވެއްޖެ

ޕީއެސްޖީ އަތުން ބަލިވެ އޮންރީ އަށް ޕްރެޝަރު ބޮޑުވެއްޖެ

12 ނޮވެމްބަރ 2018

ޕެރިސް (ނޮވެމްބަރު 12) - ފްރެންޗް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަތުން 4-0 އިން ބަލިވެ، މޮނާކޯގެ ކޯޗު ތިއަރީ އޮންރީ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ނޮވެމްބަރު 12) - ފްރެންޗް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަތުން 4-0 އިން ބަލިވެ، މޮނާކޯގެ ކޯޗު ތިއަރީ އޮންރީ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

މޮނާކޯ މި ވަގުތު އޮތީ ލީގުގެ 19 ވަނައިގަ އެވެ. މިއީ ފާއިތުވި 32 އަހަރަށް ބަލާއިރު މޮނާކޯ އެންމެ ދަށްކޮށް ލީގު ފެށި ފަހަރެވެ. އަދި ލިއޮނާޑޯ ޖަޑިމް ވަކިކޮށް އޮންރީ މޮނާކޯގެ ކޯޗަކަށް ހަމަޖެއްސި ފަހުން އެ ޓީމު ކުޅުނު ހަ މެޗުން ވެސް މޮޅެއް ލިބިފައިނުވެ އެވެ. އަދި މި ފަހަރު ލީގުގައި މޮނާކޯ އަށް ލިބުނީ އެންމެ މޮޅެކެވެ.

"ހަގީގަތަކީ އަހަރެމެން މި އޮތީ ރެލިގޭޝަނުގައި. ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ. އަނިޔާގެ ސަބަބުން މުހިއްމު ކުޅުންތެރިން ނުލައި ކުޅެން ޖެހުނަސް އަހަރެމެންނަށް މެޗުތަކުގައި ރަނގަޅަށް ކުޅެވޭ ހާލަތު ވެސް އެބަ އާދޭ،" ރޭގެ މެޗަށް ފަހު އޮންރީ ބުންޏެވެ.

މޮނާކޯ ދަނޑުގައި ކުޅުނު މި މެޗުގައި ޕީއެސްޖީ އަށް ކުޅޭ އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑު ޖެހީ ނޭމާ އެވެ. އިތުރު ލަނޑެއް ޖަހަން ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އާއި ޖޫލިއަން ޑްރެކްސްލާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ޕީއެސްޖީން ވަނީ ލީގެއް ފަށައިގެން ފުރަތަމަ 12 މެޗުން މޮޅުވެ ޔޫރަޕްގެ ފަސް ލީގުގެ ރެކޯޑެއް މިދިޔަ ހަފްތާގައި ގާއިމްކޮށްފަ އެވެ. ރޭގެ މެޗުން މޮޅުވެ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޕީއެސްޖީ ވަނީ 13 ވަނަ މެޗުން ވެސް މޮޅުވެފަ އެވެ.

ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިއްލޭ އަތުގައި 26 ޕޮއިންޓް އޮތްއިރު، ތިން ވަނައިގައި އޮތް މޮންޓެޕިއޭ އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.

ރޭގެ މެޗަށް ފަހު ޓުޗެލް ބުނީ ޖެހިޖެހިގެން 13 މެޗުން މޮޅުވުމަކީ އާދަޔާހިލާފު ކާމިޔާބެއް ކަމަށާއި މޮނާކޯ އޮތީ ވާދަކުރެވޭ ހާލަތެއްގައި ނޫން ކަމަށެވެ. މޮނާކޯގެ މުހިއްމު ކުޅުންތެރިން ފިޓްކޮށް ތިބި ނަމަ މިއީ އުނދަގޫވާނެ މެޗެއް ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.