Roadha Mihaaru
ޓީސީގައި ވެސް ދަގަނޑޭ ތަފާތު ދައްކަނީ

ޓީސީގައި ވެސް ދަގަނޑޭ ތަފާތު ދައްކަނީ

12 ނޮވެމްބަރ 2018

ސީޒަނުގެ ފޭވަރިޓުގެ ގޮތުގައި އޮތް ނިއު ރޭޑިއަންޓުގެ ކެޕްޓަންގެ ގޮތުގައި ނުކުމެ އެ ޓީމަށް އަލީ އަޝްފާގް (ދަގަނޑޭ) މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށްދިނުމާ އެކު ބެލެވުނީ، މި ސީޒަން ވެސް ވެގެންދާނީ ނޫ ޖާޒީގައި ދަގަނޑޭ ހޯދާ ކާމިޔާބީތަކަށް ބޮޅުތަކެއް އިތުރުވާނެ އަހަރެއް ކަމަށެވެ. އެކަމަކު އޭއެފްސީ ކަޕުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވަނިކޮށް، އޭނާ އަށް ޖެހުނީ މުސާރަ ނުލިބޭތީ ކްލަބް ދޫކޮށްލާށެވެ. އަދި ސީޒަނުގެ މެދަކާ ހަމައިން ޓީސީ ސްޕޯޓްސް ކްލަބާ ގުޅުނެވެ. އާ ޓީމަކާ ގުޅުނަސް ދަގަނޑޭގެ ވިދުވަރަށް ފަނޑުކަމެއް ނާންކަން އޭނާ އަންނަނީ އެ ޓީމުގައި ވެސް ސާބިތުކޮށްދެމުންނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޓީސީ އޮތުމުގެ އެންމެ ބޮޑު ކްރެޑިޓެއް ވަކި ކުޅުންތެރިއަކަށް ހައްގުވާނަމަ އެއީ ދަގަނޑޭ އެވެ. މުހިއްމު ވަގުތުގައި އޭނާ ތަފާތު ދައްކައިފި އެވެ. ލީގުގައި މިހާތަނަށް ޓީސީ ބަލިވީ ގްރީން ސްޓްރީޓްސް އަތުން ފުރަތަމަ ބުރުގަ އެވެ. ދެ ވަނަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުގައި ދަގަނޑޭގެ ގޯލުން ޓީސީ ވަނީ މޮޅުވެފަ އެވެ.

ލީގުގެ ފަހު ތިން މެޗަށް ކޮންމެ ޓީމެއް ނުކުންނައިރު، ލީގުގެ ފޭވަރިޓަކީ ޓީސީ އެވެ. ޓީސީ މި ފަހަރު ލީގު ކާމިޔާބުކޮށްފިނަމަ ދަގަނޑޭ ވެގެންދާނީ ތަފާތު ޓީމުތަކާ އެކު އެންމެ ގިނައިން ލީގު ކާމިޔާބުކުރާ ކުޅުންތެރިޔާ އަށެވެ. ޓީސީ ވެގެންދާނީ ދަގަނޑޭއާ އެކު ލީގު ކާމިޔާބުކުރާ ފަސް ވަނަ ޓީމަށެވެ.

ޓީސީ އަކީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު އަދި ރަންބޫޓް ހަތް ފަހަރު ހޯދަފައިވާ ދަގަނޑޭ ކުޅޭ ރާއްޖޭގެ ފަސް ވަނަ ކްލަބެވެ. މީގެ ކުރިން ކުޅުނީ ނިއުގެ އިތުރުން ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ އަށެވެ.

ލީގުގައި ކުޅުނު މެޗުގެ ތެރެއިން ދަގަނޑޭ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގައި ކުޅުނު މެޗުގެ ތެރެއިން ދަގަނޑޭ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން 33 އަހަރުގެ ދަގަނޑޭ ވަނީ މި ސީޒަނުގައި މިހާތަނަށް 36 ލަނޑު ޖަހައިފަ އެވެ. ނިއު އަށް 20 ލަނޑު ކާމިޔާބު ކޮށްދިންއިރު، ޓީސީ އަށް ވަނީ 16 ލަނޑު ޖަހައިދީފަ އެވެ. މި ފަހަރުގެ ރަން ބޫޓު ރޭހުގައި އެންމެ ކުރީގައި އުޅެނީ ވެސް ދަަގަނޑޭ އެވެ.

ދަގަނޑޭ ވަނީ ކެރިއަރުގައި މިހާތަނަށް 450 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހީ ނިއު އަށެވެ. އޭނާ ވަނީ ނިއު އަށް 123 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ދަގަނޑޭ ވަނީ އޭނާ ކެރިއަރު ފެށި ވެލެންސިއާ އަށް 104 ލަނޑު ޖަހައިދީފަ އެވެ. ވީބީ އަށް 93 ލަނޑު ޖަހައިދިންއިރު، މާޒިޔާ އަށް އަށް ގޯލު ކާމިޔާބު ކޮށްދިނެވެ. ޕީޑީއާރްއެމް އަށް 46 ގޯލު ޖަހައިދިންއިރު، ބްރުނާއީ އަށް ހަތް ގޯލު ކާމިޔާބު ކޮށްދިނެވެ.

އޭނާ ވަނީ ގައުމީ ޓީމަށް 53 ލަނޑު ޖަހައިދީފަ އެވެ. އޭގެ ތެރޭގައި އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި 2004 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި މޮންގޯލިއާ ކޮޅަށް ޖެހި ހަތަރު ލަނޑު ހިމެނެ އެވެ. ދަގަނޑޭ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފިޔަވައި ހުރިހާ އޭނާ ކުޅުނު ސަރަހައްދީ ހުރިހާ މުބާރާތެއްގައި ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ވެސް އަދި އެ މުބާރާތުގެ އެއް މެޗެއްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މި އަހަރު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ހަވާލުވެ ފުރަތަމަ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭ އަށް ފުރުސަތު ނުލިބުނީ އަނިޔާގެ ސަބަބުންނެވެ. ދެ ވަނަ މެޗުގައި ބޫޓާނާ ދެކޮޅަށް ނެގި ސްކޮޑުން ދަގަނޑޭ ބާކީކުރީ ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުންނެވެ. އޭގެ ފަހުން ސެގާޓްގެ ޓީމުން ދަގަނޑޭ އަށް ފުރުސަތު ނުލިބުނުއިރު، އޭނާ ވަނީ އެކަމާ ބެހޭގޮތުން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކައިފަ އެވެ.