Roadha Mihaaru
ޓީސީ ޗެމްޕިއަނުންގެ ސަފަށް، ތަފާތަކީ އެކުވެރި ރޫހު!

ޓީސީ ޗެމްޕިއަނުންގެ ސަފަށް، ތަފާތަކީ އެކުވެރި ރޫހު!

04 ޑިސެމްބަރ 2018

ޓީސީ ސްޕޯޓްސް ކްލަބޭ ބުނުމުން ގިނަ ބަޔެއްގެ ހަނދާނަށް ކުރިން އަންނާނީ ބައިބަލާ އެވެ. އެކަމަކު މިދިޔަ ހަތަރު އަހަރުތެރޭ އަލަށް އައިސް ފުޓްބޯޅައިގައި ފޯރިގަދަ އެންމެ ގަދަކޮށްލި އެއް ބަޔަކީ ޓީސީ އެވެ. ރާއްޖޭގެ މުބާރާތްތަކުގައި ޓީމުތަކަށް ދެއްކި ވާދަވެރި ރޫހާއި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އަށް ހޯދައިދިން ރީތި ނަން އެއީ ޓީސީން ހާސިލްކުރި ބޮޑެތި ކަންތައްތަކެވެ. އެ ހުރިހާ ކަމަކުން ކުރިއަށް ޖެހި މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް ޓީސީ މި ވަނީ ރާއްޖޭގެ ޗެމްޕިއަނުންގެ ސަފަށް އަަރައިފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓީސީ ސްޕޯޓްސް ކްލަބޭ ބުނުމުން ގިނަ ބަޔެއްގެ ހަނދާނަށް ކުރިން އަންނާނީ ބައިބަލާ އެވެ. އެކަމަކު މިދިޔަ ހަތަރު އަހަރުތެރޭ އަލަށް އައިސް ފުޓްބޯޅައިގައި ފޯރިގަދަ އެންމެ ގަދަކޮށްލި އެއް ބަޔަކީ ޓީސީ އެވެ. ރާއްޖޭގެ މުބާރާތްތަކުގައި ޓީމުތަކަށް ދެއްކި ވާދަވެރި ރޫހާއި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އަށް ހޯދައިދިން ރީތި ނަން އެއީ ޓީސީން ހާސިލްކުރި ބޮޑެތި ކަންތައްތަކެވެ. އެ ހުރިހާ ކަމަކުން ކުރިއަށް ޖެހި މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް ޓީސީ މި ވަނީ ރާއްޖޭގެ ޗެމްޕިއަނުންގެ ސަފަށް އަަރައިފަ އެވެ.

އެކުވެރި ފެށުމެއް، ފަސް ބެލުމެއް ނެތި ދިޔައީ ކުރިއަށް

ޓީސީގައި އުޅޭ އެންމެންނަކީ އެންމެ ފުރަތަމަ ވެސް އެކުވެރި ބައެކެވެ. މީގެ ތޭވީހަކަށް އަހަރު ކުރިން ވެސް ޓީސީގެ ނަމުގައި އެކުވެރިންތައް ދިޔައީ އާދައިގެ މުބާރާތްތަކުގައި ދިޔައީ ވާދަކުރަމުންނެވެ. އެކަމަކު ރަސްމީ ސިފައެއްގައި ކްލަބް ރަޖިސްޓްރީ ކުރެވިގެން ކުޅިވަރުގެ ކަންތައްތަކުގައި އުޅެން ފެށީ އޭގެ އަހަރުތަކެއް ފަހުންނެވެ. އާ ރޫހަކާ އެކު ގައުމީ ލެވެލުގައި ޓީސީ ކުޅިވަރުގެ ކަންތައްތަކުން ކުރިއަށް ދިއުމަށް ނިންމުމުގައި ވެސް އޮތީ މުހިއްމު މަގުސަދެކެވެ.

"ކަންމަތީ ގޭންގެކޭ ޓީސީ އަކީ. އެއީ އިވޭ އަޑަކީ. އަސްލު އެކަން ބަދަލުކުރުމަކީ ޓީސީ ކާމިޔާބީ އަށް ދަތުރު ފެށި ހިސާބު. ހަގީގަތުގައި ޓީސީގެ ހުރިހާ އެންމެން ވެސް ބޭނުންވީ އެ ނަމުން ސަލާމަތްވެ އަހަރެމެންނަކީ ވެސް އާންމުން ބަލައިގަންނާނެ ބަޔަކު ކަމުގައި ހެދުން،" ޓީސީ ސްޕޯޓްސް ކްލަބް ވުޖޫދަށް ގެނައުމުގެ އިތުރުން ކްލަބް ހިންގުމުގައި އަބަދުވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ނަޝީދު (ޑޭވް) "މިހާރަ"ށް ބުންޏެވެ.

ނިޒާމްބެ (މ) ޓީސީ ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިޒާމްބެ (މ) ޓީސީ ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައިބަލާގައި ކާމިޔާބީތަކެއް ހޯދަމުން ދިޔަ ޓީސީން ފުޓްބޯޅައިގައި ވާދަކުރަން ފެށީ 2006 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން ޓީސީން އައީ ގަވާއިދުން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅެމުންނެވެ. ތިން ވަނަ ޑިވިޝަނުގައި ކުޅެލަ ކުޅެލައި އޮންނަ ކްލަބެއްގެ ބަދަލުގައި ފުޓްބޯޅައިގައި އެންމެ އުހަށް ޓީމު ގެންދިއުމުގެ ވިސްނުން ޑޭވް އަށް އައީ އޭނާ ރާއްޖޭން ބޭރުގައި އުޅެފައި 2012 ވަނަ އަހަރުގެ އޮގަސްޓް މަހު އެނބުރި އައި ހިސާބުންނެވެ.

"ރާއްޖޭގައި ހުންނަން އެނބުރި އައިސް 2013 ވަނަ އަހަރު އޭރު ޓީސީގެ ރައީސަކަށް ހުރި ޔާމްބެ (ޔާމީން އިބްރާހިމް) ގާތުގައި ބުނިން މި ޓީމު ދެ ވަނަ ޑިވިޝަނަށް ނަގައިދޭށޭ. އަހަރެންނާއި މޯ (މުހައްމަދު އީސާ) މީތި ދެން ބަލައިދޭނަމޭ. އެ ހިސާބުން އެންމެން ވެސް ވަރަށް ވާންކޮށް މަސައްކަތް ފަށައިފި. އިންޝާﷲ ވަރަށް ރަނގަޅަށް ދިޔައީ." ޑޭވް ބުންޏެވެ. "ޔާމްބެ އަކީ ޓީސީ ލީޑުކުރުމުގައި ހަގީގަތުގައި ނަމޫނާ ދެއްކި ޓީސީގެ ގޯލްޑަން ޖެނެރޭޝަންގެ ފޭސް."

ޓީސީން ފުރަތަމަ ޑިވިޝަނުން ޖާގަހޯދީ 2014 ވަަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ރެލިގޭޝަން ޕްލޭއޮފް ވެސް ކާމިޔާބުކޮށް ހުރިހާ ހަރުފަތެއް ވެސް ގިރާކޮށްފަ އެވެ. ދިމާވި ކޮންމެ ޗެލެންޖަކާ ޓީސީން އޭރު ދިޔައީ ފިސާރި ކެރިގެން ކުރިމަތިލަމުންނެވެ. އޭގެ އަށް ހެކިދޭނެ އެއް މެޗަކީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި އޭރު އެންމެ ވަރުގަދަކޮށް އޮތް މާޒިޔާއާ ދެކޮޅަށް ޓީސީ ދެއްކި ހިތްވަރު ގަދަ ކުޅުމެވެ. އެ މެޗުން ޓީސީ 3-1 އިން ބަލިވި ނަމަވެސް މާޒިޔާ އަށް ކުރިމަތިކުރުވި ޗެލެންޖަކީ ޓީސީގެ ނަން ފުރަތަމަ ޑިވިޝަނުގައި ގަދަވާނެ ކަމަށް ބެލެވުނު ސަބަބެކެވެ. ކަންވީ ވެން އެހެނެވެ.

ނިޒާމްބެ، ކޯޗެއް ނޫން، ޓީސީގެ ޕްލޭންގެ މުހިއްމު މޭސްތިރިއެއް

ކޯޗިންގައި ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައި ރާއްޖޭގެ ފުޓްބޯޅަ ތާރީހުގެ މުހިއްމު ޗެޕްޓަރުތަކެއްގެ ހިއްސާދާރު އައްޑު އަތޮޅުގެ މަޝްހޫރު މަރްހޫމް ހުސެއިން ދީދީ (ޖޯޖް)ގެ ދަރިފުޅު މުހައްމަދު ނިޒާމް (ނިޒާމްބެ) އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ކެރޭ އެއް ކޯޗެވެ. ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ އެކަން ކުރެ އެވެ. ޗެލެންޖެއް ދޭން ޖެހިއްޖެނަމަ އެކަން ވެސް އުފަލާ އެކު ގަބޫލުކުރެ އެވެ. އެކަމަކު ކުރަމުން އަންނަ މަސައްކަތް ހުއްޓައެއް ނުލަ އެވެ.

ޓީސީގެ އިސް ހިންގުންތެރިޔާ ޑޭވް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ އިސް ހިންގުންތެރިޔާ ޑޭވް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޓީސީން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ނަޒީހުއާ. ދެން އޭރު އޭނަ އަށް އާދެވެން ނެތީ. ދެން ޓީސީން ނިޒާމްބެއާ ވާހަކަ ދެއްކީ. ނިޒާމްބެއާ ވާހަކަ ދެއްކި ހިސާބުން ހަމަ ޔަގީންވެއްޖެ. މިއީކަން ޓީސީ ކުރިއަށް ޖައްސައިދެވޭނެ ކޯޗަކީ. އެއީ މެނޭޖްމަންޓާ އެއް ވިސްނުމެއް ފެނުނީ. ހަމަ ޓީސީވަންތަ މީހެއް އަތުގައި ޖެހުނީ،" ޑޭވް ބުންޏެވެ.

ފުރަތަަމަ ޑިވިޝަނުގައި 2015 ވަނަ އަހަރު ޓީސީން ފުރަތަމަ ވާދަކުރަން ފެށިއިރު، މަޝްހޫރު ނަންތަކެއް އެ ޓީމުގައި ނެތެވެ. ހަމައެކަނި އެކި ކްލަބްތަކަށް ކުރިން ކުޅެފައިވާ ކުޅުންތެރިން ތިބިކަން އެކަންޏެވެ. އެކަމަކު ނިޒާމްބެ އެ ކުޅުންތެރިންގެ ބޭނުންހިފައި ޓީސީ އަށް ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށްދިނެވެ. އެއް ހިސާބެއްގައި ޓީމު ހިފަހައްޓައިދިނެވެ.

ނިޒާމްބެ މިދިޔަ ހަތަރު އަހަރު ޓީސީގައި ތަށީގެ ނިސްބަތުން ހޯދި ކާމިޔާބީ އަށް ވުރެން ކުރިމަތިލި ނާކާމިޔާބީތައް ގިނަ އެވެ. ރާއްޖޭގެ ތިން މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތެއް ނިންމާލީ ދެ ވަނައިގައި އޮވެ އެވެ. ފުޓްބޯޅައިގައި މީހުން މިނެކިރާއިރު ހަމައެކަނި ތިލަފަތަށްލާން ޖެހެނީ ހޯދާ ތަށިތަކެއް ނޫނެވެ. ފުޓްބޯޅައިގެ ކުރިމަގަށް ކުޅުންތެރިން ނެރެދިނުމަކީ ވެސް ނިސްބަތުން ބަލާއިރު ބޮޑު ކާމިޔާބީ އެކެވެ.

ކޯޗިންގައި ނިޒާމްބެ މިދިޔަ ހަތަރު އަހަރު ތެރޭ ނެގި ގިނަ ރިސްކުތަކުން ފުރުސަތު ލިބި ތަފާތު ދެއްކި ކުޅުންތެރިން މިހާރު އަންނަނީ ޓީސީގެ އިތުރުން އެހެން ޓީމުތަކުގައި ވެސް ފިޔަޖަހަމުންނެވެ. މިސާލަކަށް ބަލާނަމަ މި ފަހަރުގެ ސާފް ސުުޒުކީ ކަޕް ތަށި ރާއްޖެ އަށް ގެނެސްދިން ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިންނަށް ބަލާއިރު، އެއީ ނިޒާމްބެގެ އެދުރަކަށް ހުރެ ފުޓްބޯޅައިގައި ކުރިއަށްދިއުމުގެ މަގު ދައްކައިދިން ކުޅުންތެރިންނެވެ.

"އަސްލު ހަގީގަތުގައި ޓީސީން މި ފަހަރު ވެސް ދިން ޓާގެޓަކީ ފެންވަރު ރަނގަޅު ހަތަރު ކުޅުންތެރިން ނެރެދިނުމަށް. އެ ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ދިޔަސް ސީދާ އެ ޓީމެއްގައި ކުޅެވޭ ފެންވަރެއްގެ ކުޅުންތެރިންނަށް ހެދުމަށް. އެ އަށް ވުރެ ރަނގަޅަށް ވީ ރަނގަޅު ހަތް ކުޅުންތެރިން ނެރެވުނު. ދެން ލީގު ލިބުމަކީ ހަގީގަތުގައި މި ޓީމުން ކަނޑައެޅި ޓާގެޓްތަކަށް ބަލާއިރު ބޯނަހެއް،" ލީގުގެ ފަހު މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.

މި ކާމިޔާބީ އަކީ ޓީސީން ކްލަބެއްގެ ގޮތުގައި ހަރުދަނާކޮށް ކުރިއަށް ދިއުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ފިޔަވަޅެއްގެ ގޮތުގައި ނިޒާމްބެ ގަބޫލުކުރެ އެވެ. އަދި ފުޓްބޯޅައިގައި ކާމިޔާބީ އަކީ ހަމައެކަނި ފައިސާ އަށް ބަރޯސާވެގެން އޮންނަ ކަމެއްގެ ގޮތުގައި ދެކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ނިޒާމްބެ ގަބޫލުކުރެ އެވެ.

"ލިބިފައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ދެ ވަނަ އަށް އެންމެ ކުޑަކޮށް ހަރަދުކުރި ކްލަބް ގޮތުގައި ޓީސީ އޮތީ. ފަހަރުގައި މިއީ ދޮގަކަށް ވެސް ވުން އެކަށީގެންވޭ. މި އަށް ވުރެ މާބޮޑު ހަރަދުކުރި ޓީމުތައް ވެސް އެބައޮތް. ހަގީގަތުގައި މީގެ އިން ދައްކުވައިދޭ އެއްޗަކީ ހުސް ފައިސާ ނޫންކަން މުހިއްމީ،" ނިޒާމްބެ ބުންޏެވެ.

ޓީސީން ކުޑަ ބަޖެޓެއްގައި ވެސް ކްލަބް ކުރިއަށް ގެންދިއުމުގައި ހުއްޓުމެއް ނެތި ބޭނުންވާ މިސްރާބަށްދަނީ ކްލަބްގެ ތެރޭގައި އޮންނަ ބަދަހިކަމެވެ. މުސާރަ ދިނުމުގައި ލަސްތަަކެއް އުޅުނު ނަމަވެސް އެއްވެސް އިރެއްގައި ޓީސީ ކުޅުންތެރިން ބާކީވެ، މާޔޫސްވިޔަކަނުދެ އެވެ. އަދި އަބަދުވެސް ކުޅުންތެރިންގެ ކަންތައްތަކާ ޓީސީ މެނޭޖްމަންޓުން ކުރިމަތިލަނީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

"ދަގަނޑޭ ޓީސީ ޖޯޒީގައި ކުޅުމަކީ ޝަރަފެއް"

ފުރަތަމަ ޑިވިޝަނުގައި ޓީސީ ވާދަކުރަން ފެށިއިރުއްސުރެން އެ ޓީމުގެ މެނޭޖްމަންޓުގެ އެއް ޕޮލިސީ އަކީ ބޮޑު އަގުދީފައި ގިނަ ކުޅުންތެރިން ނުގެނައުމެވެ. އޭގެ ބަދަލުގައި އަތްފުނާއަޅައިގެން ހުނަރުހުރި ފުރުސަތު ނުލިބި ތިބި ކުޅުންތެރިން ހޯދުން އެއީ ޓީސީން ދަމަހައްޓަން ބޭނުންވާ ކްލަބްގެ ސަގާފަތެކެވެ. އަދި އެކަން ކުރަން ޓީސީން ދެމިތިބޭނެ ކަމަށް އެ ކްލަބުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މިދިޔަ އަހަރުތަކުގައި ޓީސީ އަށް އަލީ ފާސިރު (ސެންޓޭ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ކުޅުނެވެ. ޓީސީގައި ހުރެ ސެންޓޭ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދިިއިރު، ބޮންޑާ ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ޓީސީ އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ދަގަނޑޭ (ކ) ޓީސީ އަށް ބަދަލުވުމަށް ފަހު ޑޭވްއާ އެކު.-- ފޮޓޯ: ޓީސީ

ދަގަނޑޭ (ކ) ޓީސީ އަށް ބަދަލުވުމަށް ފަހު ޑޭވްއާ އެކު.-- ފޮޓޯ: ޓީސީ

ރާއްޖޭގެ މުބާރާތްތަކުގައި ޓީސީ އަށް ކާމިޔާބެއް ނުހޯދި އޮތްއޮތުން ބަދަލުވާނެ ކަމުގެ އުއްމީދު ޓީސީ އަށް ބޮޑުވާނެ ކަމަށް ބެލެވުނީ ޝެއިހް ކަމާލް ކަޕްގެ ކާމިޔާބީން ކަމަށް ގިނަ ބަޔަކަށް ބެލެވުނެވެ. އެކަމަކު ޑޭވް ބުނީ ޝެއިހް ކަމާލް ކަޕްގެ މާ ކުރިން އިތުބާރު ލިބުނު ކަމަށެވެ.

"އަޅުގަނޑުމެން 2015 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ގޮސް ލީގުގެ ދެ ވަނަ ލިބުނީމަ އެ އަހަރު ވެސް ޔަގީންވި ތިން އަހަރު ވަރު މި ގޮތަށް ކުޑަކުޑަ އިމްޕްރޫވްމަންޓްތަކެއް ގެނެސްގެން މި ޓީމު އެންމެ މައްޗަށް ޖައްސާލެވޭނެކަން. އެ އުއްމީދު އަބަދުވެސް އޮތް. އިރާދަކުރެއްވިއްޔާ މިހާރު އެކަން ކުރެވިއްޖެ،" ޑޭވް ބުންޏެވެ.

ކާމިޔާބު ހޯދުމަށް ޓީސީން ކުރަމުން އައި މަސައްކަތަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ މި ފަހަރުގެ ޖޫން މަހުގެ ޓްރާންސްފާ މާކެޓްގައި އަލީ އަޝްފާގު (ދަގަނޑޭ) އެ ޓީމާ ގުޅުނު ހިސާބުންނެވެ. ނިއު ރޭޑިއަންޓާ އެކު ދަގަނޑޭ ހަދާފައި އޮތް އެއްބަސްވުން އެފްއޭއެމުން އުވާލުމުން ޓީސީން ވަނީ ފުރުސަތުގެ ބޭނުން ހިފައި ދަގަނޑޭގެ ސޮއި ހޯދައިފަ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މިހާރު އުމުރުން 33 އަހަރުގެ ދަގަނޑޭ 2001 ވަނަ އަހަރު ކެރިއަރު ފަށައި، އޭނާ ރާއްޖޭގައި ކުޅުނު އަހަރުތަކުގައި މިހާތަނަށް ބޭއްވި ދިވެހި ލީގުގެ 16 މުބާރާތުގެ ތެރެއިން 13 ތަށި ހޯދީ އޭނާ ކުޅޭ ޓީމުތަކެވެ.

"ޓީސީ ޖޯޒީގައި ދަގަނޑޭ ލައްވައި ކުޅުމަކީ ޝަރަފެއްގެ ގޮތުގައި ދެކުނީ. އެހެންވެ އޭނަ ގެންނަން އެންމެ ބޭނުންވީ. ހަމަހުރެފައި ދަގަނޑޭ އަށް ބޮޑު ހަރަދެއް ނުކުރަން. އޭނަ އާއި މުޅި ޓީމަށް ހަރަދުކުރުމުގައި ގޮތްތަކެއް ހޯދަން ލައިބީރިއާ ފޯވާޑާއި ބިދޭސީ ކީޕަރު އަސްނިން ދޫކޮށްލީ. ދެން ކީޕަރު ކިރަން ގެނައީ ރަނގަޅު ކީޕަރަކާ އެކު ލީގަށް ވާދަކުރެވޭނެ ކަމުގެ އިތުބާރު ދަގަނޑޭ ވެސް ދިނުމުން،" ލީގަށް ވާދަކުރުމުގެ ކަންތައްތައް ދިޔަ ގޮތް ޑޭވް ކިޔައިިދިނެވެ.

ނިޒާމްބެ ސިފަކުރާގޮތުގައި ޓީސީ އިތުރަށް ފުރިހަަމަ ކޮށްދިނީ ދަގަނޑޭ އެވެ. އޭނާ ބުނީ ރާއްޖޭގެ ކްލަބަކުން އެހާ ކުރު މުއްދަތެއްގެ ތެރޭގައި ލީގު ހޯދާނީ އެ އިރެއްގައި ކުޅޭ ހުރިހާ މަޝްހޫރު ކުޅުންތެރިން ލައިގެން ކަމަށެވެ. އެކަމަކު ޓީސީން އެކަން ހާސިލްކުރި ހަމައެކަނި މަދުވާ ބައި ހޯދައިގެން ކަމަށެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ދިގުލައިދާތީވެ، މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އަންނަ އަހަރަށް ފަސްކޮށް ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު މި އަހަރުގެ އެފްއޭ ކަޕް ވަނީ ކެންސަލްކޮށްފަ އެވެ. ޓީސީ އަށް ލީގުގެ ކާމިޔާބީން ހިތްވަރު ހޯދައި، މި އަހަރު ދެން ކުޅޭނެ މުބާރާތެއް ނެތެވެ. އެ ޓީމަށް ދެން އޮތީ ކުރިއަށް އޮތް އަހަރަށް ޓީމު އެކުލަވާލުމުގެ މަސައްކަތެވެ.

"ޓީސީ ސްޕޯޓްސް ކްލަބްގެ ފުޓްބޯޅަ ބޯޑުން މިހާރު ނިންމާ ނިންމުމެއް އޮތީ. އެކި ގޮތްގޮތަށް މަަޝްވަރާކުރަމުން މި އަންނަނީ. ޓީސީން އެންމެ އިސްކަންދޭނީ މި ކްލަބްގެ ޕޮލިސީ އަށް. ކްލަބް ހިންގާނީ ކްލަބް ތެރެއިން. މި ކްލަބްގެ ކަންތައްތައް ފުޅާކުރުން އެއީ ވަރަށް ބޮޑު އަމާޒެއް. އެކަމަކު ޓީސީން ނުކުރާނެ ކަމެއް އެއީ ލިބޭ އެއްޗަކަށް ނުބަަލައި ހަމަހުރެފައި ބޮޑު ހަރަދުކުރުން،" ޑޭވް ބުންޏެވެ.

ލަނޑު ޖެހުމަށް ފަހު ފޭދޫ އިއްބެ (ކ) އާއި ސައްޓު އުފާފާޅުކުރަނީ: މި ދެ ކުޅުންތެރިން މިނިވަން ޗެމްޕިއަންޝިޕުން ފާހަގަކުރެވުނުއިރު ވިދާލީ ޓީސީން ދިން ފުރުސަތުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލަނޑު ޖެހުމަށް ފަހު ފޭދޫ އިއްބެ (ކ) އާއި ސައްޓު އުފާފާޅުކުރަނީ: މި ދެ ކުޅުންތެރިން މިނިވަން ޗެމްޕިއަންޝިޕުން ފާހަގަކުރެވުނުއިރު ވިދާލީ ޓީސީން ދިން ފުރުސަތުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ހޯދި ކާމިޔާބީތަކުގެ އުފާފާޅުކުރުންތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ. އެއާ އެކު ޓީސީ އަކީ ރައީސް ޔާމީންއާ ގުޅުން އޮންނަ ކްލަބެކޭ ކިޔާ ވެސް އަޑުފެތުރިގެންދިޔަ އެވެ. އެކަަމަކު ޑޭވް ބުނީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު ކިޔާ މިއީ ރައީސް (ޔާމީން)ގެ ކްލަބޭ. ނޫނީ މެޑަމްގެ ކްލަބެކޭ. އެހެނެއް ނޫން. ހަގީގަތުގައި އެހެން ކްލަބްތަކާ ބަލައި ވަރަށް ކުޑަ ބަޖެޓަކުން މި ޓީމު މި ހިންގަނީ. ސްޕޮންސަރުންގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ފައިސާ ހޯދައިގެން ކްލަބް މި ހިންގަނީ،" ކުރިން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުރި ޑޭވް ބުންޏެވެ.

ޓީސީން މިހާރު އަންނަނީ އެ ކްލަބްގެ ކަންތައްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެ ޓީމުން އަންނަނީ ޏ. ފުވައްމުލަކުގައި އެކެޑަމީއެއް ހިންގަމުންނެވެ. އަދި އަވަސް މުސްތަގުބަލެއްގައި އެހެން އެކެޑަމީތައް ވެސް ފެށުމަކީ އެ ކްލަބްގެ އަމާޒެކެވެ. އެ ކްލަބް ކޮންމެ މިސްރާބަކަށް ދިޔަސް ބަދަލުނުވާނެ އެއް ކަަމަކީ ޓީސީގެ ނަމުގައި ހިއްސާއެއްވާ އެއްވެސް ކުޅުންތެރިއަކު ބާކީ ނުކޮށްލުމެވެ. ޓީމުގައި ހިމެނޭ ކޮންމެ މީހަކަށް އެންމެންގެ އެހީތެރިކަން ޔަގީނުން ލިބޭނެ ކަމުގެ އިތުބާރު ދެމެހެއްޓުމެވެ.

"ޓީސީ އަށް އަންނަ ދުވަހުން ފެށިގެން ހަގީގަތުގައި އެ ވަދެވެނީ މި ފެމިލީ އަށް. ދެން އެންމެން އޭނަ (އެ ކުޅުންތެރިއަކަށް) ބަލާނެ. ހަގީގަތުގައި ޓީސީގައި މުސާރައަކަށް ކުރާވަކަމަކަށް ވުރެން ބޮޑަށް ކުޅުންތެރިންނަށް ވިސްނައިދެނީ މިއީ އެންމެންގެ ކްލަބެކޭ. މި ކްލަބަށް ލިބޭ އެއްޗަކީ އެންމެންގެ އެއްޗެކޭ. ވަކި މީހަކަށް ލިބޭ އެއްޗެއް ނޫނޭ. އިންޝާﷲ އެ ގޮތުގައި ކުރިއަށް ވެސްދާނީ އޮންނަ އެކުވެރިކަން އިސްކުރާނަން އަބަދުވެސް،" ކްލަބް ކުރިމަގާ ބެހޭގޮތުން ޑޭވް ދިން މެސެޖަކީ މި އެވެ.