Roadha Mihaaru
ދަގަނޑޭ އަލުން ޓީސީ އަށް ބަދަލުވެއްޖެ

ދަގަނޑޭ އަލުން ޓީސީ އަށް ބަދަލުވެއްޖެ

10 ޖެނުއަރީ 2020

މި ސީޒަނުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަލުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި ސީޒަނުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަލުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

ދަގަނޑޭ، ޓީސީއާ އެކު މިއަދު އެއްބަސްވުމަކަށް އައިސްފައިވާއިރު، މިއަދު ހަވީރު އެ ކްލަބުން ބާއްވާ ޕްރެކްޓިހުގައި ދަގަނޑޭ ބައިވެރިވާނެ އެވެ. ޓީސީއާ ދެ ވަނަ ފަހަރަށް ގުޅުމަށް ފަހު ދަގަނޑޭޭ އެ ޓީމަށް ކުޅެދޭ ފުރަތަމަ މެޗަކަށް ވާނީ އަންނަ އާދިއްތަ ދުވަހު ހަވީރު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ގްރީން ސްޓްރީޓްސް އަށް ދަގަނޑޭ ކުޅެދިން ފަހު މެޗަކީ މިދިޔަ ބުދަ ދުވަހުގެރޭ އެ ޓީމު 2-0 އިން ޓީސީ އަތުން ބަލިވި މެޗުގަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީސީން ވަނީ ދަގަނޑޭގެ ސޮއި ހޯދުމުގެ ކުރިން ފޯކައިދޫ އަށް ކުޅެމުން އައި ތިން ކުޅުންތެރިން ކަމަށްވާ ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބާއި މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ގެނެސްފަ އެވެ. މި ތިން ކުޅުންތެރިން ވަނީ ޓީސީ އެންމެ ފަހުން ކުޅުނު މެޗުގައި ކުޅެފަ އެވެ.

ދަގަނޑޭ އެންމެ ފުރަތަމަ ޓީސީ އަށް ބަދަލުވީ 2018 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު އެ ޓީމުން މުސާރަ ނުދޭ މައްސަލައިގައި ކޮންޓްރެކްޓް ކެންސަލްކޮށްލުމަށް ފަހު އެވެ. ދަގަނޑޭ ވަނީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކައި ޓީސީ އަށް ފުރަތަމަ ފަހަރަށް ލީގު ހޯދައިދިނުމުގައި އެހީތެރިވެދީފަ އެވެ. އަދި އޭނާ ވަނީ އެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކޮށްފަ އެވެ.

ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި ވެލެންސިއާގެ ޖާޒީގަ އެވެ. ފުރަތަމަ ކުޅުނު މުބާރާތުގައި ވެސް ރަން މެޑަލް ކަރުގައި އަޅުވާލި އެވެ. އަދި 2005 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅުނުއިރު ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހާސިލްކުރި އެވެ.

އޭނާ ދެން ބަދަލުވީ 2006 ގައި ނިއު އަށެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އަދި އެ އަހަރު ނިއު އިން ރިލީޒް ހޯދައިގެން ދުވަސްކޮޅަކު ބުރުނާއީގެ ޑީޕީއެމްއެމް އަށް ކުޅުނެވެ. އޭގެ ފަހުން ރެކޯޑް އަގެއްގައި 2008 ގައި ވީބީއާ ގުޅުނެވެ. ވީބީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު ދަގަނޑޭ 2012 ވަނަ އަހަރު އެނބުރި ނިއު އަށް ދިޔަ އެވެ. އޭގެ ފަހުން ދެން ދަގަނޑޭ ފެނުނީ މެލޭޝިއާގެ ޕީޑީއާރްއެމް އަށް 2014 ވަނަ އަހަރުގެ މެލޭޝިއާ ޕްރިމިއާ ލީގު ކާމިޔާބުކޮށްދީ އެ ޓީމު ސުޕަ ލީގަށް ޕްރޮމޯޓްކޮށްދީ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމް ހޯދި އެވެ. ޖެހިގެން އައި އަހަރު އެ ޓީމު މެލޭޝިއާ ސުޕަ ލީގުގައި ވާދަކުރިއިރު އިރު ވެސް ތަފާތު ދެއްކި އެވެ. އޭނާ އެ ޓީމު ދޫކޮށްލީ އަނިޔާގެ ސަބަބުން 2016 ވަނަ އަހަރު ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ. އެއަށް ފަހު އެނބުރި ރާއްޖެ އައިސް އެ އަހަރުގެ ދިވެހި ލީގުގައި މާޒިޔާއާ ގުޅި އެ ޓީމަށް ދިވެހި ލީގު ކާމިޔާބުކޮށްދިނެވެ.

ގްރީން ސްޓްރީޓްސް މެޗެއްގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސް މެޗެއްގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސީޒަނަށް ގްރީން ސްޓްރީޓްސް އަށް ބަދަލުވުމަށް ފަހު މިހާތަނަށް ދަގަނޑޭ ވަނީ އެ ޓީމަށް 15 ގޯލު ޖަހައިދީފަ އެވެ. ދަގަނޑޭ، އޭރު ގްރީން ސްޓްރީޓްސް އަށް ބަދަލުވިއިރު ވެސް އޭނާ އޭއެފްސީ ކަޕްގައި ޓީސީ އަށް ކުޅެން އެ ޓީމަށް ބަދަލުވާނެ ކަމަށް ވާހަކަތަށް ދެކެވުނެވެ. ދަގަނޑޭ، ޓީސީ އަށް ބަދަލުވީ ގްރީން ސްޓްރީޓްސް އިން ރިލީސް ދިނުމުންނެވެ. ޓީސީން ވަނީ ގްރީން ސްޓްރީޓްސްގެ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

ދޮޅު އަހަރު ގައުމީ ޓީމުން ބާކީކޮށްފައި ހުރުމަށް ފަހު ދަގަނޑޭ އަށް ވަނީ ދާދި ފަހުން ގައުމީ ޓީމުން ފުރުސަތުދޭން ފަށައިފަ އެވެ. އެނބުރި އައިސް ދަގަނޑޭ ވަނީ މިހާތަނަށް ގައުމީ ޓީމަށް ދެ ލަނޑު ޖަހައިދީފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ރަށުންބޭރުގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗާއި މާލޭގައި ގުއާމާ ބައްދަލުކުރި މެޗުގަ އެވެ.

އޭއެފްސީ ކަޕުގައި ފުރަތަމަ ފަހަރަށް މި އަހަރު ޓީސީން ވާދަކުރާނެ އެވެ. އެ ޓީމުން 2018 ވަނަ އަހަރުގެ ކޮލިފައިންގައި ވާދަކޮށް ޕްލޭއޮފުން ބެންގަލޫރު އަތުން ބަލިވީ އެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ކްލަބްތަކަށް ހާއްސަ ގްރޫޕުގައި ރާއްޖޭގެ ޓީސީގެ އިތުރުން ދެން އޮތީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެވެ. ދެން މި ގްރޫޕަށް ހޮވޭނީ ކޮލިފައިން ބުރުން އަންނަ ޓީމެކެވެ. އެ ބުރުގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރުގެ އިތުރުން ބަންގްލަދޭޝްގެ އަބަހާނީ ވާދަކުރެ އެވެ.