Roadha Mihaaru
ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް "ހުރަވީ"ގެ ނަން

ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް "ހުރަވީ"ގެ ނަން

14 ނޮވެމްބަރ 2018

ހުޅުމާލޭގައި އަޅާފައިވާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް "ހުރަވީ"ގެ ނަން ސަރުކާރުން ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަޅާފައިވާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް "ހުރަވީ"ގެ ނަން ސަރުކާރުން ދީފި އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އިއްޔެ ވިދާޅުވީ ހުޅުމާލޭގައި އެންމެ ކުރިން އާބާދުވި ސަރަހައްދު (ނެއިބަހުޑް 1) ގައި ހަދާފައިވާ ސްކޫލުގެ ނަން ރައީސް އޮފީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޫލަށް މިހާރު ދަރިވަރުންނަށް ޖާގަ ދެމުން އަންނަ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

އަމިން ކޮންސްޓްރަކްޝަނާ 132 މިލިއަން ރުފިޔާ އަށް ހަވާލުކޮށްގެން އިމާރާތްކުރި ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭނެ އެވެ. އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ 13ގަ އެވެ.

ޝަފީއު ވިދާޅުވީ އަންނަ އަހަރު އެ ސްކޫލްގައި އަލަށް ކިޔަވައިދޭން ފަށާ އިރު، ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް 1-9 އަދި 11 އަށެވެ. އޭގެ އަނެއް އަހަރުން ފެށިގެން ގްރޭޑް 10 އަދި 12 ގައި ވެސް ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ލިޓްލް ޖެމްސް ޕްރީ ސްކޫލު ކައިރީގައި ހަތް ބުރި އަށް އިމާރާތްކުރި ސްކޫލުން ގާތްގަނޑަކަށް 1700 އެއްހާ ދަރިވަރުންނަށް ޖާގަ ލިބޭނެ އެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމަ އަށް ކިޔަވައިދޭ ސްކޫލުގައި ތިން ބްލޮކް ހަދާ އިރު 53 ކްލާސްރޫމް ހުންނާނެ އެވެ. އެ ތަނުން ދެ ކްލާސްރޫމް ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.

ހުރަވީގެ ނަން ނިސްބަތްވަނީ ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީ (ދޮންބަންޑާރައިން) އަށެވެ. ދޮންބާޑަރައިންނަށް ހުރަވީގެ ނަމުން މުޚާތަބު ކުރަނީ އެ ރަދުންނަކީ މާލެ އަތޮޅު ހުރާ އަށް ނިސްބަތްވާ ބޭފުޅަކަށް ވާތީ އެވެ. މާލޭގައި ވެސް ހުރަވީ ބިލްޑިން ނަމުގައި ސަރުކާރުގެ އޮފީސް އިމާރާތެއް ހުރެ އެވެ.

މިހާރު ކިޔަވައިދެމުން އަންނަ ސްކޫލުތަކުގެ ތެރެއިން އެންމެ ބޮޑު ސްކޫލު، ރެހެންދި ސްކޫލު ވެސް ހުންނަނީ ހުޅުމާލޭގަ އެވެ. އެ ތަނުގައި މިހާރު ހަތަރު ސްކޫލު ހުރެ އެވެ.