Roadha Mihaaru
ބޮޑު ފައިދާ ކޮށްދޭނީ ބީއެެމްއެލް، ދިރާގު އަދި އެސްޓީއޯ

އެންމެ ބޮޑު ފައިދާއެއް ކޮށްދޭނީ ބީއެެމްއެލް، ދިރާގު އަދި އެސްޓީއޯ އިން

13 ނޮވެމްބަރ 2018

ހިއްސާގެ ފައިދާގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކާނީ ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގާއި އެސްޓީއޯ އިން ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހިއްސާގެ ފައިދާގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކާނީ ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގާއި އެސްޓީއޯ އިން ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކުންފުނިތަކުން ފައިދާގެ ގޮތުގައި ދައްކާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 892.7 މިލިޔަން ރުފިޔާ އެވެ. ކުންފުނިތަކުން ފައިދާގެ ގޮތުގައި އެ މިންވަރަށް ފައިސާ ދެއްކުމުން ފައިދާ އާއި އިންޓަރެސްޓްގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ.

ކުންފުނިތަކުން ދައުލަތަށް އެ މިންވަރަށް އާމްދަނީ ލިބޭނީ ފައިދާގެ 60 ޕަސެންޓް ޑިވިޑެންޑްގެ ގޮތުގައި ދޫކުރާ ނަމަ އެވެ. އެއީ ދޫކުރަން ލާޒިމުކުރާ މިންވަރު ވެސް މެ އެވެ.

އިންޓަރެސްޓާއި ފައިދާގެ ގޮތުގައި އަންނަ އަހަރު އެ އަދަދަށް އާމްދަނީ ލިިބިއްޖެ ނަަމަ އެއީ 24.4 ޕަސެންޓްގެ ކުރިއެރުމެކެވެ. އެފަދަ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބިފައި ވަނީ 940.2 މިލިޔަން ރުފިޔާ އެވެ.

ޓެކްސްގެ ގޮތުގަޔާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން ކުންފުނިތަކުން ލިބޭ މިންވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނީ ރިސޯޓްތަކުގެ ބިމު ކުލީގެ ގޮތުގަ އެވެ. އެގޮތުން ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާ (1.9 ބިލިޔަން ރުފިޔާ) ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ 11 ޕަސެންޓްގެ ކުރިއެރުމެކެވެ.

ބަޖެޓް ފޮތުގައި ފިނޭންސުން ބުނެފައިވާ ގޮތުގައި ހަރުމުދަލުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވެނީ އިތުރު ރިސޯޓްތައް ހުޅުވައި ކުލި ދައްކަން ފަށާނެތީ އެވެ. އަދި ކުލި ނުދައްކާ ހުރި ރިސޯޓްތަކުގެ ކުލި ހޯދަން މަސައްކަތް ކުރުމަކީ ވެސް އެ ގޮތުން ލިބޭ އާމްދަނީ އިތުރުވާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކުންފުނިތަކުގެ ފައިދާ އާއި ހަރުމުދަލުގެ ކުލީގެ އިތުރުން ދެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަކީ އެކިއެކި ހިދުމަތްތަކަށް ފީގެ ގޮތުގައި ދައްކާ ފައިސާ އެވެ. އެ ގޮތުން ގާތްގަނޑަކަށް 1.4 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. އިގްތިސާދީ ދުވެލި 6.8 އިންސައްތައިގައި ހުންނާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.