Roadha Mihaaru
މިހާރު ހުރި ޕެންޝަން ސްކީމްތައް ކުރިއަކަށް ނުގެންދެވޭނެ

މިހާރު ހުރި ޕެންޝަން ސްކީމްތައް ކުރިއަކަށް ނުގެންދެވޭނެ: ފިނޭންސް

13 ނޮވެމްބަރ 2018

ރިޓަޔާމެންޓް ޕެންޝަން ސްކީމްގެ ބޭރުން ވަކިވަކި ގާނޫނުތަކުގެ ތެރެއިން ހިންގާ ބައެއް ސްކީމްތައް އެގޮތުގައި ނުދެމެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރިޓަޔާމެންޓް ޕެންޝަން ސްކީމްގެ ބޭރުން ވަކިވަކި ގާނޫނުތަކުގެ ތެރެއިން ހިންގާ ބައެއް ސްކީމްތައް އެގޮތުގައި ނުދެމެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްވި ބަޖެޓް ބަޔާނުގައި މިނިސްޓަރު ވިދާޅުވީ ސްކީމްތަކުގެ ފަންޑަށް ފައިސާ ރައްކާ ނުކުރެވި ދެމުންދާ ޕެންޝަންތަކަށް ހޭދަވާ މިންވަރު އިތުރުވަމުން ދަނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ވުރެ މަތީ އަދަދަކަށް ކަން ނެޝަނަލް ޕޭކޮމިޝަނުން ކުރި ދިރާސާއަކުން އެނގިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަ ސްކީމްގެ ބޭރުން ވަކިވަކި ގާނޫނުތަކުގެ ތެރެއިން، އަންފަންޑަޑް ނުވަތަ މި ސްކީމްތަކުގެ ފަންޑަށް ފައިސާ ރައްކާނުކުރެވި ޕެންޝަންތަކެއް ދެމުންދާ ކަމަށް ބަޔާނުގައި މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އާބާދީ އަށް އަންނަ ބަދަލުތަކަށް ބަލާއިރު އެންމެ ކުޑަ މިންވަރަކަށް ހަދާ އަންދާޒާތަކަށް ބެލި ނަމަވެސް ޕެންޝަނަށް ކުރާ ހަރަދު، މިހާރު ހުރި މިންވަރު ކަމުގައިވާ 200 މިލިޔަން ރުފިޔާއިން 2058 ވަނަ އަހަރުގެ ހަމައަށް 3.8 ބިލިޔަން ރުފިޔާ އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"... މިއީ އެވްރެޖްކޮށް އަހަރަކު ނުވަ އިންސައްތަ އިތުރުވުމެއް، އަދި މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ވުރެ މަތީ އަދަދެެއް ކަމުން މިފަދަ ޕެންޝަން ސްކީމްތަކަށް ހަރަދުކުރުމަކީ ކުރިމަގުގައި ދެމެހެއްޓޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ދައުލަތުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއް ކަމަށެވެ.

ޕެންޝަނަށް ހަރަދުވާ މިންވަރު ދައްކައިދޭ ޗާޓް

ޕެންޝަނަށް ހަރަދުވާ މިންވަރު ދައްކައިދޭ ޗާޓް

ބަޖެޓް ބަޔާނުގައި ބުނެފައި ވަނީ މިފަދަ ސްކީމްތަކުގެ އިދާރީ މުވައްޒަފުންނަށް ވަޒިފާ އިން ރިޓަޔާވުމުން އެއްފަހަރާ ދެވޭ އިނާޔަތްތަކާއި އެ މީހަކު ނިޔާވުމާ ހަމައަށް މަހުން މަހަށް އިނާޔަތްތަކެއް ދެވޭ ކަމަށެވެ.

އަދި މިއީ ސީދާ ދައުލަތުން ކުރާ ހަރަދަކަށް ވެފައި މަހުން މަހަށް ކުރަން ޖެހޭ ހަރަދަކަށް ވާތީ އެކަން ދެމެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އަންނަ އަހަރުގެ ބަޖެޓް ފޮތުގައި ވެ އެވެ. މި ސްކީމްތަކުގެ ދަށުން އެކަނި ވެސް މިދިޔަ އަހަރު 189 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި މި ނިސްބަތުން ދާ ނަމަ 2059 ވަނަ އަހަރާ ހަމައަށް ދާއިރު ދައުލަތުގެ ބަޖެޓުން އަހަރަކު 3.5 ބިލިއަން ރުފިޔާ ވަރު ހޭދަކުރަން ޖެހޭ ކަމަށް ބަޖެޓްގައި ލަފާކޮށްފައި ވެ އެވެ. އެއީ އަހަރަކު ގާތްގަނޑަަކަށް 9 ޕަސެންޓްގެ އިތުރުވުމެކެވެ.