14 ނޮވެމްބަރ 2018
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން ފޮނުއްވި ގޮތަށް ކަމަށާއި ބަޖެޓުގެ "އަކުރަކަށް" ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން ފޮނުއްވި ގޮތަށް ކަމަށާއި ބަޖެޓުގެ "އަކުރަކަށް" ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް 29.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހެޅި އިރު، އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވާ އިރު، އަންނަ އަހަރު ބަޖެޓު ޑެފިސިޓް 3.7 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ބަޖެޓުގައިވެ އެވެ.
ކޮމިޓީގެ މުގައްރަރު އިބްރާހިމް ޝަރީފް މިއަދުގެ ބައްދަލުވުމުގައި.--ފޮޓޯ: ހުސައިން ވަހީދު/މިހާރު
ނަމަވެސް، އިބޫގެ ޓްރާންސިޝަން ކޮމިޓީން އިއްޔެ ބުނީ މަޖިލީހަށް ހުށަހެޅި ބަޖެޓަކީ އާ ސަރުކާރުން އެދޭ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ބަޖެޓެއް ނޫން ކަމަށެވެ. އެހެންވެ، އިތުރު ކަންކަން ހިމަނައިގެން އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ކޮމިޓީން ބުންޏެވެ.
"އަޅުގަނޑު ނީންނާނެ އެންމެ ސެންޓެއް ވެސް، އެންމެ އަކުރެއް ވެސް، އެ ބޭފުޅުން ފޮނުވި ބަޖެޓަށް ބަދަލުކޮށްފައެއް. މާނައަކީ މިއީ އިންތިޚާބީ ރައީސްގެ އޮފީހުން ފޮނުވި ގޮތަށް އަޅުގަނޑު ހުންނާނީ ހުރިހާ އެއްޗެއް ގެންގޮސްދީފައި،" ބަޖެޓު ދިރާސާ ކޮމިޓީގައި މުނައްވަރު ވިދާޅުވި އެވެ.
ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ ބަޖެޓު ކޮމިޓީގައި މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވޭނީ އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރަށް ކަމަށެވެ. އަދި ކޮމިޓީ އަށް ވަޑައިގެންނެވީ މެޑިކަލް ލީވެއްގައި ހުންނަވަނިކޮށް، ކޮމިޓީން އެދުނީމަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އަދިވެސް މިހުރީ ރައްޔިތުންގެ ހިދުމަތުގައި. އެންމެ ފަހު ވަގުތު ދެމިހުރުމަށް މިއަދު އައީ،"
މުނައްވަރު ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސްގެ އޮފީހުން، ފިނޭންސް މިނިސްޓްރީ އަށް ބަޖެޓު ފޮނުވީ މަޖިލީހަށް ބަޖެޓު ފޮނުވުމުގެ ސުންގަޑި ހަމަވާ ދުވަހުގެ މެންދުރު އެވެ.
ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި (ކ) ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޫބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.
މުނައްވަރު ވިދާޅުވީ ބަޖެޓު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، މަޖިލީހަށް ފޮނުވާފައިވާނެ ކަމަށާއި މީޑިއާގައި ދެކެވެނީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.
ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމުގައި ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމަކުން ދުރާލައި މަސައްކަތް ކުރި ކަން ފާހަގަ ކުރައްވައި މުނައްވަރު ވިދާޅުވީ އަލަށް އެކުލަވައިލި ބަޖެޓަކީ އިންތިޚާބީ ސަރުކާރުގެ ޕޮލިސީތައް ހިމެނޭ، އެ ބޭފުޅުން ވަރަށް ބޮޑު މަސައްކަތެއް ކުރެއްވި ބަޖެޓެއް ކަމަށެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ބަޖެޓު ފޮތް ބައްލަވަނީ.--ފޮޓޯ: ހުސައިން ވަހީދު/މިހާރު
ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ޓްރާންސިޝަން ކޮމިޓީން ބުނި ކަމުގައިވިޔަސް، އެފަދަ ބަޖެޓެއް ހުށަހެޅުމަކީ ރަނގަޅު ގޮތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި އިންތިޚާބީ ރައީސް ބޭނުންވާ ގޮތަށް ބަޖެޓު މަޖިލީހަށް ހުށަހެޅީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދައުލަތުން ދެމުން އަންނަ ހިދުމަތްތައް އެންމެ ދުވަހަކު ވެސް ހުއްޓިގެން ގޮސްގެން ނުވާނެ. ހާއްސަކޮށް، މުހިންމު ސިއްހީ ހިދުމަތްތަކާއި ފެށިފައި ހުރި މަޝްރޫއުތައް. އަޅުގަނޑު އުފާކުރަން އަލަށް އަންނަ ސަރުކާރުން އެބަހުރި ޕްރޮޖެކްޓުތަކަށް ބަލާފައި. އެ ޕްރޮޖެކްޓުތައް ހުއްޓިގެން ނުދާނެ ގޮތަކަށް މިހާރު ވެސް ހުރީ ރާވާފައި،" މުނައްވަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕީއެސްއައިޕީގެ ގޮތުގައި ޖުމްލަ 544 މަޝްރޫއު ހިމަނާފައި ވާއިރު، އެއީ ހިނގަމުންދާ 315 މަޝްރޫއާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ 229 މަޝްރޫއެވެ.
ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއުތަކަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުން ދެ ބިލިއަން ރުފިޔާ، ލޯނުގެ ގޮތުގައި ތިން ބިލިއަން ރުފިޔާ، ހިލޭ އެހީގެ ގޮތުގައި 655 މިލިއަން ރުފިޔާ އަދި ޓްރަސްޓް ފަންޑުތަކުން 20 މިލިއަން ރުފިޔާއާ އެކު ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެއްވެސް ޕްރޮޖެކްޓެއް ކޮންޓްރެކްޓް ކޮށްގެން ބަޔަކާ ހަވާލުކޮށްފައި އޮތް ނަމަ، އެކަމެއް ބަޖެޓުގައި ހިމަނާފައި ވާނެ ކަމަށެވެ. އަދި އަލަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކަކީ އިންތިޚާބީ ރައީސްގެ އޮފީހުން ބޭނުންވެގެން ހިމެނި ކަންކަން ކަމަށް މިނިސްޓްރީން ބުންޏެވެ.
29 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު
30 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި
ބަޖެޓު ފާސް ކުރަން މިރޭ ޖަލްސާއެއް ބާއްވަނީ
30 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
ބަޖެޓު ނިންމުމުގެ އެންމެ ފަހު މަސައްކަތްތައް
ފިނޭންސް މިނިސްޓަރު މާދަމާ ކޮމިޓީއަށް ހާޒިރުކުރަނީ
މުއައްސަސާތައް ބޭނުންވާ ބަޖެޓެއް ނުދެވޭނެ: ޝަރީފް
މަޖިލީހުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: މެމްބަރުން
މަޖިލިސް އިންތިޚާބަށް 89 މިލިއަން ރުފިޔާ ބޭނުން