Roadha Mihaaru
ރާޖަޕަކްސާއަށް ނާކާމިޔާބުވުން މެންބަރުން ރަނިލް ޕާޓީއަށް

ރާޖަޕަކްސާ އަށް ނާކާމިޔާބުވުމާ އެކު ބައެއް މެންބަރުން ރަނިލްގެ ޕާޓީއަށް

14 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 14) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ ބޭރު ކުރަން ޕާލަމެންޓުން މިއަދު ފާސްކުރުމާ އެކު ރާޖަޕަކްސާގެ ވަޒީރުންގެ ގޮތުގައި ތިއްބެވި މެންބަރުން ކޮޅު ބަދަލު ކުރުމަށް ފަހު ރަނިލް ވިކްރަމަސިންހަގެ ޕާޓީ އަށް ގުޅެން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޯޓުގެ ކުރިން ރާޖަޕަކްސާގެ ތިން މެންބަރަކު ވެސް ވަނީ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާ ގުޅިފަ އެވެ. ވޯޓަށް ފަހު ވަނީ، ރާޖަޕަކްސާ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ވަސަންތާ ސެނަނަޔަކަ ޔޫއެންޕީ އަށް ބަދަލުވެފަ އެވެ. އޭނާ އަކީ ކުރިން ވެސް ޔޫއެންޕީގެ މެންބަރެކެވެ. އެކަމަކު ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިނުމާ އެކު ސަރުކާރާ ގުޅުނީ އެވެ.

ރާޖަޕަކްސާގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ކުރިން ރާޖަޕަކްސާ އާއި ދަރިކަލުން ނަމާލް ވަނީ ޗެމްބަރުން ނުކުމެވަޑައިގެންފަ އެވެ. އަދި ރާޖަޕަކްސާ އަށް ވަފާތެރި ބައެއް މެންބަރުން ވަނީ ވޯޓު ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ.

ޔޫއެންޕީން މިހާރު ވަނީ އާ ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ރަނިލް އަށް ދޭން ސިރިސޭނާ އަށް ގޮވާލައްވައިފަ އެވެ.

"މިއަދުގެ ވޯޓުން އެނގިގެން ދިޔައީ ބޮޑު ވަޒީރަކީ ރަނިލްކަން،" ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރެމަދާސާ ވިދާޅުވި އެވެ.

ޔޫއެންޕީގެ މެންބަރަކު ވިދާޅުވީ ރާޖަޕަކްސާއާ ދެކޮޅަށް 122 މެންބަރުން ވޯޓު ދިން ކަމަށެވެ.