Roadha Mihaaru
ބިންތައް ވިއްކައިގެން އާމްދަނީ ހޯދަން ޖެހޭ: މެމްބަރުން

ހިއްކާފައި ހުރި ބިންތައް ވިއްކައިގެން އާމްދަނީ ހޯދަން ޖެހޭ: ބައެއް މެމްބަރުން

15 ނޮވެމްބަރ 2018

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތައް ހިއްކައި ބޮޑު ކުރި ނަމަވެސް، އެ ތަންތަނުން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާތީ އެ ބިންތައް ވިއްކައިގެން ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތައް ހިއްކައި ބޮޑު ކުރި ނަމަވެސް، އެ ތަންތަނުން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާތީ އެ ބިންތައް ވިއްކައިގެން ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ އިސްކަމެއް ދީގެން ހިންގި އެއް މަޝްރޫއަކީ ރާއްޖޭގެ ބައެއް ރަށްތައް ހިއްކައިގެން ބޮޑު ކުރުމެވެ. އެގޮތުން، އައްޑޫ ފޭދޫ، ގދ. ތިނަދޫ، ކ. ހިންމަފުށި، މ. މުލި، ށ. ކޮމަންޑޫ ފަދަ ރަށްތައް ވަނީ ހިއްކައިފަ އެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި، ބައެއް ބިންތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފޮތް..--ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފޮތް..--ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެގޮތުން، ހިއްކި ބިންތަކުގައި ހައުސިން ޔުނިޓުތަކާއި ގޯއްޗާއި ފްލެޓު ފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ސަރުކާރުން އޮތީ ރާވައިފަ އެވެ. އެކަމަކު، ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ބައެއް މެމްބަރުން ވިދާޅުވީ ބިންތައް ކުއްޔަށް ދީގެން ދައުލަތަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށެވެ.

އޭގެ ބަދަލުގައި، މާލެ އާއި ހުޅުމާލޭގެ ބިންތައް ވިއްކަމުން އަންނަ އުސޫލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިއްކާފައި ހުރި ބިންތައް ވިއްކައި، އާމްދަނީ ހޯދޭނެ ގޮތްތަކެއް ރާވަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި އެކަމަށް ޕީޕީއެމާއި އިދިކޮޅު މެމްބަރުން ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އެ ހިޔާލު އެންމެ ފުރަތަމަ ދެއްވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ. އަދި އެ ހިޔާލަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރާ އިތުރު މެމްބަރުން ތާއީދު ކުރެއްވި އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އާމިރު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އާމިރު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ދައުލަތުގެ އެއްވެސް ތަނަކުން ބިމެއް، ބޯހިޔާވަހިކަމުގެ ގޮތުގައި ނުދިނުމަށް. (ހުށަހަޅަން) އެއީ ބިން ވިއްކަން ޖެހޭ. މިސާލަކަށް ބިން ނުގަނެވޭ ވަރުގެ މީހަކު ނުހުންނާނެ،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ގޮތުގައި، ހުޅުމާލެ އިން އެކަނި ބިން ވިއްކާފައި ރާއްޖޭގެ ރަށްރަށުގެ ބިން ހިއްކާފައި ހިލޭ ދިނުމަކީ ގަބޫލު ކުރައްވާ އުސޫލެއް ނޫނެވެ. އެހެންވެ، އެކަމަށް ވީހާވެސް އަވަހަށް ބަދަލުތަކެއް ގެންނަން ޖެހޭ ސަބަބަކީ ލިބޭ އާމްދަނީ ކުޑަވަމުން އަންނާތީ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ބިމަކީ ހިލޭ ދޭ އެއްޗެއް ނޫން ކަމަށެވެ. އެހެންވެ، ބިން ވިއްކުމުގެ އުސޫލެއް ގާއިމުވެފައި އޮންނަން ޖެހޭ ކަމަށް އާމިރު ވިދާޅުވި އެވެ.

މަޑަވެލީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ބަޖެޓާ އެކީގައި އަންނަ އަހަރު އާމްދަނީ ހޯދާނެ ގޮތްތަކެއް އާ ސަރުކާރުން ހުށަހަޅަން ޖެހޭ ކަމަށެވެ. އާމްދަނީ ނުލިބޭނަމަ، އަހަރު ނިމޭއިރު، ވަރަށް ބޮޑު އަދަދަކުން ދަރަނިވަމުންދާ ކަން މުއާޒް ވިދާޅުވި އެވެ.

މި އަހަރު ނިމޭ އިރު، ދައުލަތުގެ ދަރަނި 48.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރު ނިމޭއިރު، ދަރަނި 55 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވީ އާމްދަނީ އިތުރު ނުކޮށް، ހަރަދު އިތުރު ނުކުރެވޭނެ ކަމަށެވެ. އަދި އާމްދަނީ އިތުރުވާ ވަރަކުން ބޭކާރު ގޮތުގައި ހަރަދުތައް ކުރާނަމަ، އެކަން ހުއްޓާލަން ޖެހޭނެ ކަމަށް ވެސް ހުސެއިން މުހައްމަދު ވިދާޅުވި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވިދާޅުވީ ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން އާމްދަނީ ހޯދުމުގެ ބަދަލުގައި އަހަރީ ފީގެ ނިސްބަތް ބޮޑުކޮށްގެން ނަމަވެސް، ދައުލަތަށް އާމްދަނީ ހޯދަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓިކާ ނުޖަހާނަމަ، ޕާކިން ފީއެއް ނަގަން ޖެހޭނެ އެވެ.