Roadha Mihaaru
ފޮރިން މިނިސްޓަރު ޝާހިދު، ޗައިނާ ސަފީރާ މަޝްވަރާކޮށްފި

ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން ޝާހިދު މަޝްވަރާކުރައްވައިފި

20 ނޮވެމްބަރ 2018

ރާއްޖޭގައި ޗައިނާއިން ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން އާ ސަރުކާރުން އެގައުމާ އިއްޔެ މަޝްވަރާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ޗައިނާއިން ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން އާ ސަރުކާރުން އެގައުމާ އިއްޔެ މަޝްވަރާކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ މަޝްރޫއުތަކާ ބެހޭ ގޮތުން ޗައިނާ ސަފީރު ޖާންގް ލީޖޮންގް އާއި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މަޝްވަރާކުރެއްވީ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ރާއްޖޭގައި ޗައިނާއިން މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކުގެ އިތުރުން ކުރިއަށް ރާވާފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އިތުރު މަޝްވަރާއަށް ޝާހިދު ވަރަށް އަވަހަށް ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ މެދު ވެސް މަޝްވަރާކުރެއްވި ކަމަށެވެ.

ފޮރިން މިނިސްޓަރުކަމާ ޝާހިދު ހަވާލުވެވަޑައިގެން މިހާ އަވަހަށް ޗައިނާގެ ސަފީރާ އެކު މަޝްވަރާތައް ބޭއްވުމުން އެނގެނީ، ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޗައިނާ އިން ނަގާފައިވާ ލޯނުތަކާ މެދު އާ ސަރުކާރުގެ ކަންބޮޑުވުން ހުރި މިންވަރެވެ.

އަނެއްކާ އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ޗައިނާއަށް ވުރެ ބޮޑަށް އަވަށްޓެރި އިންޑިއާއާ އެކު އޮންނަ ގުޅުން ހަރުދަނާކުރަން ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ވެސް ބެލެވެ އެވެ. އިންޑިއާ އާއި ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާ ހިލާފަށް، އާ ސަރުކާރުން ޗައިނާއާ ގުޅުން ކުޑަކުރާނެ އެވެ.

ރާއްޖޭގެ ސިޔާސީ އިސް ބައެއް ބޭފުޅުން ވެސް ވަނީ އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖެ އާއި ޗައިނާއިން ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އުވާލަން ޖެހޭ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވެސް ވާހަކަފުުޅު ދައްކަވާފަ އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިފައި ކަމަށެވެ.