Roadha Mihaaru
ޗައިނާއާ އެކު ހެދި އެފްޓީއޭ މަރެއް ނުވޭ: ސައީދު

އެފްޓީއޭ މަރުނުވާ ކަމަށް ވިދާޅުވެ ސައީދުގެ ރައްދު ނަޝީދަށް

14 ޑިސެމްބަރ 2019

ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) މިހާރު "މަރުވެފައިވާ" ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) މިހާރު "މަރުވެފައިވާ" ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު ސޮއިކޮށް، އޭގެ ތިން އަހަރު ފަހުން، އެއްބަސްވުން ކުރިއަށް ގެންދިޔުމަށް އޭރު އޮތް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަޝީދަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ އެފްޓީއޭ މަރު ނުވާ ކަމަށެވެ.

އިންޑިއާގެ ވިއޮން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެ އެއްބަސްވުން ވަނީ މަރުވެފައި ކަމަށާއި ކުރިއަށް ނުދާ ކަމަށެވެ. އަދި އެއްބަސްވުން ތަންފީޒު ކުރުމަށް މަޖިލީހަށް ރުހުން ދޭންޖެހޭ ކަމަށާއި އެކަމަކު މިހާރު މަޖިލީހުގެ މެމްބަރުން އެކަމަށް ޝައުގުވެރިކަން ހުންނާނެހެން ހީފުޅުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި، މާވަށު ދާއިރާގެ މެމްބަރު ވިދާޅުވީ މިއީ ސިޔާސީ ގޮތުން އަމިއްލަ ފައިދާއަށް ނަޝީދު ދައްކަވާ "ތާކުންތާކު ނުޖެހޭ" ވާހަކަފުޅުތައް ކަމަށެވެ، ނަޝީދުގެ މި ވާހަކަ ކުށްވެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ސައީދު ވަނީ ގޮވާލައްވާފަ އެވެ.

މި ސަރުކާރުން ވަނީ، އެ އެއްބަސްވުން ރިވިއުކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ މޭ މަހުގެ ތެރޭގައި ވިދާޅުވީ ޗައިނާއާ އެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"އޭގައި މައިގަނޑުގޮތެއްގައި މައްސަލައަކަށް ވެފައި އޮތީ އެކަން ގެންދެވިފައިވާ ގޮތައި އޭގައި ހުރި ބައެއް ކަންބޮޑުވުންތައް،" އޭނާ ވިދާޅުވެފައި ވެ އެވެ.

ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއިކުރުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވެ އެވެ.