Roadha Mihaaru
އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅަނީ

އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅަނީ

20 އޮކްޓޯބަރ 2020

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުން ވަކިކުރަން މިއަދު ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުން ވަކިކުރަން މިއަދު ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަންގެ މެމްބަރުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް، މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރު ވިދާޅުވީ ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް ތުހުމަަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ތަހުގީގުކޮށް ފޮނުވުމުން އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް މިއަދު ނިންމަވާފައި ވަނިކޮށެވެ. އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނީ ކުށް ސާބިތުކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ނެތުމެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު

ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާ ނުކުރަން ނިންމުމުން، އޭސީސީގެ ގާބިލުކަމާ މެދު އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އޭގެ ކުރިން ވެސް މަޖިލީހުގެ އެކި ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ވެސް މެމްބަރުން ވަނީ އޭސީސީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެެ.

ޓްވިޓާގައި ހަސަންޓޭ ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބާއްވާ ބައްދަލުވުމަށް، އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުުރު ފަހު 2:00 އަށް ވަނީ ތާވަލު ކޮށްފަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ އިސް އެހެން ބައެއް ބޭފުޅުންނަށް ދައުވާ ނުކުރަން ނިންމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް މިއަދު އޭސީސީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީން ޕީޖީ އަށް ފޮނުވީ މަޖިލީހަށް ހާޒިރުވާން އެންގުމުން ކަމަށާއި ތަހުގީގުކޮށްފައި ވަނީ އެ ވަގުތަށް ނިންމަން ކަމަށެވެ.

އޭސީސީން ޕީޖީގައި އެދުނީ މިނިސްޓަރު އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭށެވެ. އެއީ، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު، ޝިޔާމާ މުހައްމަދާއި ޑިރެކްޓަރު ނައުޝާދު އަލީ އާއި ބިޑް ކޮމިޓީ މެމްބަރު، އާމިނަތު ޝައުފާ އާއި އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ އާއި ލީގަލް އޮފިސަރު، އަލީ ޝިހާމާއި އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒެވެ.