Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

25 ނޮވެމްބަރ 2018

ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ކަރީނާ ކަޕޫރު ނުފެނިގެން މާޔޫސްވެފައި ތިބި ފޭނުން ބައިވަރެވެ. ދޭތެރެ ދޭތެރެ އިން މީޑިއާތަކުން ވެސް ކަރީނާ އަށް އެ ސުވާލު ކުރިމަތިކުރެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން ބަންސާލީގެ ދެ ފިލްމުން ކަރީނާ އަށް ފުރުސަތު ލިބި އެންމެ ފަހުން، ބޭނުން ހިފޭ ގޮތް ނުވެފައި އޮތް ކަމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ކަރީނާ ކަޕޫރު ނުފެނިގެން މާޔޫސްވެފައި ތިބި ފޭނުން ބައިވަރެވެ. ދޭތެރެ ދޭތެރެ އިން މީޑިއާތަކުން ވެސް ކަރީނާ އަށް އެ ސުވާލު ކުރިމަތިކުރެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން ބަންސާލީގެ ދެ ފިލްމުން ކަރީނާ އަށް ފުރުސަތު ލިބި އެންމެ ފަހުން، ބޭނުން ހިފޭ ގޮތް ނުވެފައި އޮތް ކަމެވެ.

އެގޮތުން 2013 ގައި ބަންސާލީ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ހިމަނައިގެން ގެނެސް ދިން "ރާމް-ލީލާ" ގެ ބަތަލާގެ އެންމެ ފުރަތަމަ ހުށަހެޅީ ކަރީނާއަށެވެ. އެކަމަކު އެ ފިލްމު ވެސް ކަރީނާ އަށް ކުޅެވޭ ގޮތް ނުވީ އެވެ. އަދި އޭގެ މާ ކުރިން ބަންސާލީ ވަނީ "ބަޖިރާއޯ މަސްތާނީ" ކަރީނާ އަށް ހުށަހަޅައިފަ އެވެ.

އެއީ ކަރީނާ ބޮލީވުޑަށް ނުކުތްތާ ކައިރީގަ އެވެ. އޭރު ބަންސާލީ އެ ފިލްމު އިއުލާން ކުރީ ކަރީނާ އާއި ސަލްމާން ހާނާއި އައިޝްވާރިޔާ ރާއީ ލީޑް ރޯލް ކުޅޭ ގޮތަށެވެ. ނަމަވެސް ސަލްމާނާއި އޭޝްގެ ލޯބީގެ ގުޅުން ހިތި ގޮތަކަށް ނިމުމަކަށް އައުމުން ބަންސާލީ އަށް އަށް އެ ދެ މީހުން އަލުން ސްކްރީނަށް ގެނެވޭ ގޮތް ނުވީ އެވެ. ނަތީޖާއަކީ އޭރު ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ތައްޔާރުކޮށްފައި ވަނިކޮށް "ބަޖިރާއޯ މާސްތާނީ" ހުއްޓައިލަން ޖެހުމެވެ.

އޭގެ އަހަރުތަކެއް ފަހުން އެ ފިލްމު މުޅިން ތަފާތު ކާސްޓަކާ އެކު ސިނަމާ އަށް ގެނައީ 2015 ގަ އެވެ. އެއީ އަނެއްކާ ވެސް ރަންވީރާއި ދީޕިކާގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ ވެސް ހިމަނައިގެންނެވެ.

ބަންސާލީގެ ފިލްމަކާ ބެހޭ ގޮތުން ކަރީނާ އަށް މި ފަހަރު ސުވާލު ކުރިމަތި ކުރުވުމުން އޭނާ ބުނީ ދަރިފުޅު ތައިމޫރަށް 10 އަހަރުވުމުން ނޫނީ ދެން އަލުން ބަންސާލީގެ ފިލްމެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު ޑީއެންއޭ އަށް ދިން އިންޓަވިއުއެއްގައި އޭނާ އެގޮތަށް އިޝާރާތް ކުރި ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނުބުނެ އެވެ.

ކަރީނާގެ ކުރިއަށް ހުރި ފިލްމުތަކަކީ ކަރަން ޖޯހަރު ޑައިރެކްޓް ކުރާ "ތަހުތު" އާއި ކަރަން ޕްރޮޑިއުސް ކުރާ "ގުޑް ނިއުސް" އެވެ.

ޕިޓްބުލްއާ އެކު ގުރޫ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕިޓް ބުލް މީގެ ކުރިން ވަނީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ އެކު ލަވައެއްގައި ފީޓްކޮށްފަ އެވެ. އެއީ 2012 ގައި ޕްރިޔަންކާ ކިޔާފައިވާ ލަވަ "އެކްޒޯޓިކް" ގަ އެވެ.

ގުރޫ ޕިޓްބުލްއާ އެކު.

މި ފަހަރު އަނެއްކާ ވެސް ޕިޓްބުލް ވަނީ އިންޑިއާގެ ފަންނާނަކާ އެކު ލަވައެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ވިދަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ ގުރޫ ރަންދަވާއާ އެކުގަ އެވެ. ދެ މީހުންގެ އެކީގައި ފެނިގެންދާ ލަވަ "ސްލޯލީ ސްލޯލީ" މާ ލަސްތަކެއް ނުވެ ރިލީޒް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ޓީ ސީރީޒުން ގެނެސްދޭ މި ލަވަ މަޔާމީގައި ޝޫޓްކޮށްފައިވާ އިރު، ލަވައިގެ ޑައިރެކްޓަރަކީ ޓީ ސީރީޒަށް މިހާތަނަށް ހިތްގައިމު ލަވަތަކެއް ޑައިރެކްޓްކޮށްފައިވާ ގިފްޓީ އެވެ.

"ޒީރޯ" ގެ ފުރަތަމަ ލަވަ ދައްކާލައިފި

އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ ޝާހްރުކް ހާންގެ ފިލްމު "ޒީރޯ" ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

"މޭރާ ނާމް ތޫ" އަކީ "ޒީރޯ" ގެ ލަވައެއް.

"މޭރާ ނާމް ތޫ" ގެ ނަން ދީފައިވާ މި ލަވައިން ފެނިގެން ދާނީ ޝާހްރުކާއި އަނުޝްކާ ޝަރުމާ އެވެ. ލަވައިގައި ދައްކުވައި ދެނީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަ އަނުޝްކާ ހެއްވައިލަން ޝާހްރުކް ކުރާ ހަރަކާތްތަކެވެ. މި ލަވަ ކިޔާފައި ވަނީ އަބްހޭ ޖޯދުޕުރްކާރް އެވެ. ލަވައިގެ މިއުޒިކް އަޖޭ-އަތުލް ހަދާފައިވާ އިރު، ލަވައިގެ ޅެން ލިޔެފައި ވަނީ އިރުޝާދު ކާމިލެވެ.

ޝާހްރުކް ޑްވާފެއްގެ ރޯލުން ފެނިގެންދާ "ޒީރޯ" އަކީ އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް ވެސް ހިމެނެ އެވެ.

"ހައުސްފުލް 4" ގެ ޝޫޓިން ނިންމާލައިފި

ކޮމެޑީ ފްރެންޗައިޒް "ހައުސްފުލް" ސީރިޒްގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމުގެ ޝޫޓިން ނިންމައިލީ މީގެ ޑައިރެކްޓަރު ސާޖިދު ހާނާއި ކާސްޓުންގެ ތެރޭގައި ހިމެނޭ ނާނާ ޕަޓޭކަރް ފިލްމުން ވަކިކޮށް އެހެން ބަޔަކު އެ މަސައްކަތްތަކަށް ލައިގެންނެވެ.

ރިތޭޝްގެ ޓްވީޓެއް.

އެގޮތުން ނާނާ އަށް ފިލްމުން ދިން ރޯލް ކުޅުވާފައި ވަނީ ސައުތުގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބަތީ ލައްވަ އެވެ. "ހައުސްފުލް 4" ޑައިރެކްޓް ކުރީ މި ސީރީޒްގެ ތިން ވަނަ ފިލްމު ލިޔެ، ޑައިރެކްޓް ކުރި ފަރުހާދު ސަމްޖީ އެވެ. ހަތަރު ވަނަ ބައި ލިޔުނީ ވެސް "ހައުސްފުލް 3" ލިޔެ، ޑައިރެކްޓް ކުރި ފަރުހާދާއި ސާޖިދު ސަމްޖީ އެވެ.

އޮކްޓޯބަރު، 25، 2019 އަށް ތާވަލުކޮށްފައިވާ "ހައުސްފުލް 4" ގެ މައިގަނޑު ކާސްޓުންނަކީ އަކްޝޭ ކުމާރު،، ކިރިތީ ސެނަން، ބޮބީ ޑިއޯލް، ކިރިތީ ކަރްބަންދާ، ރިތޭޝް ދޭޝްމުކް ޕޫޖާ ހެގްޅޭ އަދި ޗަންކީ ޕާންޑޭ އެވެ.

"ޗައްމާ ޗައްމާ" ލަވައިގެ އާ ވާޝަނެއް

ކުރީގެ މަގުބޫލު ލަވަތައް މި ޒަމާނުގެ މިއުޒިކްގެ ތެރެއަށް ފައްތައިގެން ބޮލީވުޑްގެ މިހާރުގެ ފިލްމުތަކުގައި ގެނެސް ދިނުމަކީ ވަރަށް އާންމުވެފައިވާ ކަމެކެވެ.

މި ފަހަރު އަނެއްކާ ވެސް 90 ގެ އަހަރުތަކުގައި އެންމެ ހިނގި އެއް ލަވަ ކަމަށްވާ "ޗައްމާ ޗައްމާ" ގެ އާ ވާޝަނެއް މާ ލަސްތަކެއް ނުވެ ބެލުންތެރިންނަށް ފެނިގެން ދާނެ އެވެ. އެ ލަވައަކީ 1998 ގައި ރިލީޒް ކުރި ފިލްމު "ޗައިނާ ގޭޓް" ގައި ހިމެނޭ ލަވައެކެވެ.

އެލީގެ ޓްވީޓް.

އަލްކާ ޔަގްނިކް ކިޔާފައިވާ ލަވައިން، ކުރިން ފެނިފައި ވާނީ އުރުމިލާ މަޓޯންޑްކަރް އެވެ.

ނަމަވެސް އާ ލަވައިން ފެނިގެން ދާނީ ބޮލީވުޑްގެ ފިލްމުތަކުން މަދުމަދުން ފެންނަ ސްވިޑްންގެ ބަތަލާ އެލީ އަވްރަމް އެވެ. އޭނާ ވަނީ ލަވައިގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި ލަވަ ކުޅެން ލިބުމުން އެލީ ވަނީ އުރުމިލާ ފަދަ މަޝްހޫރު ތަރިއެއްގެ ކުޅަދާނަ ހަރަކާތްތައް ފެނިގެންދާ ލަވައެއްގައި މަސައްކަތްކޮށްލަން ލިބުމަކީ ޝަރަފެއް ކަމަށް ބުނެފަ އެވެ.

"ޗައްމާ ޗައްމާ" ގެ އާ ވާޝަނަކީ އަންނަ ޖެނުއަރީ މަހު ރިލީޒް ކުރާ އަރުޝަދު ވަރުސީގެ ފިލްމު "ފްރޯޑް ސައްޔާ" ގައި ހިމެނޭނެ ލަވައެކެވެ.