Roadha Mihaaru
ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ފައިސާ ލިބޭތޯ ބަލަނީ

އިންޑިއާ ދަތުރުގައި ޕީއެސްއައިޕީ އާއި ބަޖެޓް ސަޕޯޓަށް ފައިސާ ހޯދަނީ

26 ނޮވެމްބަރ 2018

ޕަބްލިސް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކާއި ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ފައިސާ ހޯއްދެވުމުގެ މަސައްކަތް އެ ގައުމަށް މިހާރު ކުރައްވަމުން ގެންްދަވާ ދަތުރުގައި ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕަބްލިސް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކާއި ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ފައިސާ ހޯއްދެވުމުގެ މަސައްކަތް އެ ގައުމަށް މިހާރު ކުރައްވަމުން ގެންްދަވާ ދަތުރުގައި ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްވަރާތައް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ އެކު މިއަދު ފައްޓަވާނެ ކަމަށެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އާ ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ރަށްރަށުގައި ނަރުދަމާ އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި، 87.7 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހޯދަން ހިމަނާފައިވެ އެވެ. އެ ވަރަށް އެހީ ހޯދޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށް އަމީރު ވިދާޅުވި އެވެ.

ފިނޭންސްގެ މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.