Roadha Mihaaru
20،000ރ. އަށް ވުރެ މަތީގެ މުސާރަތައް ކުޑަކޮށްފި

20،000ރ. އަށް ވުރެ މަތިން ލިބޭ މީހުންގެ މުސާރަތައް ކުޑަކޮށްފި

07 މެއި 2020

ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސްގެ އާންމު މުވައްޒަފުން ފިޔަވައި އެހެން މީހުންނާއި ދައުލަތުގެ ކުންފުނިތަކުގައި ވެސް ބޮޑެތި މުސާރަތައް ލިބޭ މީހުންގެ މުސާރަތައް މި ވަގުތު ކުޑަކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ. ސަރުކާރުން ނިންމި ގޮތުން ކުޑަވާނީ އަސާސީ މުސާރައިގެ ގޮތުގައި 20،000ރ. އަށް މަތިން ލިބޭ މުވައްޒަފުންގެ އެވެ. އަދި އެ ކެޓަގަރީން ސިއްހީ ދާއިރާގެ މުވައްޒަފުން ވެސް އިސްތިސްނާ ވެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އަމީރު ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 20،000ރ އާއި 25،000ރ. އާ ދެމެދުގެ އަދަދެއް ލިބޭ މީހުންގެ މުސާރަ އިން ކަނޑާނީ 20 ޕަސެންޓު ކަމަށެވެ. އަދި 25،000ރ-60،000.ރ އާ ދެމެދުގެ އަދަދު ތަކުން އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ އިން 30 ޕަސެންޓް ކަނޑާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަށް ވުރެ މަތިން މުސާރަ ލިބޭ މީހުންގެ މުސާރައިން ކަނޑާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި 35 ޕަސެންޓެވެ.

"އޭގެ އިތުރުން ދައުލަތުގެ އެންމެހައި މުވައްޒަފުން ގެ އަށް ގެންދަން ލިބޭ މުސާރަ އަޅުގަނޑުމެން ކެޕް ކުރަން ވާނީ ނިންމާފައި. އޭގެ މާނަ އަކީ އަސާސީ މުސާރަ 20،000ރ އަށް ވުރެ ދަށް ވެއްޖެއްޔާ އެ މީހަކަށް ގެ އަށް ގެންދަން ލިބޭނެ އެންމެ މަތީ ސެލަރީއަކަށް ވާނީ 25،000ރ އޭ އެހެނިހެން އެލަވަންސްތަކާ ހުރިހާ އެއްޗެއް ލައިގެން ވެސް،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 20،000ރ. އިން މަތިީގެ މުސާރަތައް ލިބޭ މީހުންގެ މުސާރަ ކުޑަކުރަން ނިންމުން އޮފީސްތަކުގެ ޕާމަނެންޓް ސެކްރެޓަރީންނާއި ކޮންޓްރެކްޓް ސްޓާފުން އޭގެ ތެރެއަށް ވަންނާނެ އެވެ. ކުރިން ކަނޑައަޅާފައި އޮތް އުސޫލްގައި މުސާރަ ކުޑަކުރަން ނިންމާފައި އޮތީ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީ މަގާމުތަކުން އެކަންޏެވެ.

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ކޮންޓްރެކްޓް ސްޓާފުންގެ މުސާރަ އުޅެނީ 20،000ރ. އަށް ވުރެ މަތީގަ އެވެ. މިނިސްޓްރީތަކުގައި ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް ވަޒީފާ ޕާމަނަންޓް ސެކްރެޓަރީއެއްގެ މުސާރަ 35،000ރ. އަށް އަރަ އެވެ.

ދައުލަތުގެ ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރައިން ވެސް ކުރިން ކަނޑަން ނިންމާފައި އޮތީ 20 ޕަސެންޓެވެ. އެކަމަކު މި ފަހަރުގެ އުސޫލުގައިވާ ގޮތުން، އެ މަގާމުތަކުގެ މުސާރައިން 22 ޕަސެންޓް ކެނޑުމަށް ފަހު ބޯޑު އެލަވަންސްގެ ގޮތުގައި ލިބޭ 11،500ރ ވެސް ކަނޑާލާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"ޖުމްލަކޮށް، އެމްޑީންނާއި ޑީއެމްޑީންގެ މުސާރައިން ގާތްގަނޑަކަށް 32 ޕަސެންޓް ކެނޑިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.