Roadha Mihaaru
ދިވެހިންގެ ވަޒީފާ، ވިޔަފާރި ހިމާޔަތަށް 2.5 ބިލިއަން

ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރި ހިމާޔަތްކުރަން 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް

19 މާޗް 2020

ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތް ކުރުމަށްޓަކައި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ސަރުކާރުން މިއަދު ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތް ކުރުމަށްޓަކައި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ސަރުކާރުން މިއަދު ތައާރަފްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އަޅާނެ ފިޔަވަޅުތައް އިއުލާނުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ޕެކޭޖުގެ ތެރެއިން ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކްތައް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ.

"އޭގައި ލޯނު ދޫކުރެވޭނީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި. ހަ ޕަސެންޓަށް. ތިން އަހަރުން ރީޕޭކުރާ ގޮތަށް. ހަ މަސް ދުވަހުގެ ގްރޭސް ޕީރިއޭޑެއް. ކޮލޭޓްރަލްއެއް ބޭނުމެއް ނުވާނެ،" އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވި އެވެ.

މިދުވަސްވަރު ދިމާވާ މާލީ އުނދަގޫތަކުން އަރައިގަތުމަށް ދޭ މި ލޯނުގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާތައް ހީނަރުވުމާ ގުޅިގެން ދިވެހިންގެ ވަޒީފާތައް ގެއްލުމުގެ ފުރުސަތުތައް ކުޑަ ކުރުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ވަޒިފާތަކުގައި އުޅޭ މީހުންގެ މުސާރަތައް ކުޑަ ނުކޮށް، މީހުން މަދު ނުކޮށް ހިންގަން ވެސް މި ލޯނުތަކުން އެހީތެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން އަޅާ ފިޔަވަޅުތަކުން ވިޔަފާރިވެރިންނަށް ދަތިތައް ފިލުވާލެވޭނެ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ސަރުކާރުން މިހާރު އަޅަން ނިންމި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ އެކި ފަރާތްތަކާ މަޝްވަރާ ކުރެވިގެން މިކަންކަން މިގެނައީ. މިވަގުތު ވިސްނުމެއް ނެތް ޓެކްސް ޑިފާމެންޓަކަށް،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ އިރު ވަޒީފާތަކުން މީހުން ނުކަނޑާ، މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވީ، މި ހާލަތުގައި ވަޒީފާ ގެއްލޭ ފަރާތްތަކަށް އިތުރު ތަމްރީނުތައް ދީ، ވަޒީފާތައް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ކޮށްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުދި ވިޔަފާރިތަކަށް މި ދަނޑިވަޅުގައި ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށްޓަކައި އެސްއެމްއީ ބޭންކް، އެސްޑީއެފްސީން ނަގާފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތު ހަ މަސް ދުވަހަށް ފަސްކޮށްފައިވާ އިރު ފިނޭންސް މިނިސްޓްރީން ފޯރުކޮށްދޭ ރިކަވަރީ ޕެކޭޖުގެ ތެރެއިން ވެސް އެސްއެމްއީތަކަށް ލުއިތަކެއް ލިބޭނެ ކަމަށެވެ.

"އަމިއްލަ އަށް މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންނާއި އެނޫން އެސްއެމްއީތަކަށް ވެސް ބޭނުންވާ ކޭޝް ރިކްވަޔާމެންޓް ހޯދުމަށް އެސްއެމްއީ ބޭންކަށް އެދުމުގެ ފުރުސަތު އޮންނާނެ. އެހެން ބޭންކްތަކުން ވެސް އެފުރުސަތު އޮންނާނެ ކަމަށް ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކަންނެލި ގަންނަ ފަރާތްތަކަށް ވެސް އެސްއެމްއީ ބޭންކް މެދުވެރިކޮށް 100 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ވަނީ ހަމަޖައްސައިފަ އެވެ. އެސްއެމްއީއަށް ފިޓުވާ ކޮންމެ ދާއިރާއަކަށް ވެސް އެހީއަށް އެދުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލިމަޑުކަމާ އެކު އެންމެ ބޮޑު އަސަރެއް ކުރަނީ އެކި ފަންތީގެ ވިޔަފާރިތަކަށެވެ. އެގޮތުން އެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް، އެދާއިރާތަކުގެ އިސްވެރިން ސަރުކާރާ އެކު މަޝްވަރާކޮށް އެހީތެރިކަމަށް އެދިފައިވެ އެވެ.