Roadha Mihaaru
ސިޔާސީ ހަޔާތް ނުނިމޭކަން މާ ބޮޑަށް ސާފުވެއްޖެ: ނަޝީދު

މިއީ އުފަލެއް، ސިޔާސީ ހަޔާތް ނުނިމޭ ކަން މާ ބޮޑަށް ސާފުވެއްޖެ: ނަޝީދު

26 ނޮވެމްބަރ 2018

ޓެރަރިޒަމްގެ 13 އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމާ އެކު، އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ނުނިމޭ ކަން މާ ބޮޑަށް ސާފުވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓެރަރިޒަމްގެ 13 އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމާ އެކު، އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ނުނިމޭ ކަން މާ ބޮޑަށް ސާފުވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ހުކުމަށް ފަހު، ސުޕްރީމް ކޯޓު ކައިރީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ "އަޅުގަނޑުގެ މައްޗަށް އޮތް ބޮޑު ހުުކުމެއް ބާތިލްވެ މިނިވަނެއްގެ ގޮތުގައި" އުޅުއްވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އަބަދުވެސް ތަކުރާރު ކުރައްވާ ގޮތަށް، ސިޔާސީ މަސައްކަތްޕުޅަށް ނިމުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ދެން މިވަގުތަށް ހުރި ސިޔާސީ މަސައްކަތްތަކަކީ ކޮބައިތޯ ތިބޭފުޅުން ތި މިނާ ހައްދަވަނީ. އެހެންވީމަ، އަޅުގަނޑު ވެސް މަސައްކަތް ކުރަމުން ގެންދަވާނީ ގާނޫނީ ގޮތުން މި ރާއްޖޭގައި ހުރި މުއައްސަސާތައް މެދުވެރިކޮށްގެން،" ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން، ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިމުނު ކަމަކަށް އަދި އަމުދުން މިއަދަކު އަޅުގަނޑެއް ނުދެކެން."

އެމަނިކުފާނު މިނިވަންވީ، ދިވެހިންގެ ހިތްވަރާއި ނުގުޑާ ފަދަ އަޒުމާ ހެދި ކަމަށް ވިދާޅުވި އެވެ. ޚާއްސަކޮށް، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަށް ސާފުވެވަޑައިގެންނެވި އެއް ކަމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ މައްސަލައަކީ އާއްމުންގެ މަސްލަހަތާ ނުހަނު ބޮޑަށް ގުޅިފައި އޮތް މައްސަލައެއް ކަމެވެ.

ޝަރީއަތް ނިމުނު ގޮތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އިއްވުނު ދައުވާ ކަމުނުދާ ކަން ޝަރީއަތުގެ މަޖިލީހުން ވެސް އަޑު އިވިވަޑައިގެންނެވި ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރީ، ސިފައިންގެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކަލެއް ހުރި ކަމެއްގެ ގޮތުގައި ސިފައިން ދެކިގެން ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ކަމަށް ވިދާޅުވި އެވެ. އެއާ އެކު ވެސް ފަނޑިޔާރަކު ހައްޔަރުކުރުމުގައި ގާނޫނީ އިޖުރާއަތުތަކެއް ހުރި ކަން ފާހަގަކުރެއްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިގެން ނުވާނެ ކަމަށް ވެސް ފަނޑިޔާރުން ފާހަގަކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަން ފާހަގަކުރައްވައި ވިދާޅުވީ، ޔާމީން ގެންދެވީ އެކި ފަރާތްތަކަށް ނުފޫޒު ފޯރުއްވަމުން ކަމަށެވެ. އެ ބިރުތައް ދެއްކެވުމުގެ ތެރޭގައި ކޯޓުތަކުން ހިންގި އަމަލުތައް މާ ބޮޑަށް މިހާރު ސާފުވަމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިޔާ، ދެން މި ކަންކަމަށް ބަދަލު އަންނާނެ. އަޅުގަނޑުމެން މި އުއްމީދުކުރާ ދިވެހިރާއްޖެ ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.