Roadha Mihaaru
ފަރަށް އެރި ބޯޓު ފުންކުރަން 15 ދުވަހުގެ ނޯޓިސް ދީފި

ފުވައްމުލަކު ފަރަށް އެރި ބޯޓު ފުންކުރަން 15 ދުވަހުގެ ނޯޓިސް ދީފި

16 އޯގަސްޓް 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ ހޮނިހިރުދުވަހު އެރި ވިއެޓްނާމްގެ އާގު ބޯޓު ފުންކުރަން 15 ދުވަހުގެ ނޯޓިހެއް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ދީފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ ހޮނިހިރުދުވަހު އެރި ވިއެޓްނާމްގެ އާގު ބޯޓު ފުންކުރަން 15 ދުވަހުގެ ނޯޓިހެއް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ދީފި އެވެ.

އެ އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު މިއަދު ވިދާޅުވީ، "އެމްވީ އެންޖީއޯސީ ސަން" ބޯޓު 15 ދުވަހުގެ ތެރޭގައި ފުންކުރަން ނޯޓިސް ފޮނުވީ އެ ބޯޓުގެ ރާއްޖޭގެ އެޖެންޓް އޯޝަން ލޮޖިސްޓިކްސް އަށް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ބޯޓު އެރި ފަރުގެ އެސެސްމަންޓެއް ހަދަން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީއަށް ވެސް އަންގާފައި. އޭގެ ފަހުން އެނގޭނީ ބޯޓު ޖޫރިމަނާކުރަން ޖެހެނީ ކިހާ އަދަދަކުން ކަމެއް،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ ފަރަށް އަރާފައިވާ ބޯޓު ވަނީ އިންޝުއާކޮށްފައި ކަމަށެވެ.

އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވީ 5،700 ޓަނުގެ މުދާ ހުރި ބޯޓު ފުންކުރުމަށް ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏެއްގެ ޓީމެއް މިރޭ ފުވައްމުލަކަށް ދާނެ ކަމަށެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓު: މި ބޯޓު ފުން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ - ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކު ފަރަށް އެރި ބޯޓު: މި ބޯޓު ފުން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ - ފޮޓޯ: އެމްއެންޑީއެފް

"ފަރަށް އަރާފައި ވަނީ ނަގިލި އަޅަން ޕޮއިންޓް ހޯދަން އުޅުމުގެ ތެރޭގައި. ފަރަށް އެރުމަށް ފަހު ވަރަށް އުނދަގޫވާނެ މިވަރުގެ ބޯޓެއް އަމިއްލައަށް ފުން ކުރަން،" އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި، ބޯޓު އޮތްތަނުގެ ގޮތުން 15 ދުވަހުގެ ތެރޭގައި ފުންކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑައެވެ.

"އެވަރުގެ ބޯޓުގެ ފުންކުރެވޭ ވަރުގެ ޓަގެއް ރާއްޖޭގައި މިވަގުތު ފަސޭހައިން ލިބޭކަށް ނެތް. ރާއްޖޭގައި ހުރި ޓަގް ބޯޓުތައް އޮތީ ވަރަށް ބިޒީކޮށް. އިންޝުއަރެންސް ކުންފުނިންނާއި އޯނަރު ގުޅިގެން ފުންކުރަން ސާވޭ ކުރަމުން ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

ބޯޓުގެ ކެޕްޓަނާ ހަވާލާދީ ވަހީދު ވިދާޅުވީ ބޯޓު ފުންކުރުމަށް އެކަށީގެންވާވަރުގެ ޓަގެއް ލިބިއްޖެ ނަމަ ވަރަށް ފަސޭހަކަމާއެކު ފުންކުރެވޭނެ ކަމަށެވެ.‎

"އެމްވީ އެންޖީއޯސީ ސަން" ނަމަކަށް ކިޔާ ބޯޓު ފަރަށް އެރީ ފުވައްމުލަކުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިފައިގެން ގޮސް އެ ރަށް ކައިރީގައި އޮއްވަ އެވެ. މި ބޯޓުގައި 20 ފަޅުވެރިން ތިބިއިރު، މިއީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓެކެވެ.

‎ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ވެސް ހާއްސަ ސަރަހައްދެކެވެ. އެގޮތުން މަޝްހޫރު "ހުރަސްފަރުގަނޑު" އޮންނަނީ ބޯޓު ފަރަށް އެރި ދިމާލުގަ އެވެ. އެކަމަކު ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.

‎ބޯޓުގެ ރާއްޖޭގެ އެޖެންޓް ބުނީ އެ ބޯޓުގައި ހިލަ އާއި ހިލަވެއްޔާއެކު 5700 ޖަމްބޯ ބޭގް އެބަހުއްޓެވެ.

‎ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ.

‎ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މިދިޔަ ހޯމަ ދުވަހު މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ހޮނިހިރުދުވަހު ފުވައްމުލަކަށް ކައިރިކޮށް މުދާ ބާލަން އުޅެނިކޮށެވެ.