Roadha Mihaaru
ބޯޓުގައި ހުރި 900 ޓަނުގެ ހިލަތައް ފަރަށް އުކާލައިފި

ބޯޓުގައި ހުރި 900 ޓަނުގެ ހިލަތައް ފަރުމައްޗަށް، އެކަން ކުރަނީ ހުއްދަ ލިބިގެން

07 ސެޕްޓެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގައި ހުރި 900 ޓަނުގެ ހިލަ (900 ޖަމްބޯ ބޭގް) ފަރުމައްޗަށް އުކާލި އިރު، ހިލަތައް އުކާލަން ހުއްދަ ދިނީ ބޯޓު ފުން ކުރެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގައި ހުރި 900 ޓަނުގެ ހިލަ (900 ޖަމްބޯ ބޭގް) ފަރުމައްޗަށް އުކާލި އިރު، ހިލަތައް އުކާލަން ހުއްދަ ދިނީ ބޯޓު ފުން ކުރެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ މުދާ ހިފައިިގެން އެރަށަށް ދިޔަ "އެމްވީ އެންޖީއޯސީ ސަން"، ފުން ކުރުމުގެ މަސައްކަތުގައި ބައިވެރިވާ އިސް މީހަކު މިއަދު ބުނީ އުކާލުމަށް ނިންމި 3000 ޓަނުގެ ހިލަތަކުގެ (3000 ޖަމްބޯ ބޭގް) ތެރެއިން ތިން ބައި ކުޅަ އެއްބައިގެ ހިލަ އުކާލީ ދެ ދުވަހު ކުރި މަސައްކަތުން ކަމަށެވެ.

ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏާ ހަވާލުކޮށްގެން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި ބޯޓު ފުން ކުރެވޭވަރު ވާނެ ކަމަށް އޭނާ ލަފާ ކުރެ އެވެ.

"ހުއްޓުމެއް ނެތި އެ މަސައްކަތް ދަނީ ކުރަމުން، ޓަގް ވެސް އޮތީ ތައްޔާރީ ހާލަތުގައި،" އޭނާ ބުންޏެވެ.

ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓު މިހާރު އޮތީ ކުރިއަށް ވުރެ ބޮޑަށް ފަރުމައްޗަށް އަރައިފަ އެވެ. އަދި 5700 ޖަމްބޯ ބޭގް ހުރި ބޯޓު ފޫގޮސް ކޮންމެވެސް ހިސާބަކުން ދިޔަވާން ފަށައި ތެޔޮ ވެސް ކޮންމެވެސް ވަރަކަށް މޫދަށް ލީކުވަމުން ދާ ކަމަށް ވެސް ވެ އެވެ.

ފަރާއި ކަނޑުގެ މާހައުލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ޓަކައި ހިލަ އާއި ހިލަވެލި ނޫން އެހެން އެއްވެސް ބާވަތެއްގެ އެއްޗެއް އަޅައިގެން ނުވާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ. އަދި ބޯޓު ފަރަށް އަރާފައި އޮވެ، ބޮޑެތި ރާޅުބާނީތަކުގައި ޖެހި ފަރާއި ކަނޑުގެ ތިމާވެއްޓަށް އިއާދަނުކުރެވޭ ގެއްލުން ލިބިދާނެ ކަމެއް ކަމަށް ބޯޓު ފުން ކުރުމުގައި އުޅޭ މީހުން ކަމާބެހޭ މުއައްސަސާތަކަށް ލަފާ ދީފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އީޕީއޭއިން ބުނި ގޮތުގައި މޫދަށް ހިލަ އާއި ހިލަވެލި އުކާލަން ހުއްދަ ދިނީ ބޯޓު ފުން ކުރުމަށް އިތުރު އެހެން މަގެއް ނުފެނުމުންނެވެ.

ބޯޓު ފަޅައިގެން ގޮސް ބޯޓުގައި ހުރި މުދަލުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް އިއާދަނުކުރެވޭ ގެއްލުން ނުހަނު ބޮޑުވެދާނެތީ މި ހާލަތުގައި ލިބިދާނެ ގެއްލުން ކުޑަ ކުރަން އެޅިދާނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށްވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރަަން ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް މުދާ ބާލަން އުޅެނިކޮށެވެ. މީގެ ކުރިން ބޯޓު ފުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދިން 15 ދުވަހުގެ މުއްދަތުގައި އެކަން ނުވެގެން އަލުން ވަނީ 15 ދުުވަހަށް މުއްދަތު އިތުރުކޮށްދީފަ އެވެ.