Roadha Mihaaru
ބޯޓުު ފުނެއް ނުކުރެވުނު، އިތުރު 15 ދުވަސް ދީފި

ދިން މުއްދަތުގައި ބޯޓު ފުނެއް ނުކުރެވުނު، އިތުރު 15 ދުވަސް ދީފި

31 އޯގަސްޓް 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ފުން ކުރުމަށް ދިން 15 ދުވަހުގެ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވިއިރު ވެސް ބޯޓު ފުން ނުކުރެވުމުން، އެ މަސައްކަތަށް އިތުރު ދެ ހަފުތާ ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ފުން ކުރުމަށް ދިން 15 ދުވަހުގެ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވިއިރު ވެސް ބޯޓު ފުން ނުކުރެވުމުން، އެ މަސައްކަތަށް އިތުރު ދެ ހަފުތާ ދީފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް މިރޭ ވިދާޅުވީ މި މަހު 13 ގައި ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ބޯޓު ފުން ކުރަން ދިން މުއްދަތުގައި އެކަން ނުކުރެވުމުގައި ގަބޫލުކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެންމެ ބޮޑަށް ކުރިމަތިވީ މޫސުމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަނީ ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏެއްގެ ޓީމަކުންނެވެ. ފުންކުރަން ނޯޓިސް ފޮނުވީ އެ ބޯޓުގެ ރާއްޖޭގެ އެޖެންޓް އޯޝަން ލޮޖިސްޓިކްސްއަށެވެ.

"މޫސުން ގޯސްވުމުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވަނީ. ބޯޓު ހުސްކުރަން ގެންދާ ކޮޅުވެއްޓި ވެސް ނުގެންދެވި ލ. އަތޮޅާ ހިސާބުގައި އެބައޮތް،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޯޓު ފުންކުރަން މަސައްކަތްތަކެއް ކުރިއަށް އެބަގެންދެ އެވެ. ބޯޓު ފުންކުރަން ދިން މުއްދަތު އިތުރުކުރީ ކަމާބެހޭ ފަރާތްތަކުގައި މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.

ބޯޓު ފުންކުރާ ޓީމުން މަސައްކަތް ކުރަނީ ބޯޓުގައި ހުރި މުދާތައް ހުސްކޮށްފައި، ޓަގު ބޭނުންކޮށްގެން ބޯޓު ފުން ކުރުމަށެވެ. އެކަމަކު އެ މަސައްކަތް ކުރެވޭވަރަށް ވުރެ އެ ސަރަހައްދު ގަދަ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ބޯޓު ފަރަށް އެރީ ފުވައްމުލަކުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިފައިގެން ގޮސް އެ ރަށް ކައިރީގައި އޮއްވަ އެވެ. މި ބޯޓުގައި 20 ފަޅުވެރިން ތިއްބެވެ. މިއީ ދިގުމިނުގައި 102.79 މީޓަރު އަދި ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓެކެވެ. އެ ބޯޓުގައި ހިލަ އާއި ހިލަވެއްޔާއެކު 5700 ޖަމްބޯ ބޭގް އެބަހުއްޓެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ. ‎ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް ކައިރިކޮށް ނަގިލި އަޅަން ޕޮއިންޓް ހޯދަން އުޅުމުގެ ތެރޭގަ އެވެ. ފަރުމައްޗަށް އެރި ބޯޓު 10 ފޫޓާ ހަމައަށް ބީހިފައި އޮތްއިރު، އެއަށްވުރެ ބޮޑަށް ބޯޓު ބީހިގެން ހިނގައިދާނެ ކަމަށް ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުން ބުންޏެވެ. ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ހާއްސަ ޕޮއިންޓެއް އޮންނަ ދިމާލެއް ކަމަށްވެ އެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.