Roadha Mihaaru

ފުރަތަމަ 3ޑީ ޕްރިންޓެޑް ސައިކަލު ދައްކާލައިފި

އަހަރެމެން ބޭނުން ކުރާ އަސާސީ ވަރަށް ގިނަ އެއްޗިއްސަށް ވެސް ޓެކްނޮލޮޖީގެ ބޮޑެތި ބަދަލުތައް މިހާރު އަންނަނީ ހީނުކުރާ ކަހަލަ މިންވަރަކަށެވެ. ޔަގީނުން ވެސް މިއީ ސައިކަލްތަކަށް ލޯބި ކުރާ މީހުން އުފާވާނެ ހަބަރެކެވެ.

ފުރަތަމަ 3ޑީ ޕްރިންޓެޑް ސައިކަލު ދައްކާލައިފި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

01 ޑިސެމްބަރ 2018

އަހަރެމެން ބޭނުން ކުރާ އަސާސީ ވަރަށް ގިނަ އެއްޗިއްސަށް ވެސް ޓެކްނޮލޮޖީގެ ބޮޑެތި ބަދަލުތައް މިހާރު އަންނަނީ ހީނުކުރާ ކަހަލަ މިންވަރަކަށެވެ. ޔަގީނުން ވެސް މިއީ ސައިކަލްތަކަށް ލޯބި ކުރާ މީހުން އުފާވާނެ ހަބަރެކެވެ.

ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓެޑް އީ-ސައިކަލް މިހާރު މި ވަނީ ދައްކާލައިފަ އެވެ. މީގެ ކުރިން މި ކަހަލަ އުފެއްދުންތައް އާންމުކޮށް ފެންނަނީ ހޮލީވުޑްގެ ފިލްމުތަކުންނެވެ. އެގޮތުން އަލަށް ދައްކައިލި 3ޑީ ޕްރިންޓެޑް ސައިކަލު "ނޭރާ" އަކީ މަޝްހޫރު ފިލްމު "ބްލޭޑް ރަނާ" އިން ތަޖުރިބާ ކުރެވިފައިވާ ޒާތުގެ ސައިކަލެކެވެ.

އެހެންވެ ދެން މާ ގިނަ ދުވަހެއް ނުވެ މީގެ ސައިކަލެއް ދުއްވައިލުމުގެ ނަސީބު ވެސް ލިބޭނެ ކަމަށް ބެލެވެ އެވެ.

ޖަރުމަންގެ ކުންފުނި ބިގްރެޕުން ތައްޔާރުކޮށްފައިވާ "ނޭރާ" އަކީ ލޮލަށް ފަސޭހަކޮށް އަދި ވަރަށް ޗާލުކޮށް ފަރުމާކޮށްފައިވާ ސައިކަލެކެވެ. މީގެ ބައިތައް 3ޑީކޮށްފައި ހުރީ ފިއުޒްޑް ފިލަމެންޓް ފެބްރިކޭޝަން (އެފްއެފްއެފް) ޕްރޮސެސްއިންނެވެ.

އެހެންވެ މިއީ އޮފްކަން ގަދަ "ސްޓައިލިޝް" އަދި ޒުވާނުން ވަރަށް ގަޔާވާނެ އުފެއްދުމަކަށް ވާނެ އެވެ.

"ނޭރާ" ފަރުމާކޮށްފައި ވަނީ ބިގްރެޕްގެ އިސް ދެ އުފެއްދުންތެރިން ކަމަށްވާ މާކޯ މެޓިއާ އާއި މެކްޒިމިލަން ސެޑްލެކް އެވެެ. އެ މީހުން ބުނި ގޮތުގައި ސައިކަލް ތައްޔާރުކޮށްފައި ވާނީ ބާޒާރުން މި ވަގުތު ލިބެން ނެތް އަދި ސީދާ "ނޭރާ" އަށް ހާއްސަކޮށްގެން ތައްޔާރު ކުރި ބާވަތްތަކުންނެވެ.

"ނޭރާ" ގެ ހާއްސަ ފީޗާތަކުގެ ތެރޭގައި އެއާލެސް ޓަޔަރާއި، އެމްބެޑެޑް ސެންސަ ޓެކްނޮލޮޖީ ހިމެނެ އެވެ.

ބިގްރެޕުން ބުނި ގޮތުގައި މިއީ ސައިކަލް އުފެއްދުމުގެ މަސައްކަތަށް ލިބުނު އާ ކުރިއެރުމެކެވެ. އެކަމަކު "ނޭރާ" ވުޖޫދަށް ގެންނަން ހަރަދުވިރާއި މި ޒާތުގެ ސައިކަލް އާންމުކޮށް ބާޒާރަށް އަންނާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.