Roadha Mihaaru
އެމްޑީޕީން ކުރިމަތިލާ ދާއިރާތައް މިރޭ ކަނޑައަޅަނީ

އެމްޑީޕީން ކުރިމަތިލާ ދާއިރާތައް ކަނޑައަޅަން މިރޭ ގައުމީ މަޖިލީހުގެ ޖަލްސާއެއް

01 ޑިސެމްބަރ 2018

ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ދާއިރާތައް ކަނޑައަޅަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ދާއިރާތައް ކަނޑައަޅަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަކުރާނެ ދާއިރާތައް މިރޭ ކަނޑައަޅާނެ ކަމަށެވެ. ނަމަވެސް އެ ދާއިރާތަކާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.

މިހާރު ބެލެވޭ ގޮތުގައި އެމްޑީޕީން 87 ދާއިރާއަށް ކެންޑިޑޭޓުން ނެރުން އެކަށީގެންނެއް ނުވެ އެވެ. އަދި ކޯލިޝަންގެ ވެރިން މި ފަހުން މަޝްވަރާކޮށް ބުނެފައި ވަނީ ވެސް "އިންތިހާބަށް ނެރެނީ ރައްޔިތުން މާޔޫސްނުވާނެ ފޯމިއުލާއެއް" ކަމަށެވެ.

އެމްޑީޕީން ކުރިން ނިންމާފައި އޮތީ، މަޖިލީހުގައި ވާދަކުރާނެ ދާއިރާތައް ކަނޑައަޅައި އިއްޔެ އިއުލާނުކުރުމަށެވެ. ނަމަވެސް އެކަން މިރެއަށް ފަސްވީ އެވެ.

ކުރިމަތިލާ ދާއިރާތައް އިއުލާން ކުރުމަށް ފަހު، އަންނަ ހުކުރު ދުވަހު އެ ޕާޓީގެ ޕްރައިމަރީގައި ބައިވެރިވާން ފުރުސަތު ހުޅުވާލާނެ ކަމަށް އެމްޑީޕީން ވަނީ ކުރިން ބުނެފަ އެވެ. އަދި ޕްރައިމަރީގެ ވޯޓުލުން އަންނަ އަހަރުގެ ޖެނުއަރީ 18 ގައި އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގުޅިގެން ނުކުތީ މަޖިލިހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެކުގައި މަސައްކަތްކުރާ ގޮތަށެވެ.