Roadha Mihaaru
ނަޝީދު ވާދަ ކުރައްވާނީ މައްޗަންގޯޅި މެދު ދާއިރާ އަށް

ނަޝީދު ވާދަ ކުރައްވާނީ މައްޗަންގޯޅި މެދު ދާއިރާ އަށް

04 ޑިސެމްބަރ 2018

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މައްޗަންގޯޅީ މެދު ދާއިރާގެ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވީ މައްޗަންގޮޅި ކާމިނީމަގުގައި މިރޭ ކުރިއަށްދާ ކެމްޕެއިން އިވެންޓުގަ އެވެ. މި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ސަރުކާރު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވެސް ހަފްލާގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ނަޝީދު ވަނީ 1999 ގައި ބޭއްވި މަޖިލިހުގެ އިންތިޚާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އެ ފަހަރު މާލޭގެ ދެ ގޮނޑިއަށް އިންތިޚާބުވީ އިލްޔާސް އިބްރާހީމާއި ނަޝީދެވެ. ނަމަވެސް، މަޖިިލިހުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފާޑުވިދާޅުވުމާއި ޑިމޮކްރަސީއަށް ވަކާލާތުކުރައްވާތީ، ވައްކަމުގެ އަމަލެއް ސާބިތުކޮށް 2001 ގައި ގޮނޑި ގެއްލުވާލި އެވެ.

ނަޝީދުގެ މައްޗަށް ވައްކަން ސާބިތުކުރީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ކަމަށްވާ ވެލާނާގެ ތަޅާލި އިރު އެތަނުން އުކާލަން ބަހައްޓާފައި ހުރި ކުނި އެއްޗަކުން ކަރުދާސްތަކެއް ނެންގެވުމުންނެވެ. މިހާރުގެ ސަރުކާރުގެ ބޮޑު އޮފީސް އިމާރާތް ހަދާފައި އެހުރީ ވެލާނާގޭގެ ބިމުގަ އެވެ.

އޭރު ވެސް އެތައް ބަޔަކު ގަބޫލުކުރި ގޮތުގައި ނަޝީދު ނޫން އެހެން މީހަކު އެތަނުން އެއްޗެއް އެދުވަހު ގެންދިޔަ ނަމަވެސް ވައްކަމުގެ ދައުވާއެއް ނުކުރީހެވެ. އެމަނިކުފާނާ ދެކޮޅަށް ވައްކަން ސާބިތުކުރީ، މަޖިލިހުގައި ސަރުކާރު ޖަވާބުދާރީކުރުވަން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އެތައް ބަޔަކު އޭރު ގަބޫލުކުރި އެވެ.

އަންނަ މާޗު މަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަށް ހުރަހެއް ނެތެވެ. ސަބަބަކީ، ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް، މިދިޔަ މަހު ސުޕްރީމް ކޯޓުން ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.

މައްޗަންގޯޅީ މެދު ދާއިރާއަކީ މިފަހަރުގެ އިންތިހާބުގައި އަލަށް އިތުރު ކުރި ދެ ދާއިރާގެ ތެރެއިން އެއް ދާއިރާ އެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި މިހާރު ހުސްވެފައިވާއިރު މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރަކީ ޖުމްހޫރީ ޕާޓީގެ އަބްދުﷲ ސިނާނެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މިހާތަނަށް އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމުންނެވެ.