Roadha Mihaaru
އާ ހޮސްޕިޓަލް ބޭނުންކުރަން ފެށޭނީ އަހަރުގެ މެދުތެރޭގައި

ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގައި: މިނިސްޓަރު

06 ޑިސެމްބަރ 2018

އައިޖީއެމްއެޗްގެ ދެކުނުން އޮތް ބިމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށޭވަރުވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އައިޖީއެމްއެޗްގެ ދެކުނުން އޮތް ބިމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށޭވަރުވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރާ އެކު އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ މައިގަނޑު ހުރިހާ މަސައްކަތެއް ހެން ވަނީ ނިމިފަ އެވެ. ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒްތައް ގެނެސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިއީ ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނާނެ ހޮސްޕިޓަލެކެވެ.

މިދިޔަ އަންގާރަ ދުވަހު މިނިސްޓަރު އަމީން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތްތަކެއް ނިމި އަންނަ އަހަރުގެ މެދު ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުން ލިބޭނެ ހިދުމަތްތައް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް. އެތަނުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި.: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލް. އެތަނުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި.: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރާއްޖޭގެ ސިއްހީ ހިދުމަތްތަކަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ބަލައިގަންނަ ހިދުމަތްތަކަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ވަރަށް ގިނަ ވަސީލަތްތަކެއް ގާއިމުކުރެވިފައިވާ ކަން ފާހަގަ ކުރައްވައި، އަމީން ވިދާޅުވީ އައިޖީއެމްއެޗްގައި ހުރި ވަރަށް ގިނަ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުވާނެ ކަމަށެވެ. އަދި ހިދުމަތްތަކަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ހިދުމަތްތަކަކަށް ވާން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އެ ވަސީލަތްތަކުގެ ޒަރިއްޔާ އިން މަތީ ފެންވަރުގެ އަވަސް ހިދުމަތެއް ލިބޭނެ،" އަމީން ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް.: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލް.: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އައިޖީއެމްއެޗްގެ ހާލަތު ދަށް ކަން ފާހަގަ ކުރައްވައި، އަމީން ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލް އޮތީ މީހަކު ބަލިވެގެން އެޑްމިޓް ކުރާން ބަލާއިރު ޖާގަ ނުލިބޭ ހާލަތުގަ އެވެ. އެހެންވެ، މިހާރު އޮތް ހާލަތު ބަދަލު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އެޅި މި އިމާރާތުގެ ހުރިހާ މަސައްކަތެއް އަންނަ ފެބްރުއަރީ މަހު ނިންމާލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މިނިސްޓަރު އަމީން ވިދާޅުވީ އަންނަ ފެބްރުއަރީ މަހު ހުރިހާ މަސައްކަތެއް ނިންމިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅާލާފައިވާއިރު، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމް ކުރާނެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ހެދި ސްވިމިން ޕޫލް: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލްގައި ހެދި ސްވިމިން ޕޫލް: .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރާ ހިދުމަތްތަކުގެ ތެރޭގައި ރެސްޕިރޭޓަރީ، އަދި ޕަލްމޮނޮލޮޖީ ޑިޕާޓްމަންޓް، އޯތޯ ޑައިގްނޯސްޓިކް ސެންޓަރު، ނެޝަނަލް ޔޫރޯ ރެނެލް ސެންޓަރު، ޕީޑިއެޓްރިކް އައިސީޔޫގެ އިތުރުން މުޅިން އާ ގޮތަކަށް ޕްރައިވެޓް ކޮޓަރިތަކެއް ވެސް ހުންނާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ފަރުވާ ދޭ ނިޒާމު، ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރާއްޖޭން ބޭރަށް ސިއްހީ ފަރުވާ ހޯދަން ދާ ދިވެހިން މަދުކޮށް، މެޑިކަލް ޓޫރިޒަމް ތައާރަފް ކުރުމަށްޓަކައި ފެށި ބޮޑު އިންވެސްޓްމަންޓެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު އިމާރާތެވެ. އެ ތަނަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަ ކުރާ އިރު، އެއީ އެފަދަ އިމާރާތަކާ އަޅައި ބަލާއިރު ދެ ގުނަ ބޮޑު އަގެއް ކަމަށް ބުނެ އެތައް ފާޑުކިއުންތަކެއް އަމާޒުވެފައިވެ އެވެ.