Roadha Mihaaru
ފީނަނިކޮށް ހާލު ސީރިއަސްވި މީހާ ސްޓޭބަލް: އައިޖީއެމްއެޗް

ފީނަނިކޮށް ސީރިއަސްވި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

08 ޑިސެމްބަރ 2018

ގދ. އަތޮޅުގައި އެން ހިފަން ޑައިވް ކުރުމުގެ ތެރޭގައި ހާލު ސީރިއަސްވި ތިން މީހުންގެ ތެރެއިން އައިޖީއެމްއެޗަށް ގެނައި މީހާގެ ހާލު ސްޓޭބަލް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގދ. އަތޮޅުގައި އެން ހިފަން ޑައިވް ކުރުމުގެ ތެރޭގައި ހާލު ސީރިއަސްވި ތިން މީހުންގެ ތެރެއިން އައިޖީއެމްއެޗަށް ގެނައި މީހާގެ ހާލު ސްޓޭބަލް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެން ހިފުމަށްޓަކައި ހަތަރު މީހަކު ފޭބި އެވެ. އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ވިއިރު އެތަނުން އެކަކު ވަނީ އިއްޔެ ހެނދުނު މަރުވެފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހޮސްޕިޓަލުގައި އުމުރުން 24 އަހަރުގެ އަހުމަދު ޝާކިރަށް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

އެ ހާދިސާގައި ދެން ސީރިއަސްވި އުމުރުން 31 އަހަރުގެ މީހާ އަށް ގދ. ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މި މީހުން ވަނީ، 44 މީޓަރު އަޑިއަށް ފީނައި، 35 މިނިޓް ވަންދެން ހޭދަކޮށްފަ އެވެ. ނަމަވެސް ރާއްޖޭގެ ގަވައިދުތައް ބުނާ ގޮތުން 30 މީޓަރަށް ވުރެ އަޑިއަށް ފީނުމަކީ މަނާ ކަމެކެވެ.

ފީނައިގެން އެން ހިފަން އުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގުން މި ފަހުން އިތުރުވެފައިވެ އެވެ. އެކަމުގައި އެތައް ބައެއްގެ އިހުމާލު އޮތް ކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ހުސެން ރަޝީދު (ސެންޑީ) ވަނީ ބުނެފަ އެވެ.