Roadha Mihaaru
ޑީކޯވެގެން ގެނައި ދެ މީހުން ބަނޑޮހުގެ ޗެމްބަރަށް

ޑީކޯވެގެން ގެނައި ދެ މީހުން ބަނޑޮސް ރިސޯޓުގެ ޗެމްބަރަށް

19 ނޮވެމްބަރ 2019

ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން ރޭ މާލެ ގެނައި ދެ ފިރިހެނުންނަށް، ޗެމްބަރުން ފަރުވާ ދިނުމަށް ބަނޑޮސް ރިސޯޓަށް ފޮނުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން ރޭ މާލެ ގެނައި ދެ ފިރިހެނުންނަށް، ޗެމްބަރުން ފަރުވާ ދިނުމަށް ބަނޑޮސް ރިސޯޓަށް ފޮނުވާލައިފި އެވެ.

ޑައިވް ކުރުމުގެ ތެރޭގައި ހާލު ސީރިއަސް ވެގެން 27 އަހަރާއި 39 އަހަރުގެ މީހަކަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ނަމަވެސް އިތުރު ފަރުވާ އަށް ދަންވަރު 1:45 ހާއިރު ހެލިކޮޕްޓަރުގައި މާލެ ގެނެސް އައިޖީއެމްއެޗަށް ފޮނުވާލާފައި ވެ އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޗެންބަރުން ފަރުވާ ދިނުމަށް މިއަދު ހެނދުނު 7:30 ހާއިރު ބަނޑޮހަށް ފޮނުވާލާފައިވާ ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ދެ ތަނެއްގައި ވަކިން ޑައިވްކޮށްގެން ހާލު ސީރިއަސްވި ދެ މީހުން އެތަނަށް ގެންދިޔައީ 4:20 ހާއިރު ކަމަށެވެ. އެ ހޮސްޕިޓަލަށް ގެންދިޔައިރު އެތަނުން އެކެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ އެއްފަޅި ކުޑަކޮށް ވާގިނެތިފައިވާ ކަމަށް ވިދާޅުވި އެވެ. ދެން ހުރި މީހާގެ ހާލު އެހާ ސީރިއަސް ނޫންކަމަށް ސައީދު ވިދާޅުވި އެވެ.

ޑީކޯވުމުން ވާގިނެތުން ފަދަ ހާލަތަށް މީހާ ދެ އެވެ. އެހެންވުމުން ހޮސްޕިޓަލްތަކުގައި ދެވޭނެ މާ ބޮޑު ފަރުވާއެއް ނޯންނާނެ އެވެ. ޖެހޭނީ ޗެމްބަރުގައި ފަރުވާ ދޭށެވެ.

ސައީދު ވިދާޅުވީ ޑީކޯވެ ހާލު ސީރިއަސްވެގެން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ހަ މީހަކު މާލެ ފޮނުވާލާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި އާއްމުގޮތެއްގައި މަސްވެރިކަން ކުރަނީ ޑައިވްކޮށްގެން ކަމަށްވާތީ ދޭތެރެދޭތެރެއިން އެފަދަ މައްސަލަތައް ދިމާވެގެން މީހުން ގެންދާ ކަމަށް ވިދާޅުވި އެވެ.

ޑީކޯވުން ރާއްޖޭގައި މިހާރު ދަނީ އާންމުވަމުންނެވެ. ހާއްސަކޮށް ވައި ފުޅީގައި ޑައިވްކުރުމުގެ ތަމްރީނު ނެތި އެން ހިފުމަށާއި ފާނަ ހިފަން ފީނާ ބައެއް މަސްވެރިން މަރުވެ، އަނެއް ބަޔަކު ޕެރަލައިޒް ވުން ފަދަ ހާލަތާ ކުރިމަތިލާން ޖެހިފައިވެ އެވެ. ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގައި އެފަދަ ހާދިސާތައް އިތުރެވެ.