ހަސަން އަނީލް އަށް އެއީ ހަމަ އާދައިގެ ރެއެކެވެ. އއ. ހިންމަދު އަށް އުފަން 27 އަހަރު މި ޒުވާނާ ވަރަށް އާންމުކޮށް ރޭގަނޑު ރަށުގެ މީހުންނާ އެކު ފީނާށާއި އިހި ނަގަން ދެ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާ އިހި ނަގަންދިޔައީ އިތުރު ހަތަރު މީހުންނާ އެކު، އދ. ރަންގަލި ރިސޯޓުގެ ބޭރުން އޮންނަ ފަރަކަށެވެ. އިހި ނަގާ ނިމިގެން، ޑިންގީ އަށް ނޭރި އުޅެނިކޮށް އޭނާގެ ކަރަށް ހަމަލާ ދިނީ ތޮޅިއެކެވެ.
12 ޖެނުއަރީ 2022
ހަސަން އަނީލް އަށް އެއީ ހަމަ އާދައިގެ ރެއެކެވެ. އއ. ހިންމަދު އަށް އުފަން 27 އަހަރު މި ޒުވާނާ ވަރަށް އާންމުކޮށް ރޭގަނޑު ރަށުގެ މީހުންނާ އެކު ފީނާށާއި އިހި ނަގަން ދެ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާ އިހި ނަގަންދިޔައީ އިތުރު ހަތަރު މީހުންނާ އެކު، އދ. ރަންގަލި ރިސޯޓުގެ ބޭރުން އޮންނަ ފަރަކަށެވެ. އިހި ނަގާ ނިމިގެން، ޑިންގީ އަށް ނޭރި އުޅެނިކޮށް އޭނާގެ ކަރަށް ހަމަލާ ދިނީ ތޮޅިއެކެވެ.
ގާތްގަނޑަކަށް ދެ ފޫޓު ހުރި އެ ތޮޅީގެ ތުންގަނޑުގެ ބޮޑު ބައެއް ވަރަށް ފުނަށް ވަދެ، އޭނާ ވަރަށް ބޮޑަށް ޒަހަމްވި އެވެ. ޑޮކްޓަރުން ބުނި ގޮތުގައި އޭނާގެ ފުރާނަ ސަލާމަތްވެފައި އެހުރީ ހަމަ ކިރިޔާ އެވެ.
"އަޅުގަނޑުމެން ކޮންމެ ރެއަކުން ވެސް 10:30 ވަންދެން ފީނަނީ. އެ ރޭ އިހި ނަގާ ނިމިގެން އެންމެން ޑިންގީ އަށް އަރަން ދަނިކޮށް، އެކަކު ބުނެފައި އަދި ގަޑިއެއް ނުޖެހޭ. ގޯނީގައި ހުރި އެއްޗެހި ކޮޅު ހުސްކޮށްލަން އެއް ބަޔަކު ޑިންގީ އަށް އެރީ. އަޅުގަނޑު ބުނެފިން އަދި ގަޑި ނުޖެހޭތީ ކުޑަކޮށް ބަލާލަން ދާނީއޭ. އެހެން ކިޔާފައި އެކަނި ދިޔަ ތަނުން މިހެންވީ،" އެ ރޭ ވީގޮތް އަނީލް ކިޔައިދިނެވެ.
ކަރަށް ތޮޅީއެއް ހެރި ފުރާނަ ކިރިޔާ ސަލަމާތްވި އއ. ހިމަންދޫ ހަސަން އަނީލް ޑައިވިނުގައި.
"ތަންކޮޅަކަށް ގޮސްފައި، ދެވޭ ދިމާލެއް ބަލާލަން، ބޯ ހިއްލާލި ގަޑީގައި ތޮޅި ހެރުނީ."
އޭނާ ބުނީ ރޭގަނޑު ފީނަން ދާތާ އެހާ ގިނަ ދުވަސްވީއިރު، ދުވަހަކު ވެސް މިވަރުގެ ބޮޑު އަނިޔާއެއް ނުލިބެ އެވެ. އެ ތޮޅި ހެރުމާ އެކު، ޑިންގީ އަށް އަރާއި، އޭގެ ބޯ ބުރިކޮށްލި އެވެ. ފަހުން، ރަށަށް ގޮސް ކަރަށް ވަދެފައި އިން ހިސާބާ ކައިރިން، ތޮޅީގެ ތުންގަނޑު ބުރިކޮށްލީ އެވެ. އަދި ރަށުން ފަރުވާ ކުރެވޭނެ ގޮތެއް ނެތުމުން އެ ރޭ މެންދަމު ދޭއް ޖަހަނިކޮށް މާލެ އައީ އެވެ.
އަނީލްގެ ކަރަށް ހެރުނު ތޮޅީގެ ތުންގަނޑު އޮޕަރޭޝަން ކޮށްގެން ނައިގައި: މީގައި ނުވަ ސެންޓިމީތަރު ހުރި.
އަނީލް ބުނީ އައިޖީއެމްއެޗަށް ދެއްކުމުން އޮޕަރޭޝަން ކުރެވޭނީ ފަތިހު ކަމަށް ބުންޏެވެ. އެހެން ބުނުމުން، އެ ހޮސްޕިޓަލުގައި ތިއްބާ، ހޮނިހިރު ދުވަހު މެންދުރު ފަހު ދޭއް ވެސްް ޖެހިފަހުން އެ ހޮސްޕިޓަލުން ބުނީ އެތަނުގައި ނާރުގެ ޑޮކްޓަރެއް މަސައްކަތް ނުކުރާތީ އޮޕަރޭޝަން ކުރެވެން ނެތެވެ.
"އެ ދުވަހު މެންދުރުވީއިރު ވެސް ޑޮކްޓަރަކު ނާދޭ. އަޅުގަނޑުމެންނަކާ އެ މީހުން ނޫޅެ. އަޅުގަނޑު އިނީ ވަރަށް ބޮޑަށް ސަކަރާތްވެފައި،" ރަށުގައި އަންބަކާއި ހަތަރު އަހަރުގެ ކުއްޖެއް ވެސް ހުންނަ އަނީލް ބުންޏެވެ.
އެހެން ތިއްބާ ނަރުހަކު ބުނީ އެ ހޮސްޕިޓަލުގައި ނާރުގެ ޑޮކްޓަރެއް މަސައްކަތް ނުކުރާތީ އޮޕަރޭޝަން ކުރެވެން ނެތް ކަމަށެވެ. އެ ތޮޅި ކަރުގެ ވަރަށް ނުރައްކާތެރި ހިސާބަކަށް ހެރިފައިވާ ކަމަށާއި ހެރިފައި ހުރީ ސިކުނޑިއަށް ލޭ ފޮނުވާ ނާރެއް ކައިރި އަށް ކަމަށް ވެސް ޓެސްޓުންތަކުން ދައްކަ އެވެ. އޭރު އޭނާގެ ކަރު ވަރަށް ބޮޑަށް އިންފެކްޓުވެ ހުރީ ދޮސްލައިފަ އެވެ.
ކަރަށް ތޮޅީއެއް ހެރި ފުރާނަ ކިރިޔާ ސަލަމާތްވި އއ. ހިމަންދޫ ހަސަން އަނީލް ފާނާ އަށް ގޮސް.
"އެހެންވީމަ ވަރަށް ބިރު ބޮޑުތާ. ނާރުގެ ޑޮކްޓަރެއް ނެތްކަން އެމީހުންނަށް މި އެނގުނީ ވެސް އަނެއް ދުވަހު ދޭއް ޖެހިއިރު. ޑޮކްޓަރެއް ނެތޭ ބުނީމަ ދެން އަޅުގަނޑު ބުނެފިން ދޫކޮށްލަ ދޭށޭ، ބޭނުމޭ އޭޑީކޭ އަށް ދާން،" އޭނާ ބުންޏެވެ.
އޭޑީކޭ އަށް ދިޔަތާ ގަޑިއެއްހާއިރު ތެރޭގައި އޭނާ އޮޕަރޭޝަން ކޮށްފި އެވެ. ރާއްޖޭގެ ވެސްކިއުލާ ސާޖަރީ ސެންޓަރު ނުވަތަ ނާރުގެ ސާޖަރީތަކާ ބެހޭ ސެންޓަރެއް ހަމައެކަނި ހުންނަނީީ ވެސް އޭޑީކޭގަ އެވެ. އެ ހޮސްޕިޓަލުގައި އޭނާ އޮޕަރޭޝަން ކުރި ވެސްކިއުލާ ސާޖަން ޑރ. ކައުޝަލް ޓިވާރީ ވިދާޅުވި ގޮތުގައި އެ ތޮޅި ދެ މިލިމީޓަރު އިތުރަށް ވަން ނަމަވެސް އަނީލްގެ ފުރާނާ އަށް ވަރަށް ބޮޑަށް ނުރައްކާވީހެވެ.
Fishing not always is fun. Night finishing could be fatal. Not everybody, like this patient, could be lucky enough to survive such an injury to the neck, fish beak kissing the Carotid Artery. pic.twitter.com/sJ6wTsXe0I
— Kaushal Tiwari (@drkaushalkt) January 8, 2022
"އެ ބުނާ ސިކުނޑިއަށް ލޭ ފޮނުވާ ނާރާ ޖެހެން ދެ މިލިމީޓަރު ވަރޭ ހުރީ،" އަނީލް ބުންޏެވެ.
މި ކާމިޔާބު އޮޕަރޭޝަނަށް ފަހު، ޑރ. ކައުޝަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަސްވެރިކަމަކީ އަބަދު މަޖާކަމެއް ނޫން ކަމަށާއި ރޭގަނޑު މަހަށް ދިއުމަކީ ފުރާނާ އަށް ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަނީލް ގޮތަށް، ކަރަށް ލިބޭ މިހާ ބޮޑު އަނިޔާއަކުން ރަނގަޅުވުމުގެ ނަސީބު އެންމެނަށް ނުލިބިދާނެ ކަމަށެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ތޮޅިތަކުން ޖެހި މީހުންގެ ފުރާނަ އަށް ނުރައްކާވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. އަދި ތޮޅި ހެރިގެން މީހުން މަރުވެފައި ވެސް އެބަހުއްޓެވެ.
އޭޑީކޭގައި ދެ ޑީކޯ ޗެމްބަރު ބަހައްޓައިފި
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ސެޕްޓެމްބަރުގައި ބާއްވަނީ
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ސަލާމަތްވީ އޭޑީކޭގައި ފަރުވާ ލިބޭނެގޮތް ވުމުން: ނަޝީދު
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ފަންކްޝަނަލް ނިއުރޯ ސާޖަރީ ތައާރަފްކުރަން ވޯކްޝޮޕެއް