Roadha Mihaaru
އެއްބަސްވުންތައް މުރާޖާ ކުރަން ކޮމެޓީއެއް ހަދައިފި

އެއްބަސްވުންތައް މުރާޖާ ކުރަން ކޮމެޓީއެއް ހަދައިފި

10 ޑިސެމްބަރ 2018

ރާއްޖެ ދަރަނިވެރިވާ ގޮތަށް ނުވަތަ ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯންތަކާއި އެއްބަސްވުންތައް މުރާޖާކުރަން ހާއްސަ ކޮމެޓީއެއް އެޓާނީ ޖެނެރަލް އޮފީހުން މިއަދު އެކުލަވާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ ދަރަނިވެރިވާ ގޮތަށް ނުވަތަ ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯންތަކާއި އެއްބަސްވުންތައް މުރާޖާކުރަން ހާއްސަ ކޮމެޓީއެއް އެޓާނީ ޖެނެރަލް އޮފީހުން މިއަދު އެކުލަވާލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތައް ފުއްދަން ކުރާ މަސައްކަތްތަކާ ގުޅޭ ގާނޫނީ އޮނިގަނޑާ ބެހޭ ބައެއް މައުލޫމާތު ހާމަކޮށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުންތައް މުރާޖާކޮށް އަލުން މަޝްވަރާކޮށް ބަދަލު ގެނެވޭނެ ފުރުސަތު އޮތްތޯ ބަލަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން، އެ ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ.

އެކަމަކު އެ ކޮމެޓީގެ މެމްބަރުންގެ އަދަދެއް އަދި ހިމެނެނީ ކިތައް ބޭފުޅުންނެއްކަމެއް ހާމައެއް ނުކުރެ އެވެ.

އޭޖީ އޮފީހުން ބުނީ ބަލަމުން އަންނަ އެއްބަސްވުންތަކުގެ ތެރޭގައި ލޯނުގެ އެއްބަސްވުންތަކާއި ސޮވެރިން ގެރެންޓީތަކުގެ އެއްބަސްވުންތަކާއި އާއްމު ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތަކާއި ޓޫރިޒަމް ދާއިރާގެ އެއްބަސްވުންތައް ހިމެނޭ ކަމަށެވެ.

އެ އެއްބަސްވުންތައް ހަދާފައި ވަނީ ގާނޫނާއި ގަވައިދުގެ ތެރެއިންތޯ ބަލާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުނެ އެވެ.

"ގައުމުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް އެކުލަވާލައި ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް ވާ ނަމަ އަލުން އެ އެއްބަސްވުންތައް ރީ-ނެގޯޝިއޭޓް ކުރުމުގެ ފުރުސަތު އޮތް މިންވަރެއް ދެނެގަނެ، އެ ފުރުސަތު އޮތް އެއްބަސްވުންތައް އިސްލާހު ކުރެވޭނެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންގެ ދަރަންޏާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ހޯދީ ޗައިނާ އިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.