Roadha Mihaaru
ޖާބިރު، މައުމޫނަށް ހަތް ދުވަހުގެ ނޯޓިހަކާއެކު ސިޓީއެއް

ޖާބިރު، މައުމޫނަށް ހަތް ދުވަހުގެ ނޯޓިހަކާއެކު ސިޓީއެއް

11 ޑިސެމްބަރ 2018

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް އަންގައި އަބްދުﷲ ޖާބިރު މައުމޫނަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް އަންގައި އަބްދުﷲ ޖާބިރު މައުމޫނަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށް 29 މިލިއަން ރުފިޔާ ހަވާލުކުރީ ދެ ފަރާތުން އެއްބަސްވި ގޮތަށް ކަންތައްތައް ނުދާ ކަމުގައިވާނަމަ އެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން ޒިންމާވާ ގޮތަށް ކަމަށެވެ. އަދި އެ ފައިސާ ހަވާލުކުރީ ވެސް، މައުމޫން އެދިވަޑައިގަތް ދެ ފަރާތުން އެއްބަސްވި ގޮތަށް ކަންތައްތައް ކުރާނެ ކަމަށް ގަބޫލުކޮށް އަދި އެ ވާހަކަތަކަށް އިތުބާރުކޮށްގެން ކަމަށް ވިދާޅުވި އެވެ.

މައުމޫނަށް ފޮނުއްވި ސިޓީ ޖާބިރު ވަނީ އިއްޔެ ޓްވީޓުުކުރައްވައިފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޑިލީޓްކުރައްވައިފަ އެވެ.

"އަޅުގަނޑު އަތުން ނެގި ފައިސާއަކީ އެއްބަސްވި ގޮތާ ހިލާފުވާ ހިނދު، އެ ދަރަންޏަށް ޒިންމާވާންޖެހޭ ގޮތަށް ނެގި ފައިސަ ކަމަށްވާތީ، މި ދެންނެވި 29 މިލިއަން ރުފިޔާ ހަތް ދުވަހުގެ މުއްދަތުގައި އަނބުރާ އަޅުގަނޑަށް ދިނުމަށާއި މި މުއްދަތުގައި ފައިސާ ނުދީފި ނަމަ އެ މައްސަލަ ކަމާބެހޭ އިދާރާ އަށް ހުށަހަަޅައިގެން ކުރިއަށް ގެންދާނެ ކަމުގައި ދެންނެވީމެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބަކަށް ހުންނެވި ޖާބިރުގެ ސިޓީގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ފައިސާ ބޭނުންކޮށްގެން މައުމޫން ކުރެއްވި ހަމައެކަނި ކަމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ކުރިއެރުވުމެވެ. ޖާބިރު ގާތު ދެއްކެވި ވާހަކަތަކަށް އެއްގޮތަކަށް ވެސް އިހުތިރާމެއް ނުކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"މަނިކުފާނު [މައުމޫން] އަކީ ފެންނަންހުރި ހަގީގަތްތަކާއި ހިލާފަށް ވާހަކަފުުޅު ދައްކަވާފާނެ ބޭފުޅެއް އަދި އަޅުގަނޑު ހަދަނީ "ދޮގު" ކަމަށް ވިދާޅުވެ "ޓީމް މައުމޫން" ގެ ނަމުގައި ޓްވީޓް ކުރައްވައި މުޅި ގައުމުގެ އެންމެހާ ރައްޔިތުންގެ ކުރިފުޅު މަތީގައި މަނިކުފާނުގެ ތެދުވެރިކަން ނުވަތަ އަމާނަތްތެރިކަން ދެއްކުމަށްޓަކައި މަސައްކަތްޕުޅު ކުރައްވާއިރު، އަޅުގަނޑު އަތުން 29 މިލިއަން ރުފިޔާ ފާރިޝް މައުމޫނާއި ހަވާލުކުރީ މަނިކުފާނު އެ ހާޟިރުގައި އިންނަވައިގެން އަދި މަނިކުފާނު ވިދާޅުވެގެން ކަން ސާބިތުކޮށްދެވެން އޮތް ކަމުގައި ދެންނެވީމެވެ،" ސިޓީގައި ވެ އެވެ.

ވައުދުވެފައިވާ ގޮތަށް އަމަލުކުރާނެ ކަމުގެ ވައުދާއެކު ފެށި މަސައްކަތް ކާމިޔާބުވެ މައުމޫނާއި އެމަނިކުފާނުގެ އާއިލާ އެތައް އަހަރެއްގެ ޖަލުގެ އަދަބުން ސަލާމަތްވުމާއެކު އޭނައާއެކު ވި އެއްބަސްވުމަށް އެއްވެސް އިހުތިރާމެއް ކުރުމެއްނެތި މައުމޫން ބޭނުންފުޅުވާ ގޮތަށް ސަރުކާރުގެ ތެރެއިން ކަންކަން ކުރައްވަން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

އޭނާ އަތުން ނެންގެވި ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް، ނޮވެމްބަރު 29، 2018 ގައި ވެސް ޖާބިރު ވަނީ އަންގަވައިފަ އެވެ. "މިހާރު" އާ ވާހަކަދައްކަވަމުން އޭނާ ކުރިން ވިދާޅުވީ 29 މިލިއަން ރުފިޔާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖްކުރައްވާފައި ކަމަށެވެ. އަދި އެ ފައިސާ ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް މައުމޫނަށް ޖާބިރު ފައިސާ ދެއްވިކަމަށް ބުނާ ވާހަކަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ދޮގުކޮށްފަ އެވެ. އެމްއާރުއެމުން ބުނި ގޮތުގައި، ޖާބިރު އެއްވެސް ފައިސާއެއް، މައުމޫނަށް އަދި އެމްއާރުއެމްގެ ޓީމުގެ މީހަކަށް ވެސް ދެއްވާފައެއް ނުވެ އެވެ.