Roadha Mihaaru
ޗީފް އޮފް ޑިފެންސްގެ މަގާމަށް ޝަމާލް އައްޔަން ކޮށްފި

ޗީފް އޮފް ޑިފެންސްގެ މަގާމަށް ޝަމާލް އައްޔަން ކުރައްވައިފި

11 ޑިސެމްބަރ 2018

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ވަކިކުރައްވައި އެ މަގާމަށް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ވަކިކުރައްވައި އެ މަގާމަށް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ޝިޔާމް ވަކިކުރެއްވުމުގެ އިތުރުން ވައިސް ޗީފްކަމުން ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ވެސް މިއަދު ވަކިކުރައްވާފައިވާ ކަމެވެ.

ސިފައިންގެ އާ ޗީފަކަށް ހަމަޖެއްސެވި ޝަމާލް، ސިފައިންގެ ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން ހުކުމް ކުރީ މިއަދެވެ.

ނޮވެމްބަރު، 2013 ގައި ޝަމާލް ސިފައިންގެ އިން ވަކިކުރީ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަން ހާމަ ކުރުމުގެ ބޭނުމުގައި ލިޔުމެއް ސޯޝަލް މީޑިއާގައި އާންމުކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކޮށް، މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލަ ޝަމާލްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ސެޕްޓެމްބަރު، 2016 ގައި ހުކުމްކުރީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.

ޝަމާލްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ހުކުމްކުރީ ޝަމާލް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ އެހެންވެ، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް 15 ދުވަސް ތެރޭގައި އަލުން ދިނުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް 30 ދުވަސް ތެރޭގައި ޝަމާލަށް ދިނުމަށް ހުކުމުގައި އަންގާފައިވެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަން ކުރެއްވީ، ބްރިގޭޑިއާ ޖެނެރަލްކަމުން މޭޖަ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.