Roadha Mihaaru
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް

އައްޑޫގެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް: އެމްއެންޑީއެފް

27 ފެބުރުއަރީ 2024

އައްޑޫ ގަމުގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ތިބޭ އެ ގައުމުގެ ސިފައިންގެ ބަދަލުގައި ސިވިލިއަނުން ގެންނަނީ އައްޑޫގައި އިންޑިއާގެ ސިފައިން ތިބި އަދަދަށް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އައްޑޫ ގަމުގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ތިބޭ އެ ގައުމުގެ ސިފައިންގެ ބަދަލުގައި ސިވިލިއަނުން ގެންނަނީ އައްޑޫގައި އިންޑިއާގެ ސިފައިން ތިބި އަދަދަށް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލަން ދެ ގައުމުން އެއްބަސްވެފައި ވަނީ މި އަހަރުގެ މޭ 10 ގެ ނިޔަލަށެވެ. ފުރަތަމަ ބާލަނީ އައްޑޫގައި އޮންނަ ހެލިކޮޕްޓަރު ދުއްވަން މިހާތަނަށް ތިބި އިންޑިއާ ސިފައިންނެވެ. އޭގެ ފަހުން ހދ. ހަނިމާދު އާއި ލ. ކައްދޫގައި ތިބި ސިފައިން ވެސް ބާލަން ވަނީ އެއްބަސްވެފަ އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އައްޑޫގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާ އެ ގައުމުގެ ސިވިލިއަނުން އިއްޔެ ރާއްޖެ އައިސް މިއަދު އައްޑު އަށް ފުރާނެ ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު "މިހާރު" އަށް މިއަދު ވިދާޅުވީ، އައްޑޫގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އަންނަނީ މިހާތަނަށް ގަމުގައި ތިބި ކޮންމެ އިންޑިއާގެ ސިފައިންގެ މީހަކަށް އެ ގައުމުގެ ސިވިލިއަނެއް ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ 89 ސިފައިންގެ މީހަކު ތިބޭ ކަމަށް މި ސަރުކާރުން ކުރިން ބުނެފައިވާއިރު، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އައްޑޫގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން އެ ގައުމުގެ 25 ވަރަކަށް ސިފައިން ތިބެ އެވެ.

"އެހެންވީމާ ކޮންމެ [އިންޑިއާ ސިފައިންގެ] މީހަކަށް ސިވިލް މީހަކު އެ އަންނަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި ގޮތުގައި އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ވެސް ދެ ސަރުކާރުން އެއްބަސްވެފައިވާ ތާރީހުގެ ފަހުން ދުއްވާނީ އިންޑިއާގެ ސިވިލިއަނުންނެވެ. އެ ތިން އުޅަނދުގެ ބަދަލުގައި އިންޑިއާ އިން އެހެން އުޅަނދުތަކެއް ގެނައުމުގެ ނިންމުމެއް ނިންމާފައި ނެތް ކަަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްއެންޑީއެފް

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ރޭ ބުނީ، އައްޑޫގައި އޮތް ހެލިކަޕްޓަރު މަރާމާތަށް އަނބުރާ ގެންދިއުމަށްޓަކައި، ޓެސްޓު ފްލައިޓުތަކެއް މިއަދު އޮންނާނެ ކަމަށެވެ. އެ ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ރާއްޖޭގައި ދެން ބޭނުން ކުރާނެ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު މާދަމާ އައްޑު އަށް ދާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އަބްދުއްރަހީމް ވިދާޅުވީ، އައްޑޫގައި އޮންނަ ހެލިކޮޕްޓަރު މަރާމާތު ކޮށްގެން ރާއްޖެ ގެނެވެންދެން އާންމު އުސޫލުގެ މަތިން ވަގުތީ ހެލިކޮޕްޓަރެއް އަބަދުވެސް އިންޑިއާ އިން ގެންނަ ކަމަށެވެ.

"އަވާސް ހަމަވީމާ ސާވިސް ކުރަން އަބަދުވެސް ހެލިކޮޕްޓަރު އިންޑިއާ އަށް ގެންދާނެ. އެ މުއްދަތަށް ވަގުތީ ގޮތުން ގެންނަ ހެލިކޮޕްޓަރު ހިފައިގެން އިންޑިއާގެ މަނަވަރު އެ އަންނަނީ. އައްޑޫގައި މިހާރު އޮންނަ ހެލިކޮޕްޓަރު ގެންދާނީ ވެސް އެ މަނަވަރުގައި. އެއީ އަބަދުވެސް އަމަލުކުރާ އުސޫލެއް،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ ތިން އުޅަނދު އޮޕަރޭޓްކުރަން ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުގެ ސިވިލިއަނުން ގެންނަން ފަށާފައިވާއިރު، ދިވެހިން އެ ކަމަށް ތަމްރީނު ކުރުމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު، އެ މަނިކުފާނު ވަނީ އިންޑިއާ ސަރުކާރަށް އެ ހުށަހެޅުން ހުށަހަޅުއްވައިފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އިންޑިއާގެ ސިފައިން ބާލާނީ ޑިޕްލޮމަސީގެ ތެރެއިން ދެ ގައުމުގެ ސަރުކާރުން ވާހަކަ ދައްކައިގެން އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށެވެ.