Roadha Mihaaru
ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން އެއްބަސްވެއްޖެ

ދައުރުން ބޭރުގެ ޖަލްސާއެއް އަންނަ މަހު ބާއްވަން އެއްބަސްވެއްޖެ

20 ޑިސެމްބަރ 2018

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް އަންނަ މަހުގެ ތެރޭގައި ބޭއްވުމަށްޓަކައި މަސައްކަތް ކުރުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުން މިއަދު އެއްބަސްވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް އަންނަ މަހުގެ ތެރޭގައި ބޭއްވުމަށްޓަކައި މަސައްކަތް ކުރުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުން މިއަދު އެއްބަސްވެއްޖެ އެވެ.

މިގޮތަށް އެއްބަސްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ދެ ގަޑިއިރުގެ ބައްދަލުވުމުގަ އެވެ.

ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބާއްވަން ހަތަރު ލީޑަރުން މަސައްކަތް ފެއްޓެވި އިރު، މުހިއްމު ބިލްތަކަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނީ އަދަދަށް މެންބަރުން މަޖިލީހުގެ ޖަލްސާގައި ވަޑައިގެން ނެތުމުން، އެ ބިލްތަކަށް ވޯޓަށް ނާހައި، މިދިޔަ ހޮނިހިރު ދުވަހު ވަނީ މެމްބަރުން ޗުއްޓީއަށް ވަޑައިގެންފަ އެވެ. އެހެންވެ، ރައްޔިތުންނާ ގުޅުން ހުރި އެ ބިލްތައް އަދިވެސް ހުރީ މަޖިލީހުގައި ގޮތެއް ނުނިމި އެވެ.

ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮވެމެ، ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވެގެން އެ ބިލްތަކަށް ވޯޓަށް ނޭހުނު މައްސަލައިގައި ކޯލިޝަންގެ ތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިއްޔެ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ފާސް ކުރުމަށާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުން ބޭއްވެވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މަޖިލިހުގެ މެމްބަރުން މިވަގުތު ޗުއްޓީގައި ތިއްބެވި އިރު، އަންނަ މަހު ޖަލްސާ ބޭއްވުމާ ގުޅޭ ގޮތުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު، ހޮޓެލް ޖެންއިން ވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު، ހޮޓެލް ޖެންއިން ވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ އެކު އެ މަޝްވަރާތައް ކުރިއަށް ގެންގޮސް، ޖެނުއަރީ މަހުގެ ތެރޭގައި ޖަލްސާ އަކަށް ގޮވާލެވޭތޯ މަސައްކަތް މިކުރަނީ،" މަގާމުގެ ހުވާކުރެއްވި ފަހުން ބޭއްވެވި ކޯލިޝަންގެ ލީޑަރުންގެ ފުރަތަމަ ބައްދަލުވުމުގެ މަޝްވަރާތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ނުކުރެވި، މުހިންމު ކަންތައްތަކެއް ހުރުމުން އެކަން ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވި ކަމަށެވެ. އެގޮތުން، އަންނަ މަހު ޖަލްސާއެއް ބާއްވައިގެން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ކަންކަމާ މެދު ގޮތެއް ނިންމުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވާނީ ވަރަށް އުފެއްދުންތެރި ގޮތަކަށް، ބިނާ ކުރުވަނިވި ގޮތަކަށް، ވަރަށް ނަތީޖާ ފެންނަ ގޮތަކަށޭ ބައްދަލުވުން މި ދިޔައީ،" މައުމޫން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސް ނުވެ، މަޖިލީހުގެ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންފައިވާއިރު، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހުރި ކަންކަން ބާރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު، ނަޝީދު މީޑިއާއާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު، ނަޝީދު މީޑިއާއާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަޝީދު ދެއްކެވި ވާހަކަތަކަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވައި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ މަޖިލީހުން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އޭގެ ބޭރުން ކަންކަން ނުކުރެއްވޭނެ ކަމަށެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިރު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް އޮތީ މި މަހުގެ 1 އިން ފެށިގެންނެވެ. އެކަމަކު، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން އިތުރު 15 ދުވަހަށް ޖަލްސާތައް ދިގު ދަންމާލަން ފާސް ކުރި އެވެ.

އަދި މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާގައި ސަރުކާރުން ފޮނުވާފައި ހުރި ބިލްތައް ވޯޓަށް ނޭހުނީ، އެ ބިލްތަކަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަމަށް ވެފައި، އެކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތުމުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންނެވެ. އެ ދުވަހުގެ ޖަލްސާގައި ބިލްތަކަށް ވޯޓަށް އެހޭ ގޮތް ނުވީ ހަތަރު މެމްބަރަކު މަދުވެގެންނެވެ.

ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ޖަލްސާ އަށް ވަޑައިނުގަންނަވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ތިއްބެވި އިރު، އިދިކޮޅު ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ޖަލްސާ ވަނީ ބޮއިކޮޓް ކުރައްވައިފަ އެވެ. އެ މެމްބަރުން ޖަލްސާ ބޮއިކޮޓް ކުރެއްވީ ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ، އެކަމާ ކަންބޮޑުވުން ފާޅުކުރުމަށް ފަހު އެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު، ގާސިމް މީޑިއާއާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު، ގާސިމް މީޑިއާއާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ގާސިމް މިއަދު ވިދާޅުވީ މުހިންމު ބިލްތަކަކަށް ވޯޓަށް ނޭހި ދިއުމުން، މަޖިލީހުގެ ފަހު ދައުރު ދިގު ދަންމާލަން ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެކަމަކު، އެއްވެސް ބޭފުޅަކު، ދައުރު ދިގު ދަންމާލަން ފަހުން ބޭނުން ނުވި ކަމަށް ގާސިމް ވިދާޅުވި އެވެ.

"މަޖިލިސް ޗުއްޓީ އަށް ދިޔައީ އެ މަސައްކަތް ބާއްވައިފަ އެއް ނޫނޭ. އެ ދެއްކެވި ވާހަކައަށް ވަރަށް ހިތާމަ ކުރަން،" ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ގާސިމް ވިދާޅުވި އެވެ.

"އެބޭފުޅުން [ދައުރު ދިގު ދަންމާލަން] ހުށަނޭޅީމަ އަޅުގަނޑު [ޗުއްޓީގެ ކަންކަން] ކުރިއަށް ގެންދިޔައީ،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހްގެ ރިޔާސަތުގެ ދަށުގައި، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ކަންކަމުގައި 43 މެމްބަރުން ނެތް އިރެއްގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް ނެގިޔަސް، މަސީހު އަމަލު ކުރެއްވި ގޮތަށް އަމަލު ނުކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު އެކަން ކުރުމުގައި [ޗުއްޓީއަށަ ދިއުމުގައި] އަމިއްލަ ބޭނުމެއް ނެތް،" ގާސިމް ވިދާޅުވި އެވެ.