Roadha Mihaaru
ކޯލިޝަން ސަރުކާރު ދެމިއޮންނާނެ: ރައީސް

ނަތީޖާ ކޮންމެ ގޮތަކަށް ދެއްކިޔަސް ކޯލިޝަން ސަރުކާރު ދެމިއޮންނާނެ: ރައީސް

07 އެޕްރީލް 2019

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނަތީޖާ ނުކުތް ގޮތުން، އެމްޑީޕީން ބޮޑު ކާމިޔާބެއް ހޯދިޔަސް ސަރުކާރު ކޯލިޝަނަށް ވާނެ ގެއްލުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނަތީޖާ ނުކުތް ގޮތުން، އެމްޑީޕީން ބޮޑު ކާމިޔާބެއް ހޯދިޔަސް ސަރުކާރު ކޯލިޝަނަށް ވާނެ ގެއްލުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް 68 ގޮނޑި ލިބެ އެވެ. މިއީ މަޖިލީހުގެ ތާރީޚުގައި މިހާ ގިނަ އަދަދެއްގެ ގޮނޑި އެއް ޕާޓީއަކުން ނެގި ފުރަތަމަ ފަހަރެވެ.

ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ ދިވެހިންނަށް ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގެ ހުރިހާ ކަމެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަމާންކަމާއި އޮމާންކަމާ އެކީގައި ކުރިއަށް ދިއުމަކީ ވެސް ލިބިވަޑައިގަތް ކާމިޔާބެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ދިިން ގެއްލުންތަކާ ދެކޮޅަށް ނުކުމެ، ކާމިޔާބު ހޯދި ކޯލިޝަންގެ ޕާޓީތަކުގެ ލީޑަރުންގެ މަތިން ހަނދާނެއް ނުނެތެ އެވެ. އަދި އެ ލީޑަރުންނާ އެކު އަދިވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

"އަޅުގަނޑު (ސަރުކާރު ކޯލިޝަންގެ) ލީޑަރުންނާ އެކުގައި ދެމިހުރެ، ރައްޔިތުންނަށް ކޮށްދޭން ބުނި ކަންކަން ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ބަޔާނުގައި ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. ހާއްސަކޮށް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އަށް މަރުހަބާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ފުރިހަމަކޮށްދިނުމަށް ކަންކަން ކުރި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ހިންގުމުގައި އަދިވެސް ގޮންޖެހުންތައް ހުރި ކަމަށެވެ. އަދި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ހުރި ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރާއްޖޭގެ ތިން ސިޓީގެ 25 ގޮނޑީގެ ތެރެއިިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެމްޑީޕީ އަށް ގެއްލެނީ މާލެ ސިޓީގެ ވިލިމާލެ ގޮނޑި އެކަންޏެވެ. އެގޮތުން މާލޭގެ ބާކީ ހުރި 14 ގޮނޑި އާއި އައްޑޫ ސިޓީގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީގެ ތިން ގޮނޑި ކާމިިޔާބުކުރީ އެމްޑީޕީންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ އަށް ލިބިފައި ވަނީ އެންމެ ހައެއްކަ ގޮނޑި އެވެ. އަދާލަތު ޕާޓީ އަށް އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ނުކުތް އެއްވެސް ކެންޑިޑޭޓަކަށް ވެސް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ.