Roadha Mihaaru
ރަންވީރު ފުރަތަމަ ބޭނުންވީ ކްރިކެޓް ކުޅެން

ރަންވީރު ސިންގް ފުރަތަމަ ބޭނުންވީ ކްރިކެޓް ކުޅުންތެރިއަކަށް ވާން

26 ޑިސެމްބަރ 2018

އެކްޓަރަކަށްވުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ބޭނުންވި ކަމަކީ ކްރިކެޓް ކުޅުންތެރިއަކަށްވުން ކަމަށް ޒުވާން އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރަކަށްވުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ބޭނުންވި ކަމަކީ ކްރިކެޓް ކުޅުންތެރިއަކަށްވުން ކަމަށް ޒުވާން އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.

ފިލްމު ކުޅެން ފެށިތާ އަށް އަހަރުގެ ތެރޭގައި ސުޕަސްޓާރެއްގެ ދަރަޖަ ހޯދާފައިވާ 33 އަހަރުގެ އެކްޓަރު ބުނި ގޮތުގައި ކްރިކެޓް ދަނޑުން އޭނާ ނުފެނުނީ ފުރުސަތު ނުދިނުމުންނެވެ. ބަތަލާ ދީޕިކާ ޕަދްކޯންއާ ކައިވެނިކޮށްގެން އުޅޭ ރަންވީރު ބުނި ގޮތުގައި އޭނާ ތަމްރީނު ހަދަން ދިޔަ މުމްބާއީގެ ޙާރް ގިމްހާނާ އިން ބޭރުކޮށްލީ ޕްރެކްޓިސްތަކަށް ލަސްވެ، ފަރުވާ ކުޑަވާން ފެށުމުން ކަމަށެވެ.

އޭރު އޭނާގެ ކޯޗަކަށް ހުރީ 1983 ގައި އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް އުފުލި އިރު ޓީމްގައި ހިމެނުނު ކުޅުންތެރިޔާ މޮހިންދަރު އަމަރުނާތު އެވެ. އޭނާއަކީ މުބާރާތުގެ ފައިނަލް މެޗްގެ މޭން އޮފް ދެ މެޗް ވެސް ހާސިލުކުރި ކުޅުންތެރިޔާ އެވެ.

އަށްޑިހަ ތިނެއްގެ އެ މުބާރާތަށް ބިނާކޮށް ކަބީރު ހާން ހަދާ ފިލްމު "83" ގައި އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ކެރެކްޓާ ރަންވީރު ކުޅޭ ފިލްމުގެ މަސައްކަތް ފަށަން އޭނާ ތައްޔާރުވަމުން އަންނަ އިރު، ރަންވީރު ބުނީ ޕްރެކްޓިސް އިން އޭނާ ބޭރުކޮށްލުމަކީ ރަނގަޅަށްވި ކަމަކަށް ވެދާނެ ކަމަށެވެ.

"އެހެން ނޫން ނަމަ މިއަދު އަހަރެން އެކްޓަރެއްގެ ގޮތުގައި ނުފެންނާނެ ކަންނޭނގޭ،" 2010 ގައި ފިލްމު "ބޭންޑް ބާޖާ ބާރާތު" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ބުންޏެވެ.

ކުޑައިރު ކްރިކެޓް ކުޅުންތެރިއަކަށްވުމުގެ ހުވަފެން ދެކުނު ރަންވީރަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި އެއް އެކްޓަރެވެ. އަދި އޭނާ ވަނީ މިހާތަނަށް ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބައެއް ޑައިރެކްޓްރުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.

އެގޮތުން ސަންޖޭ ލީލާ ބަންސާލީގެ ތިން ފިލްމެއްގައި ރަންވީރު މަސައްކަތްކޮށްފައިވާ އިރު އޭނާ ވަނީ އަދިތިޔާ ޗޯޕްޅާ، މަނީޝް ޝަރުމާ، ޒޯޔާ އަހްތަރު، އަލީ އައްބާސް ޒަފަރު އަދި ރޯހިތު ޝެޓީ ފަދަ ކާމިޔާބު ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްފަ އެވެ.

ރަންވީރު ކުރިއަށް އޮތް ފިލްމަކީ ރޯހިތު ޑައިރެކްޓްކޮށް އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަ "ސިމްބާ" އެވެ. އަދި އޭނާ ވަނީ ކަރަން ޖޯހަރުގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ 2020 ގައި ރިލީޒް ކުރާ "ތަހުތު" އެވެ.

އަންނަ އަހަރު ރިލީޒް ވާނެ ރަންވީރުގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީ މަހުގެ 19 ގައި ރިލީޒް ކުރާ ޒޯޔާގެ "ގަލީ ބޯއި" އެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ރަންވީރު ފެނިގެންދާ "83" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް، 30، 2019 ގަ އެވެ.