Roadha Mihaaru
މި އަހަރުގެ ކްރިކެޓް ވޯލްޑް ކަޕަށް ވެސް ފިލްމެއް ހަދައިފާނެ

މި އަހަރުގެ ކްރިކެޓް ވޯޑްލް ކަޕް އިންޑިއާ ކާމިޔާބުކޮށްފި ނަމަ ފިލްމެއް ހަދަނީ

02 ޖުލައި 2019

މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބުކޮށްފި ނަމަ، އެކަމަށް ބިނާކޮށް ވެސް ފިލްމެއް ހަދާނެ ކަމަށް ޑައިރެކްޓަރު ކަބީރު ހާން މިހާރު ހަދަމުން އަންނަ ކްރިކެޓް ފިލްމު "83" ގެ ކޯ-ޕްރޮޑިއުސަރު މަދޫ މަންޓޭނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބުކޮށްފި ނަމަ، އެކަމަށް ބިނާކޮށް ވެސް ފިލްމެއް ހަދާނެ ކަމަށް ޑައިރެކްޓަރު ކަބީރު ހާން މިހާރު ހަދަމުން އަންނަ ކްރިކެޓް ފިލްމު "83" ގެ ކޯ-ޕްރޮޑިއުސަރު މަދޫ މަންޓޭނާ ބުނެފި އެވެ.

އޭނާ ބުނީ މި އަހަރުގެ މުބާރާތް އިންޑިއާ ކާމިޔާބުކުރުން ވެސް ވަރަށް ހާއްސަ ކަމަކަށް ވާނެ ކަމަށާއި މުޅި ގައުމު އޮތީ މުބާރާތުން އިންޑިއާ ނެރޭ ނަތީޖާ އަށް ބަލަބަލައި ކަމަށެވެ. އެހެންވެ ކްރިކެޓަށް މަރުދޭ އިންޑިއާ އިން މި އަހަރުގެ މުބާރާތް ކާމިޔާބުކޮށްފި ނަމަ، އެކަމަށް އިންޑިއާގެ ޓީމް ކުރި މަސައްކަތް ފިލްމެއްގެ ގޮތުގައި ގެނެސް ދޭނެ ކަމަށް ބުންޏެވެ.

"އެ މަޝްވަރާތަކުގެ ތެރޭގައި އަހަރެމެން މި އުޅެނީ،" އުޅުތާ ޕަންބާޖް އާއި ގަޖްނީ ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު ބުންޏެވެ.

ކަބީރުގެ "83" އަކީ އިންޑިއާ އިން ކާމިޔާބު ކުރި 1983 ގެ ވޯލްޑް ކްރިކެޓް މުބާރާތަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން އިނގިރޭސިވިލާތުގައި ވަރަށް ބާރަށް ކުރިއަށްދާ އިރު، އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލް ފިލްމުގައި ކުޅެނީ ރަންވީރު ސިންގެވެ. އަދި ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލުން ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯން ވެސް ފެނިގެން ދާނެ އެވެ.

އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސާގިބް ސަލީމް، ތާހިރު ރާޖް ބާސިން، އައްމީ ވާކް، ސާހިލް ޙައްތަރު، ޗިރާގް ޕަޓިލް، އަދިނާތު ކޮތާރޭ، ހާޑީ ސަންދޫ، އާރް ބަދުރީ، ދައިރިއާ ކަރްވާ، ޑިންކަރު ޝަރުމާ، ޖަތިން ސަރްނާ އަދި ނިޝާންތު ދަހިޔާ ހިމެނެ އެވެ. މިއިން ކޮންމެ އެކްޓަރަކު ފެނިގެން ދާނީ 83 ގެ ޓީމްގައި ތިބި ކުޅުންތެރިންގެ ރޯލެވެ.

އަދި ޓީމްގެ މެނޭޖަރު/ޕީއާރްގެ ގޮތުގައި ފެނިގެން ދާނީ ޕަންކަޖް ތުރިޕަތީ އެވެ.

ރިލަޔަންސް އެންޓަޓައިންމަންޓާއި ސާޖިދު ނަދިއަދުވާލާގެ އިތުރުން މަދޫ ގުޅިގެން ގެނެސްދޭ "83" ސިނަމާތަކަށް އަންނާނީ އެޕްރީލް 10، 2020 ގަ އެވެ.

މެއި މަހުގެ 30 ގައި ފެށި މި އަހަރުގެ 12 ވަނަ އައިސީސީ ވޯލްޑް ކަޕް މި މަހުގެ 14 އާ ހަމަށް ކުރިއަށް ދާނެ އެވެ. މުބާރާތް ކުރިއަށް ދަނީ އިނގިރޭސިވިލާތާއި ވޭލްސްގަ އެވެ.