Roadha Mihaaru
ކްރިކެޓް ތަރި ކަޕިލްގެ ގޮތުގައި ރަންވީރު ދައްކާލައިފި

ކްރިކެޓް ތަރި ކަޕިލް ދޭވްގެ ގޮތުގައި ރަންވީރު ސިންގް ދައްކާލައިފި

07 ޖުލައި 2019

އިންޑިއާ އިން 1983 ގައި ކާމިޔާބުކުރި ކްރިކެޓް ވޯޑް ކަޕަށް ބިނާކޮށް ހަދާ ފިލްމު "83" ގައި އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލުން އެކްޓަރު ރަންވީރު ސިންގް ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ އިން 1983 ގައި ކާމިޔާބުކުރި ކްރިކެޓް ވޯޑް ކަޕަށް ބިނާކޮށް ހަދާ ފިލްމު "83" ގައި އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލުން އެކްޓަރު ރަންވީރު ސިންގް ފެންނާނެ ގޮތް ދައްކާލައިފި އެވެ.

ޓްވިޓާގައި އާންމުކޮށްފައިވާ ފަސްޓްލުކްގައި ފެންނަނީ ރަންވީރު މަތިމަހަކާ އެކު ތަންކޮޅެއް ހިކިކޮށް ހުއްޓަ އެވެ. އަދި އޭނާގެ ގައިގެ ކުލަ ވެސް ހުރީ ތަންކޮޅެއް އަނދިރިކޮށެވެ. ބޮލުގެ އިސްތަށިގަނޑި ހުރީ އޭރު ކަޕިލްގެ އިސްތަށިގަނޑު ހުރި ސްޓައިލަށެވެ.

މި ފޮޓޯ އާއި ކަޕިލް އޭރު ހުރި ގޮތާ އަޅާކިޔައިފި ނަމަ، ލުކްގައި ވަރަށް އެއްގޮތް ކަމެއް ހުރިކަން ފޮޓޯ އަށް ކޮމެންޓް ކުރި ބައެއް މީހުން ވެސް ފާހަގަކޮށްފައިވެ އެވެ.

މިހާރު އިނގިރޭސިވިލާތުގައި ޝޫޓް ކުރަމުން އަންނަ "83" އަށް ކާސްޓާއި ކްރޫ މިދިޔަ މަހު ފުރައިގެން ދިޔައީ އިންޑިއާގައި ހައެއްކަ ހަފުތާގެ ޓްރޭނިންތަކެއް ހަދައި، ފިލްމަށް ވަރަށް ބޮޑަށް ފިޒިކަލީ ތައްޔާރުވެގެންނެވެ. އެހެންވެ ކަބީރު ހާން ޑައިރެކްޓް ކުރާ ފިލްމުން 83 ގެ މުބާރާތުގައި ހިއްސާވި ހުރިހާ ކުޅުންތެރިން ވަރަށް އަސްލާ އެއްގޮތަށް ދައްކުވައި ދޭނެ އެވެ.

ރަންވީރު، ކަޕިލްއާ އެކު.

މި ފިލްމުގައި ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލުން ރަންވީރުގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ވެސް ފެނިގެން ދާނެ އެވެ.

އަންނަ އަހަރު ރިލީޒް ކުރާ "83" ގެ ކާސްޓުންގެ ތެރޭގައި ސާގިބް ސަލީމް، ތާހިރު ރާޖް ބާސިން، އައްމީ ވާކް، ހާޑީ ސަންދޫ، ޖީވާ، ސާހިލް ޙައްޓަރް، ޗިރާހް ޕަޓިލް، އަދިނާތު ކޮތާރޭ، ދައިރިޔާ ކަރްވާ، ޑިންކަރު ޝަރުމާ ޖަތިން ސަރުނާ، ނިޝާންތު ދަހިޔާ އަދި އާރް ބަދުރީ ހިމެނެ އެވެ. މިއިން ކޮންމެ އެކްޓަރަކު ފެންނާނީ 83 ގެ މުބާރާތް ކާމިޔާބު ކުރި ޓީމްގެ ކުޅުންތެރިއެއްގެ ރޯލުންނެވެ.

އަދި އޭރު ޓީމްގެ މެނޭޖަރު އަދި ޕީއާރްއަކަށް ހުރި މާން ސިންގްގެ ރޯލުން ފެނިގެން ދާނީ ޕަންކަޖް ތުރިޕަތީ އެވެ.

ދެހާސް ސަތާރައިގައި ރިލީޒް ކުރި ސަލްމާން ހާންގެ "ޓިއުބްލައިޓް" އަށް ފަހު ކަބީރު ގެނެސްދޭ "83" ރިލީޒް ކުރާނީ އެޕްރީލް، 10، 2020 ގަ އެވެ.