Roadha Mihaaru

އެކްޓަރަކަށް ނުވި ނަމަ ޓައިގާ ޝްރޮފް ކުޅޭނީ ފުޓްބޯޅަ

އެކްޓަރަކަށް ނުވި ނަމަ ވާނީ ފުޓްބޯޅަ ކުޅުންތެރިއަކަށް ކަމަށް، ބޮލީވުޑްގައި މިހާރު ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.

އެކްޓަރަކަށް ނުވި ނަމަ ޓައިގާ ކުޅޭނީ ފުޓްބޯޅަ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

27 ޑިސެމްބަރ 2018

އެކްޓަރަކަށް ނުވި ނަމަ ވާނީ ފުޓްބޯޅަ ކުޅުންތެރިއަކަށް ކަމަށް، ބޮލީވުޑްގައި މިހާރު ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.

އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ބުނި ގޮތުގައި ފުޓްބޯޅައަކީ އޭނާ ވަރަށް ކުޑައިރުއްސުރެ ވެސް ވަރަށް ބޮޑަށް ޝައުގުވެރިވި ކުޅިވަރަކެވެ. އަދި އެކްޓަރެއްގެ ގޮތުގައި 2013 ގައި ބޮލީވުޑަށް ނުކުތުމާ ހަމައަށް ގަވައިދުން ކޮންމެ ދުވަހަކު ވެސް ފުޓްބޯޅަ ކުޅެމުން ދިޔަ ކަމަށް މާޝަލް އާޓްސް އަށް ވެސް ކުޅަދާނަ ޓައިގާ ބުންޏެވެ.

"ހަމަ ޔަގީނުން ވެސް އެކްޓިން ޕްރޮފެޝަނުން އަހަރެން ނުފެނުނު ނަމަ ފެންނާނީ ފުޓްބޯޅަ ކުޅުންތެރިއެެއްގެ ގޮތުގައި،" މުމްބާއީ މިރާ އަށް އޭނާ ބުންޏެވެ.

ފިލްމު "ހީރޯޕަންތީ" އަށް ބޮލީވުޑަށް ނުކުމެ "ބާގީ" ފަދަ ވަރުގަދަ އަދި ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޓައިގާއަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ އުންމީދީ އެކެކެވެ. މި އަހަރު ރިލީޒް ކުރި އޭނާގެ "ބާގީ 2" އަކީ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ވެސް މެ އެވެ.

މި ފިލްމުގެ ތިން ވަނަ ބައި މާޗް، 6، 2020 ގައި ރިލީޒް ކުރާނެކަން އިއުލާންކޮށްފައިވާ އިރު، ޓައިގާ މިހާރު އަންނަނީ ފިލްމުގެ ޝޫޓިން ފަށަން ވެސް ތައްޔާރުވަމުންނެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މެއި 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ. މީގެ އިތުރުން އަންނަ އަހަރު ޓައިގާ އާއި ރިތިކް ރޯޝަން އެކީގައި ކުޅެފައިވާ ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އަދި ނަން އިއުލާންކޮށްފައި ނުވާ އެ ފިލްމުގެ ޝޫޓިން ދާދި ފަހުން ނިންމާލާފައިވާ އިރު، ފިލްމު ރިލީޒް ކުރާނީ އޮކްޓޯބަރު 2، 2019 ގަ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެ ފިލްމާ ބެހޭ ގޮތުން ޓައިގާ ބުނީ ރިތިކާ އެކު ފިލްމެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އެއީ ވަރަށް ފުރިހަމަ ސްކްރިޕްޓަކަށް ހަދާފައިވާ އަދި އަހަރެމެން ދެ މީހުންނަށް ވެސް ވަރަށް ޗެލެންޖިން ކެރެކްޓާތަކެއް ކުޅެލަން ލިބުނު،" ވާނީ ކަޕޫރު ބަތަލާގެ ރޯލް ކުޅޭ އަދި ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ޓައިގާ ބުންޏެވެ. "ރިތިކާ އެކު މަސައްކަތްކޮށްލަން ލިބުނީމަ ފުރަތަމަ ވެސް ގައިން ހީބިހި ނެގީ. އަހަންނަށް ވަރަށް ޔަގީން މި ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދާނެކަން."

ސިދާތު ޑައިރެކްޓް ކުރާ "ރާމްބޯ" ގެ ހިންދީ ރިމެކުން ވެސް ފެނިގެން ދާނީ ޓައިގާ، 28، އެވެ. އެ ފިލްމަކީ 2020 އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.